ޚަބަރު

ނިއުޔޯކް ޓައިމްސް ޓެރެވަލް ޝޯގައި ރާއްޖެއިން ބައިވެރިވެއްޖެ


އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް، އާޓާއިން "ދަ ނިއުޔޯކް ޓައިމްސް ޓެރެވަލް ޝޯ"ގައި ރާއްޖެ ތަމްސީލްކުރަމުން އެބަދެއެވެ.

އާޓާއިން މި ޓެރެވަލް ޝޯގައި ބައިވެރިވަމުންދަނީ ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 10 ކުންފުންޔަކާއިވެސް އެކުގައެވެ.

"ދަ ނިއުޔޯކް ޓައިމްސް ޓެރެވަލް ޝޯ" އަކީ މިމަހުގެ ސައްބީހުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ކޮންފަރެންސެކެވެ. މިކޮންފަރެންސްގެ މަޤްސަދަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އެއް ފުރާޅެއްގެ ދަށަށް ގެނެސް ބައްދަލުވުމުގެ ފުރުޞަތު ދިނުމެވެ.

އާޓާއިން ބުނީ މިކޮންފަރެންސްގައި ބައިވެރިވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް އިސްތިހާރުކޮށް، ރާއްޖޭގެ ފަތުރުވެރިކަން އެމެރިކާގައި އިތުރަށް މާރކެޓް ކުރުމަށް ކަމަށެވެ. މިކަމުގައި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް، އެމް.އެމް.ޕީ.އާރް.ސީގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިފައިވާކަން އާޓާއިން ފާހަގަކުރެއެވެ. އާޓާއިން ބުނީ މިފެއަރގައި ބަހައްޓާފައިހުރި ރާއްޖޭގެ ސްޓޭންޑަށް، ރާއްޖެއިން އެމެރިކާ، ކެނަޑާ އަދި އދއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ.ޢަލީ ނަސީރު މުޙައްމަދުވެސް ޒިޔާރަތްކުރައްވާފައިވާކަމަށެވެ.

ދަ ނިއުޔޯކް ޓައިމްސް ޓެރެވަލް ޝޯގެ 15ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، މިއަހަރުގެ ޝޯގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ، ފަސްސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ކުންފުނިތަކުގެ ސްޓޯލް ހިމެނެއެވެ. މިޝޯއަށް ތިރީސް ހާހަށްވުރެ ގިނަ މީހުން ޒިޔާރާތްކުރާނެކަމަށް ލަފާކުރެއެވެ.