ޚަބަރު

"ވަޒީފާ ޔަޤީން" ޖޮބް އެކްސްޕޯއަށް ޒުވާނުންގެ ބޮޑު ތަރުހީބެއް!


ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޔޫތް މިނިސްޓްރީން އިންތިޒާމްކޮށްގެން ޙާއްސަ އެކްސްޕޯއެއް ބާއްވައިފިއެވެ.

"ވަޒީފާ ޔަޤީން" މިނަމުގައި ބްރިޖް ވިއުއިންގ ޕްލެޓްފޯމް ސަރަޙައްދުގައި ކުރިއަށްގެންދިޔަ ޙާއްސަ އެކްސްޕޯގައި އެކި ދާއިރާތަކުން ދިވެހި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭ މަޢުލޫމާތު ޒުވާނުންނާ ހިއްސާކޮށްފައިވެއެވެ. އަދި ޔޫތް މިނިސްޓްރީން އެކުލަވާލާފައިވާ ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި، ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ހުޅުވާލާފައިވެއެވެ. މީގެ އިތުރުން އެކި ފަރާތްތަކުން ހުޅުވާލާފައިވާ އިންޓާންޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށްވެސް މި އެކްސްޕޯގެ ތެރެއިން އެފުރުޞަތު ޔޫތް މިނިސްޓްރީން ތަނަވަސްކޮށްދީފައިވެއެވެ.

މި އެކްސްޕޯއާއި ގުޅޭގޮތުން މަޢުލޫމާތު ދެމުން ޔޫތް މިނިސްޓްރީގެ އެސިސްޓެންޓް ޕްރޮގްރާމް އޮފިސަރ މަރިޔަމް ރިފާ ވިދާޅުވީ، މިފަދަ ހަރަކާތެއް އިންތިޒާމް ކުރުމުގެ މައިގަނޑު މަޤްޞަދަކީ ވަޒީފާގެ ބާޒާރުގައި ދިވެހި ޒުވާނުންނަށް ހުރި ފުރުޞަތުތަކަކީ ކޮބައިކަން ވީހާވެސް ގިނަ ޒުވާނުންނަށް އަންގައިދިނުންކަމަށެވެ. އަދި ވަޒީފާ ދޭ ފަރާތްތަކާއި، ވަޒީފާ ބޭނުންވާ ފަރާތްތައް އެއް ޕްލެޓްފޯމަކުން ގުޅުވައިދީ، އެ ޒުވާނަކު ކުރިއަށްދާން ބޭނުންވާ ދާއިރާއަކުން ހުރި ވަޒީފާގެ ފުރުޞަތުތަކާގުޅޭ މަޢުލޫމާތު ވީހާވެސް ފަސޭހައިން ލިބޭނޭ އިންތިޒާމް ހަމަޖައްސައިދިނުންކަމަށެވެ.

img:http://s4.psmnews.mv/images/660x400/15169767158495.jpg|"ވަޒީފާ ޔަޤީން" އެކްސްޕޯގެ ތެރެއިން-

"މި އިވެންޓްގެ މައިގަނޑު މަޤްޞަދަކީ ޒުވާނުންނަށް އަމާޒުކޮށްގެން ވަޒީފާގެ ފުރުޞަތުތައް ހުރިކަން ޒުވާނުންނަށް އަންގައިދިނުން. އެއީ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް އެއް ޕްލެޓްފޯމަކަށް ގެނެސް ހުރި ފުރުޞަތުތަކަކީ ކޮބައިކަން ހިއްސާކުރުން. އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ބައިވަރު ލިންކްތަކެއް އެބަހުރި. ވަޒީފާއެއް ހުސްވާއިރަށް އެ ވަޒީފާއަށް އެންމެ ފިޓްވާ ކޮލިފިކޭޝަންސްތައް ހަމަވާ ފަރާތްތަކުގެ ސީވީ އަޅުގަނޑުމެން ވަޒީފާ ދޭ ފަރާތަކަށް ފޮނުވައިދޭނަން. އެހެންކަމުން މި ފުރުޞަތަކީ ވަޒީފާ ބޭނުންވެފައިތިބޭ ޒުވާނުންނަށް ވަރަށް މުހިއްމު ފުރުޞަތެއް" ރިފާ ވިދާޅުވިއެވެ.

ބްރިޖް ވިއުއިންގ ޕްލެޓްފޯމް ސަރަހައްދުގައި އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދިޔަ މި ހަރަކާތަށް ގިނަ އަދަދެއްގެ ޒުވާނުންގެ ތަރުހީބު ލިބިފައިވާކަން ޔޫތް މިނިސްޓްރީން ފާހަގަކުރެއެވެ. "ވަޒީފާ ޔަޤީން"ގެ ނަމުގައި ޒުވާނުންނަށް ޙާއްސަ އެކްސްޕޯއެއް ޔޫތް މިނިސްޓްރީން ބާއްވާފައިވާއިރު، އެ މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ "ޔޫތް ޗެލެންޖް 2018" އަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވެސް މިހާރު އަންނަނީ ކުރަމުންނެވެ. މިއަހަރުގެ ޔޫތް ޗެލެންޖް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 8 އިން 10 އަކަށް ދަރުބާރުގޭގައެވެ. ޔޫތް ޗެލެންޖަކީ ޒުވާނުންގެ ފަންނުވެރިކަމާއި ހުނަރު ދައްކާލުމާއި، މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް 1999 އިން ފެށިގެން ޔޫތް މިނިސްޓްރީން ބާއްވަމުން އަންނަ ހަރަކާތެކެވެ.