ޚަބަރު

ޑިމޮކްރަސީ އާއި ދާހިލީ ކަންކަމަށް އިހުތިރާމް ކުރާނަން- ރައީސް


ރާއްޖެއާއި އިންޑިއާ ދެޤައުމުގެ ލާބަޔާ މަންފާއަށް ކުރެވޭ މަސައްކަތްތަކުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ދެއްވައިފިއެވެ. އެމަނިކުފާނު މި ޔަޤީންކަން ދެއްވާފައިވަނީ އިންޑިޔާގެ 69 ވަނަ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފޮނުއްވި ތަހުނިޔާގެ މެސެޖްގައެވެ. މި މެސެޖްގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރާއްޖެއާއި އިންޑިއާ ދެ ޤައުމުގެ ޑިމޮކްރަސީއަށާއި ޤައުމުގެ އެތެރޭގެ މަސައްކަތްތަކަށް އިހްތިރާމްކުރައްވާނެކަމަށެވެ. އަދި ދެ ޤައުމު ގުޅިގެން އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށް މަސައްކަތްކުރައްވާނެކަންވެސް ރައީސް ފާހަގަ ކުރައްވާފައިވެއެވެ.

އިންޑިޔާގެ 69 ވަނަ ޖުމްހޫރީދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރާމް ނާތު ކޯވިންދަށްވެސް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވަނީ ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

މި މެސެޖުގައި ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށް އުއްމީދު ކުރައްވާ ކަމުގައި ‏‏ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އިންޑިޔާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަޤްބަލަކަށް އެދިވަޑައިގެންފައިވެއެވެ.