ކޮރަޕްޝަނާ ދެކޮޅަށް ސަޢޫދީ ސަރުކާރުން ފެށި މަސައްކަތުގެ ތެރެއިން ހައްޔަރުކުރި ސަޢޫދީ ބިލިއަނަރު، ޕްރިންސް އަލްވަލީދު ބިން ތަލާލް ދޫކޮށްލައިފިއެވެ.
ސަޢޫދީ ޝާހީ ޢާއިލާގެ މެމްބަރު، އަދި ސަޢޫދީ އަރަބިއްޔާގެ އެންމެ މުއްސަނދި މީހާގެ ގޮތުގައި މަޝްހޫރުވެފައިވާ ޕްރިންސް އަލްވަލީދު ބިން ތަލާލު ހައްޔަރުކުރީ މިދިޔަ ނޮވެމްބަރުމަހުގެ ތެރޭގައެވެ.
ސަޢޫދީ އިސް އޮފިޝަލަކު ވިދާޅުވީ، ޕްރިންސް އަލްވަލީދު ދޫކޮށްލީ، ބަންޑާރަނައިބުއާއެކު އެއްބަސްވުމަކަށް އައުމަށްފަހުކަމަށެވެ. ނަމަވެސް އެއްބަސްވުމުގެ ތަފްސީލެއް ނުދެއްވައެވެ. ބެލެވޭ ގޮތުގައި ކޮރަޕްޝަނުގެ އެކި ތުހުމަތުތައް ކުރެވުނު އަލްވަލީދު ބަންދުން ދޫކޮށްލީ ފައިސާގެ ވަރަށް ބޮޑު އަދަދެއް ސަރުކާރަށް ދޭން އެއްބަސްވުމުންކަމަށް ޚަބަރުތައް ބުނެއެވެ. އަލްވަލީދުގެ މައްޗަށް ސަރުކާރުން ކުރާ ތުހުމަތުތަކުގެ ތެރޭގައި ރިޝްވަތުދިނުމާއި، މަނީ ލޯންޑަރިން ހިމެނެއެވެ.
img:http://s1.psmnews.mv/images/660x400/15171177298153.jpg|އަލް ވަލީދު، ބަންދުކޮށްފައި ތިބި އިތުރު ފަރާތްތަކާއެކު ރިޓްސް ކާލްޓަން ހޮޓަލުގައި
ބަންދުން ދޫކޮށްލުމުގެ ކުރިން ރޮއެޓާސްއަށް ދެއްވި އިންޓަވިއެއްގައި އަލްވަލީދު ވިދާޅުވީ އޭނާއާ މެދު ކަންތައް ކުރީ ވަރަށް ރަނގަޅަށްކަމަށެވެ. އަދި ކޮރަޕްޝަނާ ދެކޮޅަށް ސަޢޫދީ ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތަށް ފުރިހަމައަށް ތާޢީދުކުރައްވާކަމަށްވެސް ޕްރިންސް ވަލީދު ވިދާޅުވިއެވެ.
މިދިޔަ ނޮވެމްބަރުމަހުގެ ނިޔަލަށް ޕްރިންސް އަލްވަލީދުގެ ވިލްކިއްޔާތުގައި 17 ބިލިއަން ޑޮލަރު ހުރިކަމަށް ފޯބްސް އިން ބުނެއެވެ. ދުނިޔޭގެ ބޮޑެތި ކުންފުނިތައްކަމަށްވާ ޓްވިޓަރ އާއި ސިޓީ ގްރޫޕްގައިވެސް އޭނާގެ ބޮޑު ޚިއްސާއެއް އޮވެއެވެ.
img:http://s3.psmnews.mv/images/660x400/15171177725808.jpg|އަލްވަލީދު، އަނބިކަނބަލުންނާއެކު / އޭނާއަކީ ދުނިޔޭގެ އެންމެ މަޝްހޫރު މަހުޖަނުންގެ ތެރޭގައި ހިމެނޭ މީހެއް
ކޮރަޕްޝަނާ ދެކޮޅަށް ސަޢޫދީން ފެށި މަސައްކަތުގައި އަލްވަލީދާއެކު ސަޢޫދީ ޝާހީ ޢާއިލާއަށް ނިސްބަތްވާ އިތުރު ޕްރިންސުންތަކަކާއި ސަޢުދީގެ ވިޔަފާރިވެރިންތަކަކާއެކު ޖުމްލަ 200 އެއްހާ މީހުން ހައްޔަރުކުރިއެވެ. މީގެ ތެރެއިން ބައެއް ފަރާތްތައް ދޫކޮށްލާފައިވާއިރު، ދެން ތިބި ފަރާތްތައް އަދިވެސް ތިބީ ބަންދުގައެވެ. ހުރިހާ އެންމެންވެސް ބަންދުކޮށްފައި ތިބީ، އަލްވަލީދުވެސް ބަންދުކޮށްފައި ހުރި ސަޢޫދީގެ އެންމެ އަގުބޮޑު ރިޓްޒް ކާލްޓަން ހޮޓަލުގައެވެ. ޚަބަރުތައް ބުނާގޮތުން ބަންދުގައި މިހާރު ތިބި ފަރާތްތަކުން ސަރުކާރާއެކު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ވަރަށް އަވަހަށް ޖަލަކަށް ބަދަލުކުރާނެއެވެ.