ޚަބަރު

ޚުޠުބާއަކީ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކާދެވޭ އިރުޝާދުތަކެއް


ހުކުރު ޚުޠުބާއަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށްޓަކާ ދެވޭ ވަރަށް މުހިއްމު އިރުޝާދުތަކެއްކަމުން ހުކުރު ދުވަހުގެ ދަރުމައާއި ސަވާބު ލިބިގަތުމަށް ޚުޠުބާގައި ގޮވާލައިފިއެވެ. ހުތުބާއަށް ސަމާލުކަންނުދީ ދުނިޔެވީ ވާހަކަތައް ދެއްކުންފަދަ ނުރަގަނޅު ސިފަތައް މަދުން ނަމަވެސް ދިވެހި މުޖުތަމަޢުގެ ބައެއް ފަރުދުން ކިބައިން ފެންނަމުންދާތީ އެކަން އެގޮތަށް ނުކުރުމަށް މިއަދުގެ ޚުޠުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގެ މިސްކިތްތަކުގައި މިއަދު ދިން ހުކުރު ޚުޠުބާ "ހުކުރުގެ ދަރުމައާއި ޘަވާބު ހެޔޮގޮތުގައި ލިބިގަތުން" މި މަޢުޟޫއަށް ހާއްސަކޮށްފައިވާއިރު، ހުކުރު ދުވަސް މުސްލިމުންނަށް ހާއްސަވާ ސަބަބުތަކާއި، އެދުވަހުގައި ހުރި ޘަވާބާއި ދަރުމައިގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި އަލިއަޅުވާލާފައިވެއެވެ. އެގޮތުން ހުކުރު ދުވަހަކީ އެތައް ގޮތަކުން މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ މަތިވެރިކުރައްވާފައިވާ ބަރަކާތުން ފުރިގެންވާ ދުވަހެއްކަމަށާއި، ހުކުރު ދުވަހަކީ އެދުވަހެއްގައި އާދަމްގެފާނު އުފެއްދެވުނު ތާރީޚީ ދުވަސްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ހުކުރު ދަވަހަކީ އެދުވަހެއްގައި ދުޢާ އިޖާބަކުރައްވާ ހާއްސަ ވަގުތެއްވާ ދުވަހެއްކަމަށާއި، ހުކުރު ދުވަހު ކުރެވޭ އެންމެ މަތިވެރި އަޅުކަމަކީ ހުކުރު ނަމާދު އަދާކުރުންކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. 

