ދުނިޔެ

ހޮސްޕިޓަލެއްގައި އަލިފާން ރޯވެ، 37 މީހަކު މަރުވެއްޖެ


ދެކުނު ކޮރެޔާގެ ހޮސްޕިޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 37 މީހަކު މަރުވެ، 70 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.

ޗައިނާގެ އިރުދެކުނުން އޮންނަ މީރަންގް ސިޓީގެ ސެޖޮން ހޮސްޕިޓަލުގައި ހިނގި އަލިފާނުގެ ހާދިސާގައި ފުރަތަމަ ރޯވީ އިމަރޖެންސީ ރޫމްގައިކަމަށް ޙަބަރުތައް ބުނެއެވެ. އަލިފާނުގެ ހާދިސާ ހިނގި ވަގުތު ހޮސްޕިޓަލާއި އެތަނުގައި ހުންނަ ދުވަސްވީ މީހުން ބަލަހައްޓާ ސެންޓަރުގައި 200 އެއްހާ ބަލި މީހުން ތިއްބެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި މީހުން ބުނާގޮތުން، މީހުން މަރުވެފައިވަނީ ދުން ބޯވެ، ނޭވާ ހާސްވެގެންކަމަށް ބެލެވެއެވެ. މަރުވި މީހުންގެ ތެރޭގައި ޑޮކްޓަރަކާއި ނަރުހަކާއި މެޑިކަލް ސްޓާފެއް ހިމެނޭކަމަށް ޚަބަރުތައް ބުނެއެވެ.

މިއީ ވޭތުވެދިޔަ 10 އަހަރުތެރޭގައި ދެކުނު ކޮރެޔާގައި ހިނގި އަލިފާނުގެ އެންމެ ނުރައްކާތެރި ހާދިސާއަށްވާއިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއްކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

img:http://s2.psmnews.mv/images/660x400/15169706686274.jpg|ހޮސްޕިޓަލުގައި އަލިފާން ރޯވެ، ދުން އަރަނީ

ކޮރެޔާ ގަޑިން މިއަދު ހެނދުނު 7:30 ހާއިރު ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކުރަން 3 ގަޑިއިރު ހޭދަވިއެވެ.

2008 ވަނަ އަހަރުން ފެށިގެން ހިންގަމުން އަންނަ މި ހޮސްޕިޓަލުގައި އަލިފާނުގެ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް އަދި ނޭނގެއެވެ. ކަމާބެހޭ އޮފިޝަލުން މަޢުލޫމާތުދޭ ގޮތުގައި އަލިފާނުގެ ހާދިސާ ހިނގި ހޮސްޕިޓަލުގައި، އަލިފާން ނިއްވާ ނިޒާމެއް ޤާއިމްކޮށްފައެއްނުވެއެވެ.

ދެކުނު ކޮރެޔާ ސަރުކާރުގެ އިސްވެރިންނާއި އިދިކޮޅު ފަރާތްތަކުން ދަނީ މިމައްސަލަ ރަނގަޅަށް ތަހްޤީޤްކުރުމަށް ގޮވާލަމުންނެވެ. އެކަމާ ގުޅިގެން ދެކުނު ކޮރެޔާގެ ރައީސް މޫން ޖައެ ވަނީ އިމަރޖެންސީ ބައްދަލުވުމެއްވެސް ބާއްވާފައެވެ.

މިދިޔަމަހު ދެކުނު ކޮރެޔާގެ ޖިމެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ވަނީ 29 މީހަކު މަރުވެފައެވެ. ޖިމްގައި ސަލާމަތީ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އަޅާފައިނުވާތީ، އެތަނުގެ ވެރިން އެފަހަރު ވަނީ ހައްޔަރުކޮށްފައެވެ.