މެދު ފަންތީގެ ޢާމްދަނީ ލިބޭ ޤައުމަކަށްވުމަށް ރާއްޖޭ ހިފާފައިވާ އަމާޒަށް ވާސިލުވުމަށް އެލައިޑް އިންޝުއަރެންސް ކުންފުނީގެ ޙިއްސާ ބޮޑުވާނެކަމަށާއި މިއަމާޒަށް ދިއުމަށް އެލައިޑުން ކުރާ މަސައްކަތް އިތުރުކުރުމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަހީރު ގޮވާލައްވައިފިއެވެ.
ޝަހީރު މިކަމަށް ގޮވާލެއްވީ އެލައިޑް އިންޝުއަރެންސް ކުންފުނީގެ 33 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. އެލައިޑު އިންޝުއަރެންސް ކުންފުނި އުފެދިގެންއައި ގޮތާއި އެލައިޑުން ފާއިތުވި އަހަރުތަކުގައި ތަޢާރަފްކޮށްފައިވާ ތަފާތު އުފެއްދުންތަކަށް އަލިއަޅުއްވާލއްވާ ޝަހީރު ވަނީ ވާހަކަދައްކަވާފައެވެ. އެލައިޑުން ތަޢާރަފްކޮށްފައިވާ ޚިދުމަތްތަކުގެ ސަބަބުން މުޅި ޤައުމަށް ފައިދާ ކުރަމުންދާކަމަށާ، ރާއްޖެ ވިޔަފާރީގެ މުހިއްމު ތަނަކަށް ވަމުންދާއިރު އިންޝުއަރެންސްގެ ދާއިރާ އިތުރަށް ކުރިއަރުވާ ދެމެހެއްޓުމަށް އެލައިޑުގެ ޒިންމާ ބޮޑުކަން ޝަހީރު ފާހަގަކުރެއްވިއެވެ.
"އެލައިޑްއަކީ ވަރަށް ޒުވާން ވަރަށް ހުނަރުވެރި އަދި ވަރަށް އުފެއްދުންތެރި ޓީމެއް. އުއްމީދަކީ ރާއްޖޭގެ އިޤްތިޞާދު ބާރުވެރިކުރުމުގައި ޓީމުގެ އެއްބާރުލުން ދީ ތިގޮތުގައި ކުރިއަށްދާނެކަމަށް. ބޭރުގެ ކުންފުނިތަކަށް ބަރޯސާނުވެ އަމިއްލަ އުފެއްދުންތަކާއި ޚިދުމަތްތައް ހޯދާއިދޭނެކަމަށް. ރާއްޖެ މިހާރު މިވަނީ މެދު ފަންތީގެ ޢާމްދަނީ ލިބޭ ޤައުމަކަށް ވުމަށް މިސްރާބުޖަހާފައި. ފާއިތުވި 4 އަހަރުދުވަހުގެ ތެރޭ ރައީސް ޔާމީންގެ އިކޮނޮމިކް އެޖެންޑަރގެ ދަށުން ރާއްޖެވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައި." ޝަހީރު ވިދާޅުވިއެވެ.
އެލައިޑް އިންޝުއަރެންސްއަށް 33 އަހަރުވުން ފާހަގަކުރުމަށް ބޭއްވި ޙަފްލާގައިވަނީ ތަފާތު އާ ޚިދުމަތްތަކެއް ތަޢާރަފްކޮށްފައެވެ. އެގޮތުން ޢިމާރާތްކުރުމުގެ ދާއިރާއަށް ޚާއްސަ ޕްލޭނެއް ތަޢާރަފްކޮށްފައިވާއިރު ދަތުރުކުރާ ފަރާތްތަކަށް ޚާއްސަ ޓްރެވެލަރސް އިންޝުއަރެންސް ޕްލޭނެއްވެސް ވަނީ ލޯންޗްކޮށްފައެވެ. މީގެ އިތުރުން ސިއްޙަތާގުޅޭ ޕްލޭނެއް "މައި އެލައިޑް"ގެ ނަމުގައިވަނީ އިފްތިތާޙްކޮށްފައެވެ. މުޖުތަމަޢަށް ފައިދާ ހުރި ޚިދުމަތެއް އެލައިޑުގެ ފަރާތުން ފޯރުކޮށްދިނުމުގެ މަޤުޞަދުގައި އެލައިޑުންވަނީ ސީއެސްއާރް ޕްލޭނެއް ތަޢާރަފްކޮށްފައެވެ. މި ޕްލޭންގެ ދަށުން އެކި ރަށްރަށުގެ ސްކޫލްތަކާއި މުޖުތަމަޢުގެ ލާބަޔަށް މަސައްކަތްކުރާ އެކި ފަރާތްތަކަށް އެލައިޑްގެ ފަރާތުން ކޮމްޕިއުޓާރ ސިސްޓަމްތަކެއް ހަދިޔާކޮށް އުރީދޫގެ އެހީއާއެކު ތަފާތު ޕްރޮގްރާމްތައް ހިންގާ މީހުން ބިނާކުރުމުގެ މަސައްކަތްކުރުމަށް ނިންމާފައިވާކަމަށް އެލައިޑުން ބުނެއެވެ.
މީގެ އިތުރުން "އޭޖެންޓް ވަން ސިކްސް ޒީރޯ ޒީރޯ"(1600) ގެ ޚިދުމަތްވެސް މިރަސްމިއްޔާތުގައިވަނީ ތަޢާރަފްކޮށްފައެވެ. މި ޚިދުމަތުގެ ސަބަބުން އެކި އެޕްތައް މެދުވެރިކޮށް ފަސޭހަކަމާއެކު މަޢުލޫމާތު ލިބިގެންދާނެކަމަށް އެކުންފުނިންބުނެއެވެ. އެލައިޑްގެ އަހަރީ ދުވަހުގެ ހަފްލާގައިވަނީ އެކުންފުނީގެ އެކި އޭޖެނޓުންނާއި ބްރޯކަރުންނަށް ޝުކުރުއަދާކޮށް އެވޯޑުދީފައެވެ.