ޚަބަރު

2 ސްޓްރީމުން އިމްތިހާނުގައި ބައިވެރިވެ 8 މާއްދާއިން "އޭ ސްޓަރ"


ތަޢުލީމީ ދާއިރާގައި ރާއްޖެއިން އަންނަނީ ދުވަހެއް ދުވަހެއް ކުރި ހޯދަމުންނެވެ. ކޮންމެ އަހަރަކުވެސް އޯލެވެލް އިމްތިހާންގައި ރާއްޖެއިން ބައިވެރިވެ ރަން ވަނަތަކެއް ދިވެހި ދަރިވަރުން އަންނަނީ ހޯދަމުންނެވެ. އެގޮތުން މިދިޔަ އަހަރުވެސް އޯލެވެލް އިމްތިޙާނުން ދިވެހި ދަރިވަރުންވަނީ ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ. 

އޯލެވެލް އިމްތިޙާނުން އެންމެ ފާހަގަ ކޮށްލެވޭ ކާމިޔާބީއެއް ހޯދި އެއް ދަރިވަރަކީ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްއިން ތަޢުލީމް ޙާސިލްކުރި މުޙައްމަދު ނޫރު ރިލްވާނެއެވެ. ނޫރުގެ ކާމިޔާބީ ޚާއްސަވާ ސަބަބަކީ، 2 ސްޓްރީމުން އިމްތިހާނުގައި ބައިވެރިވެ 8 މާއްދާއިން "އޭ ސްޓަރ" ހޯދާފައިވުމެވެ. މިއީ ތަޢުލީމީ ދާއިރާއިން ރާއްޖޭގައި ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ފަޚުރުވެރި ކާމިޔާބީއެކެވެ.

ނޫރުގެ ތަޢުލީމީ ހަޔާތް ފަށާފައިވަނީ އަމީރު އަހްމަދު ސްކޫލުންނެވެ. އެއަށްފަހު ގްރޭޑް ނުވަޔަކާ ހަމަޔަށް ތަޢުލީމް ހާސިލުކޮށްފައިވަނީ ޖަމާލުއްދީން ސްކޫލުގައެވެ. އެންމެ ފަހު އަހަރު އަދި ތަޢުލީމީ ޙަޔާތުގައި ދަރިވަރަކު ކުރިމަތިލާ އެންމެ މުހިއްމު އަހަރު، ނޫރުގެ ޢާއިލާއިން އިޚްތިޔާރުކުރީ އޭނާ އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލަށް ވެއްދުމަށެވެ. އެންމެނާވެސް ގުޅޭ މަޑުމައިތި މިޒާޖެއްގެ ނޫރަކީ ޓީޗަރުންނާއި މައިންބައިފައިންގެ ބަސްއަހާ ކިޔަމަންތެރި ދަރިވަރެކެވެ.

img:http://s4.psmnews.mv/images/660x400/15171567811510.jpg|މުޙައްމަދު ނޫރު ރިލްވާން ރާއްޖެއިން ބޭރުގައި ދިވެހި ޤައުމު ތަމްސީލުކުރަނީ

2 ސްޓްރީމަށް ކިޔެވުމަށް ނިންމީ ކީއްވެތޯ ނޫރާއި ސުވާލުކުރުމުން އޭނާ ބުނީ، ކުރިއަށްދާނެ ވަކި ދާއިރާއެއް ކަނޑައަޅާފައިނުވާތީ، ޢާއިލާ މެންބަރުންގެ މަޝްވަރާއާއި ލަފާގެ މަތިން 2 ސްޓްރީމްވެސް ކިޔެވުމަށް އިޚްތިޔާރުކުރީކަމަށެވެ. އަދި އަބަދުވެސް ތަފާތު ކަންކަން ތަޖުރިބާކުރަން ބޭނުންވާކަމަށް ނޫރު ބުންޏެވެ. އޯ ލެވެލް އިމްތިހާނުން މިހާރު ރަނގަޅު ކާމިޔާބީއެއް ލިބުމުން ނޫރު ހުރީ ވަރަށްވެސް އުފަލުންނެވެ. 

އެކަޑަމިކް ކާމިޔާބީތަކާ އެއްވަރަށް ނޫރަކީ ކުޅިވަރާއި، އިތުރު ޙަރަކާތްތަކުގައިވެސް ފާހަގަކޮށްލެވޭ ދަރިވަރެކެވެ. ކިޔެވުމަށް ވަގުތުދެމުންވެސް އޭނާ އެންމެ ކުޅޭ ހިތްވާ ކުޅިވަރު "ޗެސް" އިން ނޫރުވަނީ ކާމިޔާބުތަކެއް ހޯދާފައެވެ. ޗެސް ކުޅުމުގެ އިތުރުން ނޫރުއަކީ ކޯޗްކަން ކޮށްދޭ ކުއްޖެއްވެސް މެއެވެ. ޗެސްގެ ތެރެއަށް ނޫރުވަނީ އޭނާގެ ޢުމުރުން އެންމެ 3 އަހަރުގައެވެ. އެއީ އޭނާގެ ބައްޕަގެ އެހީތެރިކަމާއެކުއެވެ. ޗެސްގެ އިތުރުން ނޫރަކީ ކަރާޓޭ ކުޅުމަށްވެސް ޝަޢުގުވެރިކަން ހުންނަ ކުއްޖެކެވެ. 

img:http://s2.psmnews.mv/images/660x400/15171567324169.jpg|މުޙައްމަދު ނޫރު ރިލްވާން ޗެސް މުބާރާތެއްގައި ކުޅެނީ

ނޫރުގެ މައިންބަފައިން ސިފަކުރާގޮތަކީ ނޫރަކީ މަޑުމައިތިރި އެހެންނަމަވެސް މައިންބަފައިގެން ބަސްއަހާ ކުއްޖެކެވެ. ގޭތެރެގައި ކުރަންޖެހޭ ކަންތައްތައް ކުރަމުން އަދި ކުޅިވަރަށް ވަގުތު ހުސްކުރުމުންވެސް ކިޔެވުމަށް ވަގުތުދޭކަން ނޫރުގެ މަންމަ ފާހަގަކުރިއެވެ. 

ތަޢުލީމީ ދާއިރާއިން ކުރި ހޯދުމަކީ ވަކި ޖިންސެއް ވަކި ފަންތިއެއް ނުވަތަ ވަކި ގިންތިއައެއްގެ މީހަކަށް ލިބޭނެ ކުރިއެރުމެއް ނޫންނެވެ. މަސައްކަތްކޮށްފިނަމަ ކޮންމެ މީހަކައްވެސް ކާމިޔާބު ހޯދޭނެއެވެ.