ޚަބަރު

އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ ފަށައިފި


ރާއްޖޭގެ ދަރިވަރުންނަށް މެލޭޝިޔާގައި ހުރި މަތީ ތަޢުލީމުގެ ފުރުސަތުތަކާއިބެހޭ މަޢުލޫމާތު ހިއްސާކުރުމަށް ބާއްވާ އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ ފަށައިފިއެވެ.  

ދަރުބާރުގޭގައި ކުރިއަށް ދާ އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ ހުޅުއްވާ ދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރެވެ. މިއެކްސްޕޯ ހުޅުއްވާދެއްވުމަށްފަހު ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ ވަނީ މިއީ ދިވެހި ދަރިވަރުންނަށް ލިބޭ ވަރަށް ފަހި ފުރުސަތެއްކަން ފާހަގަކުރައްވާ، އެކްސްޕޯ އިންތިޒާމްކުރާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ދެދުވަހުގެ މުއްދަތަށް ބާއްވާ އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯއަކީ މިދިޔަ ޑިސެމްބަރުމަހު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް މެލޭޝިޔާގެ ބޮޑުވަޒީރު ނަޖިބް ރައްޒާޤް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، ދެޤައުމުގެ މެދުގައި ސޮއިކުރެއްވި ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގެ ދަށުން ބާއްވާ އެކްސްޕޯއެކެވެ. މިއެކްސްޕޯ އިންތިޒާމް ކޮށްފައިވަނީ މެލޭޝިޔާގެ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ހިންގާ މެލޭޝިޔާ ގްލޯބަލް ސާރވިސަސްއާ ރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ޑިޕާޓްމަންޓް ގުޅިގެންނެވެ.

އެކްސްޕޯއާބެހޭ ގޮތުން މަޢުލޫމާތު ދެއްވަމުން ހަޔަރ އެޑިއުކޭޝަން ޑިޕާރޓްމަންޓްގެ ޑިރެކްޓަރ އިބްރާހިމް ނަސީމް ވިދާޅުވީ މިއީ ރާއްޖޭގެ ދަރިވަރުންނަށް މެލޭޝިޔާގައި ކިޔެވުމަށް ހުރި ފުރުސަތުތަކާއިބެހޭ މަޢުލޫމާތު ދިނުމަށް ބާއްވާ އެކްސްޕޯއެއް ކަމަށެވެ. އަދި ރާއްޖެއާއި މެލޭޝިޔާއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޭން ނިންމާފައިވާ ސްކޮލަޝިޕް ފުރުސަތުތައް މާދަމާ އިއުލާންކުރާނެކަމަށް ނަސީމް ވިދާޅުވިއެވެ. 

އެކްސްޕޯއާބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މެލޭޝިޔާގެ ޗީފް އޮޕަރޭޓިން އޮފިސަރ ނޮވީ ބިން ތާޖުއްދީން ވިދާޅުވީ މިއެކްސްޕޯއަކީ މަތީ ތަޢުލީމް ހާސިލްކުރަން ބޭނުންވާ ރާއްޖޭގެ ފަރާތްތަކަށް އޮތް ރަގަނޅު ފުރުސަތެއްކަމަށެވެ. އަދި މިފެއަރގެ ތެރެއިން މެލޭޝިއާގެ 17 ކޮލެޖާއި ޔުނިވާރސިޓީތަކުން ލިބެން ހުރި މަތީ ތަޢުލީމްގެ ފުރުސަތުތަކުގެ މަޢުލޫމާތު ލިބޭނެކަމަށެވެ.

އެޑިއުކޭޝަން މެލޭޝިއާ އެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖެއިން މެލޭޝިޔާއަށް ކަޑައަޅާފައި ހުންނަވާ ސަފީރު މުޙައްމަދު ފަހްމީ ހަސަންގެ އިތުރުން އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސާރވިސެސްގެ ޗީފް އޮޕަރޭޓިން އޮފިސަރ ނޮވީ ބިން ތާޖުއްދިން ބައިވެރިވެވަޑައިގެނެންނެވިއެވެ.