ޚަބަރު

ކަނޑޫދޫ މިރުހުގެ އަގު މާލޭ ބާޒާރުގައި އުފުލިއްޖެ


ކަނޑޫދޫ މިރުހުގެ އަގު މާލޭ ބާޒާރުގައި އުފުލިއްޖެއެވެ. މިރުހުގެ އަގު އުފުލެންދިމާވީ އެރަށުން މާލެއަށް މިރުސް ގެނައުމުގައި ދަތިތަކެއް ދިމާވުމުގެ ސަބަބުން ކަމަށް މާރުކޭޓްގައި ވިޔަފާރިކުރާ ފަރާތްތަކުން ބުނެއެވެ. 

ރާއްޖޭގައި އެންމެ ޑިމާންޑް ބޮޑު މިރުހަރީ ތ.ކަނޑޫދޫގައި ހައްދާ ގިޔެޔޮ މިރުހެވެ. މި މިރުސް މަޝްހޫރު ވެފައިވަނީ މީރު ކުޅި މިރުހެއްގެ ގޮތުގައެވެ. ކަނޑޫދޫ ދަނޑުވެރިން ބުނާގޮތުން މިރުހުގެ ޑިމާންޑާ އެއްވަރަށް މިރުސް އުފެއްދެއެވެ. ދަނޑުވެރިން ބުނާގޮތުން މިރުހުގެ ޑިމާންޑާ އެއްވަރަށް މިރުސް އުފެއްދުނަސް ދިމާވާ އެންމެ ބޮޑު މައްސަލަކީ އެރަށުން މާލެއަށް މިރުސްގެނައުމުގައި ދިމާވާ ދަތިތަކެވެ.

ކަނޑޫދޫގައި މާލެ ދަތުރުކުރާ ބޯޓެއް ނޯވެއެވެ. އެހެންކަމުން އެރަށުން މިރުސް އާންމުކޮށް މާލެގެންނަނީ އަތޮޅުގެ އެހެން ރަށްރަށުގެ ބޯޓްފަހަރުންނެވެ. އެރަށުގައި ޖައްސަފައި ޢާއްމުކޮށް މާލެއަށް ދަތުރުކުރަނީ ތިމަރަފުށީ ދެބޯޓަކާއި ލ.މާވަރުގައި ދުއްވާ ބޯޓެކެވެ. މި ބޯޓްތަކުގެ އިތުރުން ދެން އެންމެ ގިނައިން އެރަށުން މާލެއަށް މިރުސްގެންނަނީ ތިމަރަފުއްޓަށްދާ މޯލްޑިވިއަންގެ ފްލައިޓުންނާއި، ދ.ކުޑަހުވަދޫ ބޯޓްފަހަރުންނެވެ. ތިމަރަފުއްޓަށް ނުވަތަ ކުޑަހުވަދޫއަށް މިރުސްގެންގޮސްގެން މާލެ ފޮނުވަން ޖެހުމަކީ މިރުހުގެ އަގު ބޮޑުވާކަމެއްކަމަށް ދަނޑުވެރިން ފާހަގަކުރެއެވެ. މާލޭ ދަތުރުވެރިންގެ މާރުކޭޓްގައި މިހާރު ކަނޑޫދޫ މިރުސް ވިއްކަމުންދަނީ ސަތޭކަ ގްރާމް މިރުސް ތިރީސް ފަސްރުފިޔާއާއި ސާޅީސް ފަސްރުފިޔާއާއި ދެމެދުގެ އަގުތަކެއްގައެވެ. ވަކި މިރުހެއް ވިއްކާ އަގަށް ބަލާނަމަ ބައެއް ފިހާތަކުގައި އެވްރެޖްކޮށް މިރުހެއް ވިއްކަނީ 4 ރުފިޔާއަށެވެ.  އެވްރެޖްކޮށް ކޮންމެ ހަފްތާއަކުވެސް ދުއިސައްތަ ބަސްތާ މިރުސް ކަނޑޫދޫއިން މާލެއަށް ގެނެއެވެ.