ޚަބަރު

ރާއްޖެ-ހޮންގކޮންގ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިންމާލައިފި


ދިވެހިރާއްޖެއާއި ހޮންގކޮންގ އާ ދެމެދު ކުރިށްގެންދިޔަ މިނިވަން ވިޔަފާރީގެ މަޝްވަރާތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ދެ ޤައުމުގެ ދެމެދު ކުރިއަށްގެންދިޔަ މިނިވަން ވިޔަފާރީގެ ވާހަކަތައް ނިންމާލައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ހޮންގކޮންގއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

ހޮންގކޮންގއާއެކު ބޭއްވި މިނިވަން ވިޔަފާރީގެ އެއްބަސްވުމާބެހޭގޮތުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، ޚާއްޞަކޮށް މާލީ ބާޒާރަށާއި ފަތުރުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށެވެ.

ހޮންގކޮންގ އާއި ދިވެހިރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ އެންމެ ފަހުގެ މަޝްވަރާތަކަށް އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު ހޮންގ ކޮންގަށް ފުރާވަޑައިގަތީ މިމަހުގެ ސައުވީސް ވަނަ ދުވަހުއެވެ. މިނިސްޓަރގެ މިދަތުރުފުޅުގައި މިނިވަން ވިޔަފާރީގެ މަޝްވަރާތަކުގެ އިތުރަށް ހޮންގް ކޮންގްގެ ކަމާއި ގުޅުންހުރި ބޭފުޅުންނާއި ބައްދަލުކުރައްވާ ފުޅާދައިރާއެއްގައި މަޝްވަރާކުރައްވާނެއެވެ.

މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ރާއްޖެއާއި ހޮންގްކޮންގާއި ދެމެދު ރަސްމީކޮށް ފެށީ ދެހާސް ސޯޅަވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގައެވެ. ހޮންގް ކޮންގާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުން ރާއްޖެއަށް އިޤްތިޞާދީ ގޮތުން ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

ރާއްޖެއިން ހޮންކް ކޮންގާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަޝްވަރާތައް ނިންމާލާފައިވާއިރު، މިދިޔަ ޑިސެމްބަރުމަހުގެ ތެރޭގައި ރާއްޖެއިން ވަނީ ޗައިނާއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މިއީ ބޭރު ޤައުމަކާއެކު ރާއްޖެއިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރި ފުރަތަމަ ފަހަރެވެ.