ވިޔަފާރި

މޯލްޑިވިއަނުން މާލެ-ޓްރިވެންޑްރަމް ދަތުުރުފެށިތާ 10 އަހަރު


މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ އެއަރލައިން އައިލެންޑް އޭވިއޭޝަނުން އިންޑިއާގެ ތްރިވަނަންތަޕޫރަމަށް ދަތުރުތައް ފެށިތާ 10 އަހަރު ފުރުނު ދުވަހެވެ. ފާއިތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އެކުންފުނިން ވަނީ ތްރިވަނަންތަޕޫރަމަށް ކުރާ ދަތުރުތައް ފުޅާކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ރާއްޖޭގެ ސިވިލްއޭވިއޭޝަނުން އައިލެންޑް އޭވިއޭޝަނަށް އެއަރ އޮޕަރޭޓަރ އޭއޯސީ ސެޓްފިކެޓް ދީފައިވަނީ 2007 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 21 ވަނަ ދުވަހުއެވެ.

މިއީ ބައިނަލްއަޤްވާމީ ދަތުރުތައް ކުރުމަށް ސިވިލްއޭވިއޭޝަނުންދޭ ހުއްދައެވެ. ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ހުއްދަ އައިލެންޑް އޭވިއޭޝަނަށް ލިބުމާއިއެކު، އެކުންފުނިން އެންމެފުރަތަމަ ދަތުރުތައް ފަށާފައިވަނީ އިންޑިއާގެ ތްރިވަނަންތަޕޫރަމަށެވެ. އެއީ 2008 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 25 ވަނަ ދުވަހެވެ.

އައިލެންޑް އޭވިއޭޝަނުން ތްރިވަނަންތަޕޫރަމަށް ދަތުރުތައް ފެށުމުގެ މައިގަނޑު ސަބަބަކީ، ތްރިވަނަންތަޕޫރަމަކީ ގިނަ ޢަދަދެއްގެ ދިވެހިން ބޭސްފަރުވާއަށްދާ ސިޓީއަކަށްވެފައި، ބޭސްފަރުވާއަށްދާ ދިވެހިންނަށް ތްރިވަނަންތަޕޫރަމަށް ދަތުުރުކުރުމުގައި އޭރު ކުރިމަތިވި ގޮންޖެހުންތަކަށް ޙައްލެއް ގެނައުމުގެ ގޮތުންނެވެ. އައިލެންޑް އޭވިއޭޝަނުން އެންމެ ފުރަތަމަ ތްރިވަނަންތަޕޫރަމަށް ކުރި ދަތުރުތަކުގައި ބޭނުންކޮށްފައިވަނީ، 50 މީހުންގެ ޖާގައިގެ ޑޭޝް8 މަތިންދާބޯޓެވެ.

އައިލެންޑް އޭވިއޭޝަނުން ތްރިވަނަންތަޕޫރަމަށް ފެށި ވައިގެ ދަތުރުތަކަށް މިއަދު 10 އަހަރު ފުރިގެންދިޔައިރު، އެކުންފުނިން ވަނީ ޚިދްމަތް ފުޅާކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. ހަފްތާއަކު އެންމެ ފްލައިޓަކުން ފެށި ދަތުރުތައް މިއަދު ހަތަރު ފްލައިޓަށްވުރެ އިތުރުވެފައިވާއިރު، ޑޭޝް މަރުކާގެ ބޯޓުން ފެށި މި ދަތުރުތަކުގައި އައިލެންޑް އޭވިއޭޝަނުން ގެންދަނީ، އެއަރބަސް މަރުކާގެ ބޯޓު ބޭނުންކުރަމުންނެވެ.

ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް ކޮމާޝަލް އައިމިނަތު ސަމީހާ ވިދާޅުވީ، 2013 ވަނަ އަހަރު އެއަރބަސްގެ އޮޕަރޭޝަން ފެށުމަށްފަހު އެއަރބަސް މަރުކާގެ ބޯޓުގެ އިތުރުން ހަފްތާއަކު 4 ދުވަހު 50 މީހުންގެ ޖާގައިގެ ބޯޓުގައި ތްރިވަނަންތަޕޫރަމަށް ދަތުރުތައް ބާއްވަމުން އަންނަކަމަށެވެ. މޯލްޑިވިއަނުން ތްރިވަނަންތަޕޫރަމަށް ކުރާ ދަތުރުތަކުގައި ބޭނުންކުރާ އެއަރބަސް މަރުކާގެ ބޯޓަކީ 200 މީހުންގެ ޖާގައިގެ ބޯޓެކެވެ.

ސަމީހާ ވިދާޅުވީ، މި ދަތުރުތަކާއިއެކު ތްރިވަނަންތަޕޫރަމަށް ކުރާ ދަތުރުތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދިޔަކަމަށެވެ. މިގޮތުން އައިލެންޑް އޭވިއޭޝަނުގެ އޮޕަރޭޝަނަށް މި އައި ކުރިއެރުމާއިއެކު އިމަޖެންސީ ޙާލަތުގައި އިންޑިއާއަށް ދަތުރުކުރަން ޖެހޭ ބަލިމީހުން އުފުލުމަށް ވަރަށްބޮޑު ލުއިފަސޭހަކަމެއް ލިބިގެންދިޔަކަމަށެވެ. އައިލެންޑް އެވިއޭޝަނުންދަނީ ހދ ހަނިމާދޫ އިންޓަރނޭޝަނަލް އެއާޕޯޓުންވެސް ތްރިވަނަންތަޕޫރަމަށް ތާވަލު ދަތުރުތައް ބާއްވަމުންނެވެ. ހަނިމާދޫ އެއަރޕޯޓުން ކުރާ މި ދަތުރުތަކަށްވެސް ވަރަށްބޮޑު ޑިމާންޑެއް އޮންނަކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް ގްރައުންޑް އޮޕަރޭޝަންސް އަހުމަދު އިބުރާހީމް ވިދާޅުވީ، އައިލެންޑް އޭވިއޭޝަނުގެ މޯލްޑިވިއަނުން ތްރިވަނަންތަޕޫރަމަށް ކުރާ ދަތުރުތަކަކީ ދިވެހިންނަށް ޚާއްސަ ދަތުރުތަކެއްކަމަށެވެ. މިގޮތުން މޯލްޑިވިއަނުން  ތްރިވަނަންތަޕޫރަމަށް ދަތުރުކުރާ ދިވެހިންނަށް ޚިދުމަތްދިނުމަށް ދިވެހިން ޙަރަކާތްތެރިވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އައިލެންޑް އޭވިއޭޝަނުން ވަނީ މޯލްޑިވިއަން މެދުވެރިކޮށް ތްރިވަނަންތަޕޫރަމަށް ފެށި ދަތުރުތަކުގެ ކާގޯގެ ޚިދުމަތްވެސް ފުޅާކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަނުގެ ހެޑް އޮފް ކާގޯ އަހުމަދު ސަލީމް ވިދާޅުވީ، ތްރިވަނަންތަޕޫރަމަށް ދަތުރުތައް ފެށިތާ ދިހަ އަހަރުވެގެންދިޔައިރު މި ސެކްޓަރގެ ކާގޯގެ ޚިދުމަތް ވަރަށްބޮޑަށް ފުޅާވެފައިވާކަމަށެވެ.

އައިލެންޑް އޭވިއޭޝަނަކީ ސައްތައިން ސައްތަ ހިއްސާވާ ދިވެހިންގެ އެއަރލައިނެކެވެ. ދިވެހި ރައްޔިތުންނަށް ލުއިފަސޭހަގޮތެއްގައި ވައިގެ ދަތުރުފަތުރުތައް ކުރެވޭނޭމަގު ފަހިކޮށްދިނުމަށް ސަރުކާރުން އުފެއްދެވި މި ކުންފުނިން ގެންދަނީ، އެއަރލައިނުން ދިވެހިންނަށް ދެމުންއަންނަ ޚިދުމަތްތައް ފުޅާކުރުމަށް އިތުރު އިންވެސްޓްމަންޓުތައް ކުރަމުންނެވެ.