ވިޔަފާރި

2017ގައި އެންމެ ގިނައިން ޓެކްސް ބަލައިގަތީ އައްޑޫ ބްރާންޗުން


އަތޮޅުތެރޭގައި ޤާއިމްކޮށްފައިވާ  ކަލެކްޝަން ސެންޓަރުތަކުގެ ތެރެއިން ފާއިތުވި އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގަނެފައިވަނީ އައްޑޫސިޓީ ބްރާންޗުންކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ބުނެފިއެވެ.

މީރާގެ ޚިދުމަތްތައް އަތޮޅުތަކުގައި ފުޅާކޮށް ޚިދުމަތް ހޯދާ ފަރާތްތަކަށް ވީހާވެސް ފަސޭހަވާނެފަދަ ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމަކީ އެ އިދާރާގެ އަމާޒެކެވެ. ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯރސްމަންޓް ޑިޕާރޓްމަންޓް ފާތިމަތު އަމީޒާ ވިދާޅުވީ، އަތޮޅުތެރޭގެ 12 ސަރަހައްދެއްގައި މީރާގެ ކަލެކްޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާއިރު، ފާއިތުވި އަހަރު އެންމެ ގިނަ ޢަދަދަކަށް ޓެކްސް ބަލައިގަނެފައިވަނީ އައްޑޫ ސިޓީ ބުރާންޗުންކަމަށެވެ.

"ފާއިތުވި އަހަރުގެ ނިޔަލަށް މީރާގެ 12 އޮފީހެއް އަތޮޅުތެރޭގައި ޤައިމްކުރެވިފައިވޭ. އެންމެ ބޮޑު އާމްދަނީއެއް ފާއިތުވި އަހަރު ލިބިފައިމިވަނީ އައްޑޫ ބުރާންޗުން." މީރާގެ އެސިސްޓެންޓް ކޮމިޝަނަރ ޖެނެރަލް އެންފޯރސްމަންޓް ޑިޕާރޓްމަންޓް ފާތިމަތު އަމީޒާ ވިދާޅުވިއެވެ.



އާބާދީ ބޮޑެތި ޞަރަޙައްދުތަކުގައި މީރާގެ ކަލެކްޝަން ސެންޓަރުތައް ވަނީ ޤާއިމްކޮށްފައެވެ. ކަލެކްޝަން ސެންޓަރުތައް ޤާއިމްކޮށްފައިވާ ރައްތަކުގެ ތެރޭގައި ހއ.ދިއްދޫ، ށ.ފުނަދޫ، ކ.މާފުށި، ދ.ކުޑަހުވަދޫ، ލ.ފޮނަދޫ ހިމެނޭ. އަދި އައްޑޫ ސިޓީއާއި، ހދ.ކުޅުދުއްފުށި، ބ.އޭދަފުށި، ފ.ނިލަންދޫގެ އިތުރުން ތ.ވޭމަންޑޫއާއި، ގދ.ތިނަދޫ އަދި ފުވައްމުލަކު ސިޓީގައިވެސް މީރާ ކަލެކްޝަން ސެންޓަރުތައްވަނީ ޤާއިމްކޮށްފައެވެ. 

މިއަހަރުގެ ތެރޭގައިވެސް ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން އިތުރު އަތޮޅުތަކުގައި ކަލެކްޝަން ސެންޓަރުތައް ހުޅުވާނެކަމަށް މީރާއިން ބުނެއެވެ. މިދިޔަ އަހަރު ދައުލަތައް ލިބުނު ޢާމްދަނީގެ 80 އިންސައްތަ ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ލިބުނު ޢާމްދަނީއެވެ. މިދިޔަ އަހަރު ޓެކުހުގެ ގޮތުގައި މީރާއަށް 15.2 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ.