ޚަބަރު

ބައިކް މޯލްޑިވްސް އިން ޚާއްޞަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ


ބައިކް މޯލްޑިވްސްގެ ތިންވަނަ އަހަރީ ދުވަހާގުޅުވައިގެން ޓުއަރއެއް ބާއްވައިފިއެވެ.

މިއަދު ހެނދުނު ވިލިމާލޭގައި ބޭއްވި މި ހަރަކާތަކީ ބައިކް މޯލްޑިވްސްގެ ތިންވަނަ އަހަރީ ދުވަހާ ގުޅިގެން މިމަހުގެ ކޮންމެ ހަފްތާ ބަންދެއްގައި ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ހަރަކާތެއްކަމަށް ބައިކް މޯލްޑިވްސްގެ ޖެނެރަލް ސެކްރެޓަރީ އަސްމާ ޙަސަން ވިދާޅުވިއެވެ.

އަހަރީ ދުވަހާ ގުޅުވައިގެން ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ރާވާފައިވާއިރު، މި ޙަރަކާތްތައް ކުރިއަށްދާނީ ހުޅުމާލެއާއި ވިލިމާލޭގައިކަމަށް އަސްމާ ވިދާޅުވިއެވެ.

މިއަދުގެ މި އިވެންޓަށްފަހު ވާހަކަ ދައްކަމުން، ބައިކް މޯލްޑިވްސްގައި އިސްކޮށް ހަރަކާތްތެރިވާ ބައިވެރިއެއްކަމަށްވާ އާރިފާ އިބްރާހިމް ބުނީ ބައިކް މޯލްޑިވްސްއިން ކުރާ މަސައްކަތްތަކަކީ ސިއްޙަތަށާއި ތިމާވެއްޓަށްވެސް ވަރަށް ފައިދާހުރި ކަމެއްކަމަށެވެ.

ބައިކް މޯލްޑިވްސްގެ އަހަރީ ދުވަހާ ގުޅުވައިގެން މިއަދު ކުރިއަށްގެންދިޔަ ހަރަކާތަށްފަހު ވަނީ އަހަރީ ދުވަހުގެ ކޭކްވެސް ފަޅާފައެވެ.

ބައިކް މޯލްޑިވްސް އަކީ ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމައްޓަކައި ދިވެހިންގެ ތެރޭގައި ބައިސްކަލް އާންމުކުރުމާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ހޭލުންތެރިކަން އިތުރުކުރުމައް މީގެ ދެތިންއަހަރުކުރިން އުފެއްދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެކެވެ.