ޚަބަރު

މަސްތުވާތަކެތީގެ ވިޔަފާރީގައި ނުކުޅެދުންތެރިކަން ހުންނަ ކުދިން ބޭނުންކުރަނީ





 


މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އެތަކެތި ތަންތަނަށް އުފުލައި، ވިއްކުމުގައި ބައެއް ފަރާތްތަކުން ނުކުޅެދުންތެރިކަން ހުންނަ ކުދިން، ބޭނުން ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ. މިނިސްޓަރ  އުމަރު ނަސީރު މިހެން ވިދާޅުވީ ހިއުމަން ރައިޓްސް ކޮމިޝަނުން ފަށާފައިވާ ނޭޝަނަލް އިންކުއަރީއަށް ދެއްވި ބަޔާނެއްގައެވެ.


 
މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ،  ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގައި ނުކުޅެދޭ ކުދިން ބޭނުންކުރާ ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށާއި، ކުށުގެވެށީގައި ނަޖާއިޒް ގޮތުގައި ނުކުޅެދުން ތެރިކަން ހުންނަ ކުދިން ބޭނުން ކުރަމުންދާ ކަމަށެވެ. އަދި މިއީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއްކަމަށާއި، ހުރިހާ އެންމެންވެސް މިކަމުގެ ބޮޑުމިން އިހުސާސް ކުރައްވާ، އޭގެ ސަބަބުން އެކުދިންގެ މައިންބަފައިންނަށް ދިމާވާނެ ދަތި އުނދަގޫތައް ދެނެގަނެ އެކަމަށް ސަމާލުވާން ޖެހޭ ކަމަށެވެ.


 
 ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ލިބުމުގައިވެސް ބޮޑެތި އުނދަގޫތަކެއް އެބަހުރި ކަމަށާއި، އެކުދިން ގައިގައި ހުންނަ އުނިސިފަތައް ނަގާފައި، އެކުއްޖެއްގެ ގައިގައިހުރި ރަނގަޅު ސިފަތައް ބޭނުން ކޮށްގެން ވަޒީފާގެ ދާއިރާގައި އެފަދަ ކުދިން ބޭނުން ކުރެވޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
 
މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބައެއް ކުށްކުށުގައި ހައްޔަރުކުރެވޭއިރު ޚާއްސަ އުސޫލްތަކެއް ހުންނާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެފަދަ ކުދިން ކޮންމެހެން ހައްޔަރުކުރަން ޖެހޭ ހާލަތެއްގައި ނޫނީ ހައްޔަރު ނުކުރާނެ ކަމަށްވެސް މިނިސްޓަރވަނީ ވިދާޅުވެފައެވެ.


 
 


މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިން ސްކޫލަށް ގޮވައިގެންދާއިރު މައިންބަފައިންނަށް ނުވަތަ ކުއްޖާއަށް ބައެއް މީހުންގެ ފަރާތުން މަލާމާތުގެ ބަސްތައް ނުވަތަ އުނދަގޫތައް ކުރިމަތިވާ ކަމަށާއި، ސްކޫލް ތަކުގައި ތިބޭ ލިއޭޒަން އޮފިސަރުންނަށް އެ މައްސަލަ ހުށަހެޅުމުން ތަހުގީގުކުރާނެ ކަމަށްވެސް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވިއެވެ.