ޚަބަރު

މޯލްޑިވްސް ޓްރެވަލް އެޖެންޓްސް ގައިޑް އަންނަ މާރޗްމަހު ނެރެނީ


މޯލްޑިވްސް ޓްރެވަލް އެޖެންޓްސް ގައިޑްގެ ނަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރޒް، މަޓާޓޯއިން ޚާއްސަ މަޖައްލާއެއް އަންނަ މާރޗް މަހު ނެރެން ނިންމައިފިއެވެ.

މި މަޖައްލާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ޓްރެވަލް އެޖެންޓުން ބައިނަލްއަޤްވާމީ ފެންވަރެއްގައި ޕްރޮމޯޓްކުރުމަށް ފުރުޞަތު ދިނުމުގެގޮތުން މަޓާޓޯއިން ނެރޭ މަޖައްލާއެކެވެ.

މޯލްޑިވްސް ޓްރެވަލް އެޖެންޓްސް ގައިޑްގައި މަޓާޓޯގެ މެންބަރުންނަށް ހިލޭ އިސްތިހާރު ކުރެވޭނެކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ. މިމަޖައްލާގެ 50 ހާސް ކޮޕީ ޕްރިންޓްކުރުމަށް ނިންމާފައިވާއިރު، މި މަޖައްލާ، މަޓާޓޯއާއި މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަނުން ބައިވެރިވާ ފެއަރތަކުގައި ބެހުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މަޓާޓޯއިން އަންނަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމުގެ ގޮތުން ސަރުކާރުގެ އިދާރާތަކާ، އަމިއްލަ ޖަމްޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދާ ޑެސްޓިނޭޝަން މާރކެޓިންގެ ހަރަކާތްތަކުގެ ތެރެއިން ކޮންމެ މަހެއްގައިވެސް ދުނިޔޭގެ ކޮންމެވެސް ސަރަހައްދެއްގައި ރާއްޖެ އިޝްތިހާރުކުރުމަށް މަޓާޓޯއިން ވަނީ ނިންމާފައެވެ.