ޚަބަރު

ގެވެށިއަނިޔާގެ ދިރާސާއާ ގުޅޭ ޤައުމީ މަހާސިންތާ ފަށައިފި


ގެވެށިއަނިޔާ ހުއްޓުވުމަށް ހުރިހާ މުއައްސަސާއެއް ގުޅިގެން މަސައްކަތްކުރާނެ ފުރިހަމަ ނިޒާމެއް ޤާއިމްކޮށް، އާންމުން ގެވެށިއަނިޔާގެ ޤާނޫނަށް މިހާރަށްވުރެ ބޮޑަށް އަހުލުވެރިކުރުން މުހިންމުކަމަށް ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނާޒިން މިހެން ވިދާޅުވީ ގެވެށިއަނިޔާއާ ގުޅޭ ދިރާސާތަކުގެ ޤައުމީ މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ގެވެށި އަނިޔާއާ ގުޅޭ ދިރާސާތަކުގެ ޤައުމީ މަހާސިންތާއަކީ ޔޫ.އެން.ޑީ.ޕީގެ އެހީތެރިކަމާއެކު މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީއާ، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ހޮޓެލް ޖެންގައި ދެދުވަހުގެ މުއްދަތައް ކުރިޔަށް ގެންދާ މަހާސިންތާއެކެވެ.

މިމަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ގެވެށިއަނިޔާ ހުއްޓުވޭނީ އާއިލާއާއި މުޅި މުޖުތަމައުގެ ޒިންމާއަކަށް އެކަން ހަދައިގެންކަމަށެވެ. އަދި ގެވެށި އަނިޔާގެ އަމަލުތައް ފެށެނީ ގޭތެރެއިން ކަމުން މިކަން ހުއްޓުވުމުގެ އެންމެ ބޮޑު އެއް ޒިންމާއެއް އަދާކުރެވޭނީ އާއިލާގެ ތެރެއިން ކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ ގެވެށިއަނިޔާ ހުއްޓުވުމުގެ ޤާނޫނުތަކާއި ޤަވާއިދުތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، މިޤާނޫނުތައް ތަންފީޒުކުރުމުގެ މަސައްކަތް މުވައްސަސާތައް ގުޅިގެން ކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރުން މުހިންމުކަމަށެވެ.

މިމަހާސިންތާއަކީ ސަރުކާރުގެ މުވައްސަސާތަކާ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަކިވަކި ތަޖުރިބާކާރުން ބައިވެރިވާ މަހާސިންތާއެކެވެ. މިމަހާސިންތާގައި ގެވެށިއަނިޔާއާ ގުޅޭގޮތުން ތަފާތު ދިރާސާތައް ތައްޔާރުކުރުމަށް މުއައްސަސާތަކަށާއި، ޖަމްޢިއްޔާތަކާއި، ވަކިވަކި ފަރުދުންނަށް ހިތްވަރުދީ، އެފަދަ ދިރާސާތައް ހުށަހަޅައި، ދިރާސާތަކުގެ ހޯދުންތަކާގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެއެވެ. ގެވެށި އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމާއި، މިކަން ކުރާ ފަރާތްތަކަށް އިސްލާހުވުމަށް ފުރުޞަތުދިނުމަށް ކުރެވޭނެކަންކަމާ ބެހޭ ގޮތުންވެސް މި މަހާސިންތާގައި މަޝްވަރާކުރެވޭނެކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެއެވެ.

މި މަހާސިންތާ ހުޅުވުމުގެ ރަސްމިއްޔާތުގައިވަނީ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ވެބްސައިޓާއި، ގެވެށިއަނިޔާއަށް ޚާއްސަ މޯބައިލް އެޕެއް ތައާރަފްކޮށްފައެވެ. މިއެޕްއަކީ ގެވެށިއަނިޔާގެ ޤާނޫނަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ލޯންޗްކުރި އެޕެއްކަމަށް އެފް.ޕީ.އޭއިން ބުނެއެވެ.