ވިޔަފާރި

މުހިންމު 3 ޓެކުހެއްގެ ސުންގަޑި އަންނަ ހަފްތާގައި ހަމަވާނެ


އަންނަ ހަފްތާއަކީ މުހިންމު 3 ޓެކުހެއްގެ ސުންގަޑި ހަމަވާ ހަފްތާއެއްކަމުން މިކަމަށް ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ, މީރާއިން އިލްތިމާސްކޮށްފިއެވެ.

މިދިޔަ އަހަރުގެ 4 ވަނަ ކުއާރޓަރގެ ޖީއެސްޓީ ބަޔާން ހުށަހަޅާ ފައިސާދައްކަންޖެހޭ ސުންގަޑިއާއި ފާއިތުވި ޑިސެމްބަރ މަހުގެ ޓެކްސް ބަޔާން ހުށަހަޅާ ފައިސާ ދައްކަންޖެހޭ ސުންގަޑިއަކީ މިމަހުގެ 28 ވާ އާދިއްތަ ދުވަހެވެ. އަދި މިދިޔަ އަހަރުގެ ބީޕީޓީގެ 2 ވަނަ އިންޓަރިމްގެ ޓެކްސް ދައްކަންޖެހޭ ސުންގަޑިއަކީ މިމަހުގެ 31 ވާ ބުދަ ދުވަސްކަމަށް މީރާއިން މައުލޫމާތުދެއެވެ.

ޓެކްސް ދެއްކުމުގެ ސުންގަޑިތަކާއި ދިމާކޮށް މީރާއިން، އާންމުންނަށް ލުއި ގޮތްތަކެއް އަބަދުވެސް ހަމަޖައްސަމުންދާކަން ފާހަގަކޮށްލެވެއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެމުން މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް, އެންފޯރސްމަންޓް ޑިޕާރޓްމަންޓް ފާތިމަތު އަމީޒާ ވިދާޅުވީ، ޓެކްސް ދައްކާ ފަރާތްތަކަށް ފަސޭހަވާނެފަދަ ގޮތަކަށް ޣާޒީ ބިލްޑިންގ ގައި ހުންނަ މީރާގެ ސެންޓަރުގައި އިތުރު ކައުންޓަރުތައް ބަހައްޓާނެކަމަށްށެވެ. މި ކައުންޓަރުތަކުން ޓެކްސް ބަލައިގަތުމުގެ އިތުރުން މީރާއިން ފޯރުކޮށްދޭ އިތުރު އެހެން ޚިދުމަތްތައްވެސް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިފަހަރުވެސް އިތުރު ކައުންޓަރުތަކަކުން ޑެޑްލައިން ދުވަހުގަ ޚިދުމަތްތައް ލިބިގެންދާނެ. މިގޮތުން މީރާގެ ޣާޒީ ސެންޓަރު ހުޅުވިފަ ހުންނާނެ. އެއީ ޣާޒީ ބިލްޑިންގ ގެ ގުރައުންޑް ފްލޯ. ޣާޒީ ބިލްޑިންގ ގެ ގުރައުންޑް ފްލޯއިން މީރާގެ ކައުންޓަރުގެ ޚިދުމަތް ލިބިގެންދާއިރު އެނޫން އެހެން ކަންކަންވެސް އަޅުގަނޑުމެން ހަމަޖައްސާފައެބަވޭ. މިސާލަކަށް ބަޔާން ހުށަހެޅުމުގަ އެހީތެރިވުމާއި. ބައެއް ޕޯމްތައް ފިލްކުރުމުގަ އެހީތެރިވުމާއި، އިތުރު މައުލޫމާތުތައްވެސް ދިނުން." ފާތިމަތު އަމީޒާ ވިދާޅުވިއެވެ.

އެންމެ ފަހުވަގުތަށް ޓެކްސް ދެއްކުމަށް މަޑުނުކޮށް ވީހާވެސް އަހަވަށް ޓެކްސް ދެއްކުމަށް މީރާއިން އިލްތިމާސްކުރެއެވެ. މީގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކަށް އަދި އެ އިދާރާއަށްވެސް ބޮޑު ލުއިތަކެއް ލިބިގެންދާނެކަމަށް މީރާއިން ބުނެއެވެ.