ވިޔަފާރި

އިތުރު ކުންފުންޏަކުން ދައުލަތައް ޓެކްސް ދެއްކުމަށް ހުކުމްކޮށްފި


ޓޫ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ޓެކްސްގެ ގޮތުގައި ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލްކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން މި ހުކުމްކޮށްފައިވަނީ، ޓޫ ކޮމްޕެނީން ޖީއެސްޓީ އާއި ޖޫރިމަނާގެ ގޮތުގައި ދައުލަތައް ދައްކަންޖެހޭ އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުދައްކައިގެން މީރާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމްގައެވެ.

ކޯޓުން މި ހުކުމް ކޮށްފައިވަނީ، ޓޫ ކޮމްޕެނީގެ ޢައިރު ހާޒިރުގައެވެ. މިދިޔަ ބްރާސްފަތި ދުވަހު ސިވިލްކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ، ޓޫ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހި ދައުލަތައް ދައްކަންޖެހޭ (1،059،891.98) އެއްމިލިއަން ފަންސާސް ނުވަހާސް އަށްސަތޭކަ ނުވަދިހަ އެއް ރުފިޔާ ނުވަދިހަ އަށް ލާރި، ފަންސަވީސް ޖެނުއަރީން ފެށިގެން ދެ މަސްދުވަހުގެ ތެރޭގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން ދައްކައި ޚަލާސްކުރުމަށެވެ.

މީރާއިން ދަނީ ދައުލަތައް ޓެކްސް ނުދައްކާ ކުންފުނިތަކުގެ މައްސަލަތައް ހަމަޖެހިފައިވާ އުސޫލުގެ މަތިން ކޯޓަށް ވައްދަމުންނެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާއިންް ބުނީ، ވިޔަފާރީގެ ބާވަތާއި، ސައިޒާއި، ދައްކަންޖެހޭ ފައިސާގެ ބާވަތާއި، ވިޔަފާރިކުރާ ފަރާތުގެ އެހެނިހެން ހައިސިއްޔަތުތަކަށް ބިނާކޮށް މީރާއިން އެފަރާތަކާމެދު ފިޔަވަޅު އެޅުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެނެގުޅޭކަމަށެވެ.

ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމުގައާއި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި މީރާއިން އަމަލުކުރަނީ، ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާއިދާއި އެންފޯސްމަންޓް ޕޮލިސީއާ އެއްގޮތަށްކަމަށް މީރާއިން ބުނެއެވެ.