ހަމައެހެންމެ ހުކުރު ނަމާދަށް އަވަސްވެގަތުމަށް މާތް ﷲ މުއުމިނުންގެ މައްޗަށް އަމުރުކުރައްވާފައިވާކަމަށާއި، މާތް ﷲގެ މިނިދާއަށް ކިޔަމަންތެރިވެ ދުނިޔަވީ މަސައްކަތުން ދުރުވެ ހުކުރަށް އަވަސްވެގަންނަ މީހަކީ ބޮޑުވެގެންވާ ނަޞީބުވެރިއެއްކަންވެސް މިއަދުގެ ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ."މުސްލިމު އަޚުންނޭވެ! މާތް ﷲ އިންސާނުންނަށް މިފަދަ މަތިވެރިވެގެންވާ ހެޔޮކަމުގެ މޫސުންތައް ކެނޑިނޭޅި ތަކުރާރުކޮށް ދެއްވަވަނީ އެފުރުޞަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައ، އެކަމުގެ ސަބަބުން ފާފަތައް ފުހެވި، ތިމާގެ ހެޔޮ ޢަމަލުތަކުގެ ފަތް ބަރުވެ، ދެދުނިޔޭގެ ކާމިޔާބު ހޯދުމަށްޓަކާ މަސައްކަތްކުރުމަށް. އެހެނީ އިންސާނާއަކީ އަބަދު ފާފަށް ހުށައެޅިފައިވާ ނިކަމެތި މީހަކަށްވީހިނދު، އެބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުން މިފަދަ ދީލަތި ފުރުޞަތުތަކެއް ނުލިބޭނަމަ އިންސާނާވާނީ ބޮޑުވެގެންވާ ހަލާކެއްގެ ތެރޭގައި" ހުކުރު ޚުޠުބާގައިވެއެވެ.ހުކުރު ދުވަހުގައި ދެވޭ ހުކުރު ޚުޠުބާއަކީ އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކާ ދެވޭ ވަރަށް މުހިއްމު އިރުޝާދުތަކެއްކަން ފާހަގަކުރައްވާ ޚުޠުބާގައި ބުނެފައިވަނީ، އިމާމާ ޚުޠުބާ ކިޔަމުންދާއިރު ޖަމާޢަތަށް ޙާޟިރުވެތިބި މީހުން އެޚުޠުބާ ކަނުލާ އަޑުއެހުން މުހިއްމުކަމަށެވެ. ޚުޠުބާއަކީ އެއާ ނުލާ ހުކުރު ނަމާދު ފުރިހަމަނުވާ އެއްޗަކަށްވީހިނދު، މިއަދު މި ދިވެހި މުޖުތަމަޢުގެ ބައެއް ފަރުދުން މިފަދަ ކަންކަމަށް އެއްވެސް ސަމާލުކަމެއް ނުބަހައްޓާކަމީ ހިތާމަހުރިކަމެއްކަން ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ތިމާގެ ފުރާނައަށް ނުވަތަ މުދަލަށް އަމާންކަން ނެތުންފަދަ ކަމެއް މެދުވެރިވުން ނުވަތަ އެނޫންވެސް ޝަރުޢީ ޢުޛުރަކާއި ނުލައި ހުކުރު އެޅުމަކީ ބޮޑުވެގެންވާ ފާފައެއްކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ. ހަމައެހެންމެ ހުކުރު ޚުޠުބާ ކިޔަމުންދާ ވަގުތު ހުކުރަށްގޮސް ތިބޭ ބައެއް މީހުންގެ ފަރާތުން ޚުޠުބާއަށް ސަމާލުކަން ނުދީ، ދުނިޔެވީ ވާހަކަތައް ދެއްކުންފަދަ ނުރަގަނޅު ސިފަތައް މަދުން ނަމަވެސް ފެންނަމުންދާކަމަށް ޚުޠުބާގައި ބުނެފައިވެއެވެ."މުސްލިމް އަޚުންނޭވެ! ހުކުރު ދުވަހުގައި ދެވޭ ހުކުރު ޚުޠުބާއަކީ އިންސާނާގެ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކާ ދެވޭ ވަރަށް މުހިއްމު އިރުޝާދުތަކެއް. އެޚުޠުބާއަކީ އެއާ ނުލާ ހުކުރުނަމާދު ފުރިހަމަ ނުވާނެ އެއްޗެއް. އެޚުޠުބާގައި މާތް ﷲ އަށް ޙަމްދާއި ތަޢުރީފުކުރޭ. އަދި ﷲ އަށް ތަޤުވާވެރިވުމަށް ވަޞިއްޔަތްކުރޭ. އެކަލާނގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތް ކިޔެވޭ. އަދި މުޖުތަމަޢުގައި ހިނގާ ތަފާތު ކަންކަމުގައި މުސްލިމުން ޢަމަލުކުރަންވީ ރަނގަޅުގޮތް ދަސްކޮށްދެނީ އެ ޚުޠުބާގައި. އެއީ މުސްލިމު މުޖުތަމަޢުގެ ދިރުން. ހުކުރު ޚުޠުބާއަކީ މިފަދަ މުހިއްމު އެއްޗަކަށް ވީހިނދު، އެޚުޠުބާ ކަނުލައި އަޑުއެހުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އިސްލާމީ އުންމަތަށް ވަނީ އިރުޝާދު ދެއްވާފައި. އަދި ކިއެއްތަ ޚުޠުބާކިޔަމުންދާ ވަގުތު ވާހަކަދެއްކުމަކީ ފާފައެއް" ހުކުރު ޚުޠުބާގައިވެއެވެ.މިއަދުގެ ހުކުރު ޚުޠުބާގައި ހުކުރުދުވަހުގައި ސަލާމުވާންޖެހޭ ކަންކަމަށްވެސް އަލިއަޅުވާލާފައިވެއެވެ. އެގޮތުން ހުކުރަށް ހިނައިގަތުމާއި، ހުވަނދުލުމާއި، ހުކުރު ނަމާދުގެ ޖަމާޢަތަށް އަވަހަށް ޙާޟިރުވުން ނުވަތަ މީހުންގެ ކޮނޑުމަތިން ހުރަސްނުކޮށް މިސްކިތަށް އެރުމަށް ނަސޭހަތްތެރިވެފައިވެއެވެ. ހަމައެހެންމެ ކުރިން އަންނަމީހުން މިސްކިތުގެ ކުރީސަފުތައް ފުރަމުންގެންދިއުމާއި، މިސްކިތަށްވަދެ މިސްކިތުގައި އިށީނުމުގެ ކުރިން މަސްޖިދުސުންނަތުގެ ދެ ރަކުޢަތް ކުރުމާއި، ސަފުތައް ސީދާކުރުމާއި، ޚާއްޞަކޮށް މިސްކިތުން ބޭރުގައި ހެދޭ ސަފުތައް މިސްކިތުގެ ސަފުތަކާއި ގުޅުވައިގެން ހެދުމަށް ސަމާލުވުމަށްވެސް މިއަދުގެ ހުކުރު ޚުޠުބާގައި ގޮވާލާފައިވެއެވެ.