ޚަބަރު

"މިސަރުކާރުން ޤާނޫނާ ޚިލާފަށް އެއްވެސް މީހަކު ހައްޔަރު ނުކުރާނެ"


މިސަރުކާރުން ޤާނޫނު އަސާސީއާއި ޤާނޫނާ ޚިލާފަށް އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމަށާއި ސިޔާސީ ކުށްވެރިން މިސަރުކާރުގައި ނުތިބޭނެކަމަށް ވެރިކަންކުރާ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ނައިބް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރިސް މައުމޫން ކޯޓު އަމުރެގެ ދަށުން ދެވަނަ ފަހަރަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމާއި ގުޅިގެން، ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ މިސަރުކާރުގައި ފުލުހުން މީހަކު ހައްޔަރުކުރާނީ ހައްޔަރުކުރަންޖެހޭ ފަދަ ޤަރިނާތަކެއް ހުރެގެންކަމަށާއި، ވަކި މީހަކަށްވީތީ ހައްޔަރުކުރަންޖެހޭ ހާލަތެއްގައި ހައްޔަރުނުކޮށް ނުހުންނާނެކަމަށެވެ. މިސަރުކާރަކުން ޤާނޫނާ ޚިލާފަށް އެއްވެސް މީހަކު ހިފާ ހައްޔަރު ނުކުރާނެކަމުގެ ޔަޤީންކަން ދެއްވަމުން ޢަބްދުއްރަހީމް ވިދާޅުވީ ޝަރުޢީ ނިޒާމަށް ނުފޫޒް ފޯރުވައިގެން މިސަރުކާރުން ކަންކަން ނުކުރާނެކަމަށާއި އެއީ މިސަރުކާރުގެ ސިޔާސަތެއް ނޫންކަމަށެވެ. ސަރުކާރުގެ ސިޔާސަތަކީ އެންމެންގެ މައްޗަށް ހަމަހަމައަށް ޤާނޫނު ތަންފީޒުކުރުން ކަމަށާއި، އެކަން މިސަރުކާރުން ވަރަށް ސާބިތުކަމާއެކު ކުރާނެކަމަށެވެ. އަދި ސަރުކާރުގައި ސިޔާސި ކުށްވެރިން ނުތިބޭނެކަމަށް ވިދާޅުވާ ވިދާޅުވުން ޢަބްދުއްރަޙީމް ތަކުރާރުކުރެއްވިއެވެ. ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިގެން ޖނާއީ ގޮތުން ހައްޔަރުކުރަންޖެހޭ ހައްޔަރުކުރުމަކީ އެއްވެސް ހާލެއްގައި ސިޔާސީ ކަމެއްގެ ގޮތުގައި ޤަބޫލްނުކުރައްވާކަން ފާހަގަ ކުރައްވަމުން ޢަބްދުއްރަޙީމް ވިދާޅުވީ، ފާރިސް ފުލުހުންގެ ބެލުމުގެ ދަަށަށް ގެންދިޔަ މައްސަލަ ސިޔާސީ ކުރައްވަނީ އިދިކޮޅު ފަރާތްތަކުންކަމަށެވެ.



"ސިޔާސީ އެއްވެސް މަޤްޞަދެއް އޮވެގެން އެއްވެސް މީހަކު މިސަރުކާރުން ހައްޔަރެއް ނުކުރާނެ. މިސަރުކާރުގައި ސިޔާސީ ކުށްވެރިންނެއް ނުތިބޭނެ. ނަމަވެސް ސިޔާސީ މަޤާމެއްގައި ހުންނަ މީހަކު ކުށްވެރިވެފައި ހުރެދާނެ. އޭގެ މާނައަކީ ސިޔާސީ ކުށްވެރިން ހުންނަނީކީއެއް ނޫން. ކިތަންމެ މަތީ މަޤާމެއްގައި ތިއްބަސް ޖިޏާޢީ ކުށަކަށް އަރައިގެންފިނަމަ އެމީހަކާ ޤާނޫނު އަރާ ހަމަކުރާނެ. މިއީ ރާވައިގެން ހިންގާ ކަމެއްނޫން. ރިޔާސީ އިންތިޚަބަށް ވެގެން ފާރިސް ހައްޔަރުކުރަންޖެހޭ އެއްވެސް ކަމެއް ނޮއޮންނާނެ ސިޔާސީ ގޮތަކުން. ޖިޏާއީ ކުށެއްގެ ތުހުމަތުކުރެވިގެން ޖނާއީ ގޮތުން ހައްޔަރުކުރަންޖެހޭ ހައްޔަރުކުރުމަކީ އެއްވެސް ހާލެއްގައި ސިޔާސީ ކަމެއްގެ ގޮތުގައި ޤަބޫލެއް ނުކުރާނަން. ސިޔާސީ ގޮތަކުން އެއްވެސް މީހެއްގެ ގައިގައި މިސަރުކާރުން އަތްނުލާނެ. މި މައްސަލަ ސިޔާސީ ކުރަނީ ސަރުކާރަކުން ނޫން. އިދިކޮޅު ފަރާތްތަކުން. އެބޭފުޅުން މަޤްޞަދަކީ ސަރުކާރާއި ރައްޔިތުން ޖެއްސުން. އާއިލާގެ ބައެއް ބޭފުޅުން ސިޔާސީ ކުރަމުން ގެންދަނީ. ސިޔާސީ ކުރަން ސަރުކާރުން އެއްވެސް ކަމެއް ނުކުރޭ" ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ. 

 ޢަބްދުއްރަޙީމް ވަނީ ކުރީގެ ސަރުކާރުން ކޯޓު އަމުރަކާނުޅާ ޤާނޫނީ އިމުން ބޭރުން މީހުން ހައްޔަރުކުރިކަން ފާހަގަކުރައްވާފައެވެ.

"ރައްޔިތުންގެ ހިތުގައި ރައީސް ޔާމީނަށް އޮތް އިތުބާރު ގެއްލުވާލަން ވާހަކަ ދައްކައިގެނެއް އެކަން ކުރަން ބޭނުންވަނީ، އެކަމެއް ނުވާނެ. ރައްޔިތުން އެއަށްވުރެ ހޭލުންތެރި. ރައްޔިތުންނަށް ފެނޭ ސަރުކާރުން ކުރާ ކަންކަން. އެބޭފުޅުން އެކުރަނީ ބޭކާރު ކަމެއް. މީގެ ކުރީ ސަރުކާރުން އެބަހުރި ސިޔާސީ ގޮތުން ބަޔަކު ހައްޔަރުކޮށްފައި. ރައީސް ޔާމީން ކޯޓު އަމުރަކާ ނުލާ ހައްޔަރުކޮށްފައި ދޫނިދޫގައި އެކަހެރިކޮށްފައި ބެހެއްޓި. ޢަބްދުﷲ ޤާޒީ ކޯޓު އަމުރަކާ ނުލާ ހައްޔަރުކުރި. މިސަރުކާރުން ކޯޓު އަމުރަކާ ނުލާ މީހަކު ބަންދުގައި ނުބަހައްޓާނެ." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން ޕީޕީއެމްގެ ތަރުޖަމާން އަދި ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަލީ ޢާރިފްވެސް ވިދާޅުވީ، މިސަރުކާރަކީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި އެއްގޮތަށް ހިންގާ ސަރުކާރެއްކަމަށާއި އެއްވެސް ޢަމަލެއް ޤާނޫނު އަސާސީގެ ބޭރުން މިހާތަނަށް ކޮށްފައި ނޯންނާނެކަމަށެވެ. ކޮންމެ ބޭފުޅަކުވެސް ތުހުމަތެއްގައި ހައްޔަރުކޮށް ހިފެހެއްޓުމަކީ ޤާނޫނު އަސާސީ ހުއްދަކުރާކަމެއް ކަމަށް ޢަލީ ޢާރިފް ވިދާޅުވިއެވެ.

"ރައްޔިތުންގެ މައްޗަށް ހަމަހަމަކަން މަތީ ޤާނޫނު ހިންގުމަކީ ތަންފީޒީ އިދާރާތަކަށް ލާޒިމްކުރާކަމެއް. އެތަންތަން ވަކި ބޭފުޅަކަށް ވަކި ހައިސިއްޔަތަކަށް ނުބާލާނެ. ޤާނޫނު އަސާސީ ނަގަހައްޓާ ދެމެހެއްޓުމަކީ ހުރިހާ ރައްޔިތުންގެ މަސްލަހަތު އޮތްކަމަކަށްވާތީ ދިވެހި ސިފައިންނާއި ފުލުހުންނާއި ޤާނޫނު ދަމަހައްޓާ ފަރާތްތަކުން އެބޭފުޅުންގެ ފުރިހަމަ ޒިންމާ އަދާކުރާނަމަ ވަކިމީހަކަށް ވަކި ސިޔާސީ ފިކުރަކަށް ބަލާކަށް ނުޖެހޭނެ. ތަންފީޒީ އިދާރާތަކަށް އިތުބާރު އެބައޮތް ތަފާތު ނުކުރާރާނެކަމަށް." ޢަލީ ޢަރިފް ވިދާޅުވިއެވެ.

ވަކި ކަމެއް ތަންފީޒުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ފުލުހުންނަށް އެންގުމަކީ ފުލުހުންގެ ގާނޫނާ ޚިލާފު ކަމެއް ކަމަށް ފާރިސްގެ ޤާނޫނީ ޓީމުން ވިދާޅުވާ ވިދާޅުވުމަށް ރައްދުދެއްވާ ޢަލީ ޢާރިފް ވިދާޅުވީ، އެއީ އެބޭފުޅުންނަށް ޤާނޫނު އަސާސީގައި އޮތް އެއްޗެއް އެނގިވަޑައިނުގެން ވިދާޅުވާ އެއްޗެއްކަމަށެވެ. ޤާނޫނު އަސާސީގައި ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާކަމާއި އެމަނިކުފާނަކީ ފުލުހުންނާ ސިފައިންގެ ވެރިޔާކަމާއި އެހެނިހެން މުއައްސަސާތަކުން ޤާނޫނީ ޒިންމާ އަދާކުރައްވާތޯ ބެއްލެވުމުންވެސް އެއީ ރައީސުލްޖުމްހޫރިއްޔާގެ ޤާނޫނީ ޒިންމާއެއްކަން ޢަލީ ޢާރިފް ފާހަގަކުރެއްވިއެވެ.



ޕީޕީއެމުން ބުނީ މި ސަރުކާރުން ޤާނޫނު އަސާސީއާއި ޤާނޫނާއި ޚިލާފަށް ކުރި އެއްވެސްކަމެއް އިދިކޮޅު ފަރާތްތަކަށް ނުދެއްކޭނެކަމަށާއި އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރަނީ ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލަންކަމަށެވެ. ނަމަވެސް އެކަން ކާމިޔާބު ނުވާނެކަމަށް ޕީޕީއެމް އިން ބުނެއެވެ.