ވިޔަފާރި

25000 ޓަނުގެ ތެޔޮ ޓޭންކަރެއް އެސްޓީއޯއިން ގެނެސްފި


25000 ޓަނުގެ ތެޔޮ ޓޭންކަރެއް ރާއްޖެ ގެނެސް ތެލުގެ ވިޔަފާރީއަށް އެސްޓީއޯއިން ބޮޑު އިންގިލާބެއް ގެނެސްފިއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާގައި ތެލުގެ ވިޔަފާރިކުރާ އެސްޓީއޯއިން ގެނައި މިޓޭންކަރުގެ އަގަކީ 14.7 މިލިއަން ޑޮލަރު 226.9 މިލިއަން ދިވެހި ރުފިޔާއެވެ. މިދިޔަ ބުރާސްފަތި ދުވަހު ޖަރުމަނުވިލާތުން ގެނައި މި ޓޭންކަުގެ ނަމަކީ "އެމްޓީ އަލިމަސް" އެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު މައިގަނޑު ގޮތެއްގައި ބިނާވެފައި އޮންނަނީ ހަކަތައިގެ ގޮތުގައި ބޭނުންކުރާ ތެލުގެ މައްޗަށެވެ. ރާއްޖެއިން އެންމެ ބޮޑު ހަރަދެއް ކުރަނީވެސް ތެޔޮ އެތެރެކުރުމަށެވެ.

ތެލަށް ކުރާ ހަރަދުކުޑަކޮށް ތެލުގެ ވިޔަފާރި އިތުރަށް ވަރުގަދަކުރުމަށް ތެލުގެ ވިޔަފާރި އެންމެ ފުޅާދާއިރާއެއްގައި ކުރާ އެސްޓީއޯއިން މިވަނީ 25000 ހާސް ޓަނުގެ ތެޔޮ ރައްކާކުރެވޭ ޓޭންކަރެއް ރާއްޖެ ގެނެސްފައެވެ. ޖަރުމަނުވިލާތުން ގެނައި މި ޓޭންކަރުގެ އަގަކީ 14.7 މިލިއަން ޑޮލަރު 226.9 މިލިއަން ދިވެހި ރުފިޔާއެވެ. ކުރިން ރާއްޖެއަސް ތެޔޮ އެތެރެކުރުމަށް އެސްޓީއޯއިން ބޭނުންކުރަމުން ދިޔައީ 7000 ޓަނުގެ ޓޭންކަރެކެވެ. 

"އެމްޓީ އަލިމަސް" ނަމުން ނަންދީފައިވާ މި ތެޔޮ ޓޭންކަރުގެ ފުރަތަމަ ދަތުރު ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހަންމަދު ސައީދު ވިދާޅުވީ، ފުދުންތެރި އިޤްތިޞާދެއް އޮތް ޤައުމަކަށް ރާއްޖެ ހެދުމަކީ ރައީސް ޔާމީން ސަރުކާރުގެ އެންމެ މުހިއްމު އެއް ސިޔާސަތުކަމަށެވެ. ރާއްޖެއަށް އެތެރެކުރާ ތެލުގެ ފުރިހަމަ ކޮންޓްރޯލް އެސްޓީއޯގެ ދަށުގައި އޮތުމަކީ މުހިއްމު ކަމެއްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ވީހާވެސް ހެޔޮއަގެއްގައި ފޯރުކޮށްދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު ސިޔާސަތުކަމަށެވެ. މިގޮތުން އެސްޓީއޯއަށް އަލަށްގެނައި ތެޔޮ ޓޭންކަރަކީ ރައްޔިތުންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް އެޅުނު މުހިއްމު ފިޔަވަޅެއްކަމަށް ސައީދު ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/15171531890939.jpg|އެސްޓީއޯއަށް އަލަށް ގެނައި "އެމްޓީ އަލިމަސް" ތެޔޮ ޓޭންކަރު / ފޮޓޯ ޕީއެސްއެމް

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަހީރު ވިދާޅުވީ، އެކުންފުނިން އަލަށް ގެނައި ތެޔޮ ޓޭންކަރުގެ ސަބަބުން ހަކަތަ ޔަގީންކުރުމަށް މީގެ ފަހުން ބޭރުގެ އެހީ ހޯދަން ނުޖެހޭނޭކަމަށެވެ. މިގޮތުން އެމްޓީ އަލިމަސް ތެޔޮ ޓޭންކަރު ރާއްޖެ ގެނައުމާއިއެކު ރާއްޖޭގައި ތެލުގެ ސެކިއުރެޓީ ޔަގީންވެގެންދާނޭކަން ޝަހީރު ވިދާޅުވިއެވެ. އަދި މިކަމުގެ ސަބަބުން ތެލުގެ ވިޔަފާރިއަށް ދަތިތަކެއް ކުރިމަތިނުވެ ބޭނުންވާ ވަގުތުތަކުގައި ތެޔޮ ލިިބިގެންދާނެކަމަށް ޝަހީރު ވިދާޅުވިއެވެ.

އެސްޓީއޯއިން ރާއްޖެގެނައި 25000 ޓަނުގެ ތެއޮ ޓޭންކަރަކީ ސާކް ސަރަހައްދުގައިވެސް މިވަގުތު އޮތް އެންމެ ބޮޑު ތެޔޮ އުފުލާ ޓޭންކަރެވެ. 

އަދުގެ ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު އެސްޓީއޯއިން ވަނީ ތެޔޮ ރައްކާކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ފަށާފައެވެ. އަލަށް ގެނައި ތެޔޮ ޓޭންކަރުގެ ސަބަބުން އެސްޓީއޯގެ ތެޔޮ ރައްކާކުރާ ރަށް ފުނަދޫގައި ތެޔޮ ރައްކާކުރެވޭ މިންވަރު ހަތަރު ގުނައަށް އިތުރުވެގެން ދާނޭކަމަށް އެސްޓީއޯއިން ބުނެއެވެ. މީގެކުރިން ފުނަދޫގައި ރައްކާކުރެވެނީ އެއްމަހަށް ވާވަރަށެވެ. ނަމަވެސް އަލަށްގެނައި ތެޔޮ ޓޭންކަރާއިއެކު މަދުވެގެން ހަތަރު މަހުގެ ތެޔޮ ރައްކާކުރެވޭނެއެވެ.

img:http://s4.psmnews.mv/images/660x400/15171531470025.jpg|އެސްޓީއޯއަށް އަލަށް ގެނައި "އެމްޓީ އަލިމަސް" ތެޔޮ ޓޭންކަރު / ފޮޓޯ ޕީއެސްއެމް

އެސްޓީއޯއިން ބުނީ އަލަށްގެނައި ތެޔޮ ޓޭންކަރުގެ ސަބަބުން ބައިނަލްއަޤްވާމީ ބާޒާރުގައި ތެލުގެ އަގަށް އަންނަ ހެޔޮ ބަދަލު އެންމެ ފުރިހަމަ ގޮތުގައި ދިވެހިންނަށް ލިބިގެންދާނޭކަމަށެވެ. މިގޮތުން މީގެކުރިން ތެޔޮ ގެނައުމަށްކުރާ ހަރަދު އެތައް ތަނަކުން ކުޑަކުރެވި އެކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނޭކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ.