މުނިފޫހިފިލުވުން

ކުރީގެ އައިޑަލް ތަރިންނާއެކު ދިރާގުގެ ހަދިޔާއެއް ސަޕޯޓަރުންނަށް!


ރާއްޖޭގެ އެންމެ ކާމިޔާބު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް" ގެ ތިން ވަނަ ސީޒަން ޕްރިމިއަރކުރަން ވަގުތު ކުޑަތަންވެފައިވާއިރު، އައިޑަލްގެ ޝޯވްތައް ފޯރި ގަދަކުރުމަށްޓަކާ ތަފާތު ހަރަކާތްކެއް އަންނަނީ ހިންގަމުންނެވެ. އެގޮތުން މޯލްޑިވިއަން އައިޑަލްގެ 3 ސީޒަންގެވެސް ޓައިޓަލް ސްޕޮންސަރކަމުގައިވާ ދިރާގުން މިއަދު މިވަނީ ޚާއްސަ ކިކްއޮފް ޝޯވއެއް ބާއްވާފައެވެ. މި ޝޯވ މިރޭ 10 ޖެހުމާއި ހަމައަށް ކުރިއަށްދާނެކަމަށް ދިރާގުން ބުނެއެވެ.

މޯލްޑިވިއަން އައިޑަލްގެ ކުރީގެ 2 ސީޒަން ކާމިޔާބުކަމާއެކު ބެލުންތެރިންނަށް ގެނެސްދީފައިވާއިރު، މިފަހަރުގެ ސީޒަނުންވެސް ބޮޑެތި ތަފާތުތަކެއް ފެނިގެންދާނެކަމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. ތިންވަނަ ސީޒަންގެ ޓްރެއިލަރ މިހާރު ބޭލުންތެރިންނާއި ހަމައަށް ދޫކޮށްލާފައިވާއިރު، އައިޑަލްގެ ޝޯވތަކަށް ގިނަ އަދަދެއްގެ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. 

އައިޑަލްގެ މިދިޔަ 2 ސީޒަނާއި މިފަހަރުގެ ސީޒަންގެވެސް ޓައިޓަލް ސްޕޮންސަރ ދިރާގުން ވަނީ މި ޝޯވްއަށް ޒުވާނުންގެ މެދުގައި އޮތް މަޤްބޫލުކަން އިތުރުކުރުމުގެ ގޮތުން ޙާއްސަ ކިކް-އޮފް ޝޯވއެއް ކުރިއަށްގެންގޮސްފައެވެ. ދިރާގުގެ އެސިސްޓެންޓް މެނޭޖަރ، އެޑްވަޓައިޒިންގ އެންޑް އިވެންޓްސް، ޙަސަން ޝާރިޙް އާދަމް ވިދާޅުވީ، މިފަދަ ޙަރަކާތެއް ކުރިއަށްގެންދިއުމުގެ އެންމެ ބޮޑު ބޭނުމަކީ މޯލްޑިވިއަން އައިޑަލްގެ ކުރީގެ ސީޒަންތަކުން ވިދާލި ރަން އަޑުތައް މެދުވެރިކޮށް އައިޑަލްގެ ފޯރި އިތުރަށް ގަދަކޮށް އެ ފަންނާނުންގެ މަޤްބޫލުކަން މިހާރަށްވުރެ އިތުރުކުރުން ކަމަށް.

img:http://s4.psmnews.mv/images/660x400/15169824369619.jpg|

"އަޅުގަނޑުމެން ހަމަ މި އިވެންޓް ހާއްސަކޮށްލާފައި މިވަނީ މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ކިކް-އޮފްއަށް. އަޅުގަނޑުމެންވެސް މޯލްޑިވިއަން އައިޑަލްއަށް ކުރާ އުއްމީދާއި ކުރާ އިންތިޒާރު އިތުރަށް ފޯރިގަދަކޮށް، އަދި އަޅުގަނޑުމެންގެ ބެލުންތެރިންނާއެކީ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށް ބޭއްވި އިވެންޓެއް މިއީ. މި އިވެންޓް އަޅުގަނޑުމެން ބާއްވާފައި މިވަނީ ޕީ.އެސް.އެމްއާއި ދިރާގު ގުޅިގެން. މި އިވެންޓުގައި ކުރީގެ އައިޑަލްސްތައް އަޅުގަނޑުމެންނާއެކީގައި މޯލްޑިވިއަން އައިޑަލްގެ ފޯރިގަދަކުރުމުގެ ގޮތުން ބައިވެރިވެ ޕަރފޯމްކުރާނެ" ޝާރިޙް ވިދާޅުވިއެވެ.

ޝާރިޙް ވިދާޅުވީ، އައިޑަލްގެ 3 ސީޒަންގެވެސް ޓައިޓަލް ސްޕޮންސަރުގެ ހައިސިއްޔަތުން ދިރާގުން މިފަހަރުގެ ސީޒަނާމެދު ކުރާ އުއްމީދުތައްވެސް ވަރަށް ފޮނިކަމަށެވެ. އަދި ދިވެހި މިއުޒީޝަނުންނަށް ކުރިއެރުމާއި ތަރައްޤީ ހޯދައިދިނުމުގައި ދިރާގަކީ އަބަދުވެސް އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާނެ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

"ޖެހިޖެހިގެން 3 ސީޒަންގެ ޓައިޓަލް ސްޕޮންސަރއަށް ދިރާގުންވުން އެވެސް އަޅުގަނޑުދެކޭގޮތުގައި ރާއްޖޭގެ ޓެލެންޓް ކުރިއެރުވަން ދިރާގުން ކުރާ މަސައްކަތުގެ ވަރަށް ބޮޑު މިސާލެއް. އަޅުގަނޑުމެން ޤަބޫލުކުރާގޮތުގައި ރާއްޖޭގައި އަދިވެސް ވަރަށް ޓެލެންޓެޓް މިއުޒީޝަނުން، ލަވަކިޔުންތެރިން އެބަތިބި. އެހެންވީމަ އަޅުގަނޑުމެން އުއްމީދުކުރަނީ މިދިޔަ ސީޒަންތަކާއެއްގޮތަށް ހަމައެހާ ފޯރިގަދަ، އެހާ ޓެލެންޓެޓް ކުދިންތަކެއް މިފަހަރުގެ ސީޒަނުންވެސް ފެނިގެންދިއުން" ޝާރިޙް ވިދާޅުވިއެވެ.

މޯލްޑިވަން އައިޑަލް ސީޒަން 3 ގެ އޮޑިޝަންތައް މާލޭ ސިޓީގެ އިތުރުން ރާއްޖޭގެ 2 ސަރަޙައްދެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ. އެއީ ރ.އުނގޫފާރާއި، އައްޑޫ ސިޓީ ހިތަދޫގައެވެ. މިފަހަރުގެ ސީޒަންގެ ޝޯވތައް އަންނަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުން ފެށިގެން ދެއްކުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ ދައްކާނީ މާލޭ ސިޓީގެ އޮޑިޝަންތަކުގެ ޝޯވތަކެވެ.

އައިޑަލްގެ ޝޯވތައް އާއްމުންނާއި ހަމައަށް ގެނެސްދިނުމަށް އައިޑަލްގެ ޕްރޮޑަކްޝަން ޓީމުން މަސައްކަތް ކުރަމުންދާއިރު، ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑްގެ ޝޯވތައްވެސް މިހާރުވަނީ ޝޫޓްކޮށް ނިންމާލާފައެވެ.