ޚަބަރު

އަމާޒަކަށް ވާންވާނީ ސުލްހައިގެ ޝަރަފްގެ ތަށި އުފުލާ ބަޔަކަށްވުން


ދިވެހިންގެ އަމާޒަކަށްވާންވީ ބޭރުގެ މެހެމާނުންނާއި މުޅި ދުނިޔެއަށް އަމާންކަމާއި ސުލްހައިގެ ޝަރަފްގެ ތަށި އުފުލާލާ ބަޔަކަށް ރާއްޖެ ހެދުންކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ރާއްޖެ ގެނައި ވޯލްޑްކަޕް ޓްރޮޕީ އިފްތިތާޙްކޮށްދެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފީފާ ވަރލްޑްކަޕް ޓްރޮފީ އުފުލާލި ފުރަތަމަ ދިވެއްސެއްގެ ގޮތުގައި ރައީސް ޔާމީން ތާރީޚުގެ ތެރެއަށް ވަނީ ވަދެވަޑައިގެންފައި. އެމަނިކުފާނު ފީފާ ވަރލްޑްކަޕް ޓްރޮފީ އުފުއްލަވާލެއްވީ ރާއްޖޭގެ ޤައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

ދުނިޔޭގެ އެންމެ މަޤްބޫލް އެންމެ އަގުބޮޑު ޓްރޮފީ ބައެއް ޤައުމުތަކަށް ގެންދިއުމަށް ފަށާފައިވާ ޓުއަރގައި މިއަދު ރާއްޖެ ގެނައި މިޓްރޮޕީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް އެރުވީ 1998 ވަނަ އަހަރު އެމުބާރާތް ކާމިޔާބުކުރި ފްރާންސްގެ ޤައުމީޓީމުގެ ކުޅުންތެރިޔާ ކްރިސްޓިއަން ކަރެމްބޫއެވެ. ރައީސް ޔާމީން ވަރލްޑްކަޕް ޓްރޮފީ އުފުއްލަވާލައްވާފައިވަނީ ގިނަ ޢަދަދެއްގެ ދިވެހިރައްޔިތުންގެ ކުރިމަތީގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރާއްޖެ މަޝްހޫރުވެފައިވަނީ ރީތި ގޮނޑުދޮށްތަކެއް ލިބިފައިވާ ފަތުރުވެރިކަމުގެ މި މަންޒިލަށް އަންނަ ހުރިހާ މެހެމާނުންނަށް މަރުހަބާ ކިޔަން ޖެހޭނެކަމަށެވެ.

ރާއްޖެއަކީ މެހެންމާދާރީ އަދާކުރުމުގައި ދުނިޔެއަށް ލާމަސީލު ޤައުމުމެއްކަމަށާއި، އެންމެ މަޤްބޫލް ޤައުމުގެ ގޮތުގައި މަޝްހޫރުވެފައިވާ ޤައުމަށް އެންމެ ޝަރަފްވެރި ޓްރޮފީ ގެނައުމަކީ ޒުވާނުންނަށް ހިތްހަމަޖެހުމާއި ފަޚުރުވެރިވާންޖެހޭ ވަގުތުކޮޅެއްކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ އެންމެ މަޤުބޫލު އައިކަން އުފުއްލަވާލެއްވުމަކީ ދިވެހި ރައްޔިތުންްނާއި ކުޅިވަރަށް ލޯބިކުރާ މީހުންގެ ފަރާތުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ޝަރަފެއްކަމަށް ރައީސް ސިފަކުރެއްވިއެވެ. ރައީސް ޔާމީން ވިދާޅުވީ ކުޅިވަރަކީ ރައްޔިތުންގެ މެދުގައި އެކުވެރިކަންގެނުންވާ ކަމެއްކަމަށެވެ. އެހެންކަމުން ރާއްޖެއަކީ ސުލްހަވެރި ޤައުމެއްގެ ގޮތުގައި ބޭރުގެ މެހެމާނުންނަށް ދައްކައިދޭން ބޭނުންވާކަމަށެވެ. 

"މި އުފާވެރި މުނާސަބަތުގައި އަޅުގަނޑުމެންގެ ޚިޔާލަށް ގެންނަންޖެހެނީ މި ޓްރޮފީއަކީ އެންމެ ވަރުގަދަ ފުޓްބޯ ކުޅުންތެރިން ޒިދާން މެރެޑޯނާ ކެޕްޓަން އަރމް ބޭންޑާ އެކީ ލިފްޓްކޮށްފައިވާ ޓްރޮފީއެއް. އެހެންވީމަ ޝައްކެއްވެސް ނެތް ގޮތުގައި މިކަހަލަ ޓްރޮފީއެއް ރާއްޖެ އައީމަ އަހަރެމެން އެންމެން އުފާވޭ. ހިތްތަކަށް ހިތްހަމަ ޖެހުންގެނެސްދޭ. އަހަރެމެންގެ ލޯމަތިން މޫނުމަތިން އުފާވެރިކަން ފެނޭ. އެއީ ހަޔާތުގައި މި ކަހަލަ އުފާވެރި މުނާސަބަތެއް އެއްފަހަރު ނޫނީ ބައްދަލެއްނުކުރާނެ. އަހަރެމެން ބޭނުންވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މިކަހަލަ އުފާވެރި މެހެފިލްތައް އިތުރުވެގެންދިއުން. ޝައްކެއްނެތްގޮތުގައި ކުޅިވަރުގެ ތެރެއިން އަހަރެމެނަށް އެކުވެރިކަން އާލާ ކުރެވޭނެ." ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ކުޅޫވަރު ތަރައްޤީކުރުމަށް ނުކުރާހާ މަސައްކަތް މި ހަތަރު އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުގައި ކުޅިވަރުގެ ޢުމްރާނީ ވަޞީލަތް ތަރައްޤީކުރުމަށްޓަކައި ކޮށްފައިވާކަމަށެވެ. އެކަމުގެ ބޭނުމަކީ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ޒުވާނުންނަށް ކުޅިވަރު ކުޅޭނެ ފުރުސަތު ހޯދައިދުނުންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެކަމުގެ ރަނގަޅު ނަތީޖާތައްވެސް ފެންނަމުން ދާކަމަށެވެ.

މިދިޔަ ހަތަރު އަހަރު ދުވަހަކީ ބައިނަލް އަޤްވާމީ މުބާރާތްތަކުގައި އެންމެ ގިނަ އަދަދަކަށް ދިވެހި އެތުލީޓުން ބައިވެރިވި 4 އަހަރުކަމަށާއި، ބައިނަލް އަޤްވާމީ މުބާރާތްތަކުން އެންމެ ގިނަ ޝަރަފްގެ މެޑެލްތައްވެސް ހޯދީވެސް މި ހަތަރު އަހަރުގެ ތެރޭގައިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނުގެ އަމާޒަކީ މި ފުރުސަތު ކުޑަކުދިންނަށް ތަނަވަސްކޮށްދިނުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ."އަޅުގަނޑުމެން މި ތަށި މިއަދު އުފުލާލަނީ ފަޚުރުވެރިކަމާ ޝަރަފާއެކީ. ކުޅިވަރަކީ މުޅި ދުނިޔެ އެއްބައިކުރާ އެއްޗެއް. މި ތަށި އުފުލާލާއިރު އަޅުގަނޑުމެންގެ އަމާޒަކަށްވާންވާނީ ކުޅިވަރުގެ މުބާރާތްތަކުގައި މިފަދަ ގިނަ ޓްރޮޕީތަކެއް އުފުލާލުން. އަދި އަމާޒަކަށް ވާންވާނީ ބޭރުގެ މެހެމާނުންނަށް މުޅި ދުނިޔެއަށް އަމާންކަމާ ސުލްހައިގެ ތަށި އުފުލާ ބަޔަކަށް ރާއްޖެވުން .މީ އަޅުގަނޑުމެންގެ އަމާޒަކަށް ވާންވާނީ" ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވިއެވެ.މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރއިްޔާގެ އިތުރުން ސްޕޯޓްސް މިނިސްޓަރ އިރުތިޝާމް އާދަމާއި، އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބައިވެރިވެޑައިގެންނެވި. އަދި ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުންވެސް މި ޓްރޮފީ ބަލާލުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަފްލާގައި ބައިވެރިވިއެވެ.

ދުނިޔޭގެ އެންމެ މަޤްބޫލް އެންމެ އަގުބޮޑު ޓްރޮފީ ބައެއް ޤައުމުތަކަށް ގެންދިއުމަށް ފަށާފައިވާ ޓުއަރގައި ރާއްޖޭގެ ޓުއަރ ފައްޓަވާދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ. މި ޓްރޮޕީ ރާއްޖެ ގެނައުމުން އިންޓަރނޭޝަނަލް އެއަޕޯރޓްގެ ވީއައިޕީ ލައުންޖައި މިޓްރޮފީ އެންމެ ފުރަތަމަ ދައްކަވާލެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމްއެވެ. މި ޓްރޮޕީއާއި އެކު ފޮޓޯއާއެކު ފޮޓޯ ނެގުމުގެ ފުރުޞަތު އޮންނާނީ މާދަމާ ހެނދުނު 8 ން ހަވީރު 5 އަށް މާފަންނު ސްޓޭޑިއަމްގައެވެ.