ޚަބަރު

ރާއްޖޭގެ އިމާމުން ތަމްރީނުކުރުމަށް މިސްރުން ފުރުޞަތު ލިބިއްޖެ


ރާއްޖޭގެ އިމާމުން ތަމްރީނުކުރުމަށް މިޞްރުން ފުރުޞަތު ލިބިފައިވާކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙުމަދު ޒިޔާދު ވިދާޅުވެއްޖެއެވެ. 

މިސްކިތްތަކުގެ އިމާމުން ތަމްރީން ކުރިއަށް އިސްލާމީ މަރުކަޒްގައި މިއަދު ފެށްޓެވި ޕްރޮގްރާމަށްފަހު މީޑިއާއަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، އިމާމުންނަކީ މުޖުތަމަޢުގައި ވަރަށް އަބުރުވެރި، ޝަރަފްވެރި ދިރިއުޅުމެއް އުޅެންޖެހޭ ބައެއްކަމަށާއި، އެހެންކަމުން ޢިލްމީ ގޮތުން ޤާބިލް ބަޔަކަށް އިމާމުން ވާންޖެހޭކަމަށެވެ. މީގެކުރީގެ ސަރުކާރުތަކުން އިމާމުންގެ ފެންވަރިމަތިކުރުމަށް މާގިނަ މަސައްކަތްތަކެއް ނުކުރައްވާކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، އިމާމުންގެ ފެންވަރުމަތިކުރުމަށް ތަޢުލީމާއި ތަމްރީން ދިނުމަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާކަމަށެވެ. މިގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގެ އެކިފަރާތްތަކުގެ އެހީގައި އެކިއެކި ޕްރޮގްރާމްތައް ހިންގަމުންގެންދާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ އަހުމަދު ޒިޔާދު ވިދާޅުވީ، ރާއްޖޭގެ މިސްކިތްތަކުގެ އިމާމުން ތަމްރީން ކުރުމަށް މިޞްރުން މިހާރު ފުތުޞަތު ލިބިފައިވާކަމަށާއި، މިސްރުގައި ކުރިއަށްދާ ދެމަސްދުވަހުގެ މިޕްރޮގްރާމްގައި ފަންސާސް އިމާމުން ތަމްރީން ކުރާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މީގެއިތުރުން މިފަދަ ޕްރޮގްރާމްތައް ކުރިއަށްގެންދައުމަށް އުރުދުންގެ ސަރުކާރާއެކުވެސް މަޝަވަރާ ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގެ އިމާމުންގެ ތަޢުލީމީ ފެންވަރު މަތިކުރުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި، އިސްލާމިކް ޔުނިވަރސިޓީއާއި ކީރިތިޤުރްއާނާ ބެހޭ މަރުކަޒް ގުޅިގެން ޑިގްރީ ޕްރޮގްރާމެއްވެސް މިހާރު ވަނީ ފަށާފައެވެ. މި ޕްރޮގްރާމް ކުރިއަށްގެންދަނީ މާލެއާއި ފުވައްމުލަކުގައެވެ. 

"ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިސްކިތްތަކުގެ އިމާނުންނަށް ޑިގްރީ ޕްރޮގްރާމެއް ފެށިގެން މިދަނީ. މި ޕްރޮގްރާމްގެ ދަށުން މިހާރުވެސް ޤުރުއާނާ ބެހޭ މަރުކަޒުގައި ތުރީސް ދަރިވަރުން ކިޔަވަމުން އެބަގެންދަވާ. އަތޮޅުތެރޭގެ އިމާނުންނަށް އަޅުގަނޑުމެން މިހާރު މި ކުރިއަށްގެންދަނީ ޑިޕްލޮމާ. އެހެންނަމަވެސް ފުވައްމުލަކުގަ އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މާލެއެކޭ އެއްގޮތަށް އެއްދަންފަޅިއެއްގައި، އެއްވަގުތެއްގައި މި ޕްރޮގްރާމް ކުރިއަށްގެންދާނަން. މި ޕްރޮގްރާމް ކުރިއަށްގެންދާނީ މީޑިއާ މެދުވެރިކޮށް ޕްރޮޖެކްޓަރު ބޭނުންކޮށްގެން މާލޭގައި ކުލާހުގައި ކިޔަވައިދެއްވާ ވަގުތު ފުވައްމުލަކުގެ ދަރިވަރުންވެސް އެރަށުގައި ކުލާހުގައި ތިބެގެން ކިޔަވާގޮތަށް މި ޕްރޮގްރާމް ރާވާފައިވަނީ" މިނިސްޓަރ ޑރ.ޒިޔާދު ވިދާޅުވިއެވެ.

މިއަދު ފެށި ތަމްރީން ޕްރޮގްރާމްގައި މައިގަނޑުގޮތެއްގައި ކިޔަވައިދެނީ، ޤުރުއާނާއި، ޢިޖުތިމާއީ އަދަބުތަކާއި، މިސްކިތްތައް ބަލަހައްޓާނެގޮތާއި، އިމާމުންގެ ސިފަތަކެވެ. މި ޕްރޮގްރާމަކީ ދިގުދެމިގެންދާގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއްކަމަށާއި، މި ޕްރޮގްރާމްގެ ދަށުން ކޮންމެ މަހަކު ދެފަހަރު އެކިއެކި ޕްރޮގްރާމްތައް ކުރިއަށް ގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.