ޚަބަރު

"ޒަކާތު ފައިސާ އޭގެ ޙައްޤުވެރިންނަށް އަދާކުރަންޖެހޭ"


ޒަކާތުގެ ފައިސާއިން ރައްޔިތުންނަށް ދޭންޖެހޭ ޙައްޤު ކުރީގެ ސަރުކާރުތަކުގައި އަދާނުކުރުމަކީ މިސަރުކާރުން އޭގެ ޒިންމާ ނަގަންޖެހޭ ކަމެއްނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދުވިދާޅުވެއްޖެއެވެ. 

މިނިސްޓަރ މިހެން ވިދާޅުވީ ޒަކާތު ފަންޑުގެ ފައިސާއިން ސަރުކާރުން ކުރާ ހޭދައާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ޕީއެސްއެމް ނިއުސްގެ އުންމީދާއި ކުރިއެރުން ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ޒަކާތު ފަންޑުން ހުއްދަނޫން ދާއިރާތަކަށް ސަރުކާރުން ޚަރަދު ކުރަމުންދާކަމަށް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައްދުދެއްވައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ، އިދިކޮޅު ފަރާތްތަކަށް މިސަރުކާރުން ކުރާ އެއްވެސްކަމެއް ކަމުނުދާނެކަން އެމީހުންގެ ވާހަކަތަކާއި ޢަމަލުތަކުން ފެންނަމުންދާކަމަށެވެ. އިސްލާމީ ތާރީޚާއި ދުނިޔޭގެ އިސްލާމީ ބޮޑެތި ޤައުމުތަކުގައި އިސްލާމީ އުސޫލްތަކާއި ހަމަތަކުގެ މަތިން މުޖުތަމަޢުގައި އެންމެ ބޭނުން ޖެހިފައިވާ ދާއިރާތަކަށް ޒަކާތު ފައިސާއިން ހޭދަކުރެވޭނެކަން މިއީ ފެންނަން އޮތް ހަޤީގަތެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޒަކާތު ފަންޑުން ހޭދަކުރުމުގައި ރާއްޖޭގައި ޢަމަލުކުރަމުން އަންނަ އުސޫލަކީ ޒަމާނުއްސުރެ ރާއްޖޭގައި ޢަމަލްކުރަމުން އަންނަ އުސޫލެއްކަމަށާއި، އެއުސޫލަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ، މި ސަރުކާރުން ރައްޔިތުންގެ ހައްޤުގައި ކުރާ ކޮންމެ ކަމަކީ ރައްޔިތުންނަށް ފައިދާހުރި  ކަންކަންކަމަށާއި، ކުރީގެ ސަރުކާރުތަކާއި ދައުލަތްތަކުގައި  ޒަކާތު ފައިސާއިން ރައްޔިތުންނަށް ދޭންޖެހޭ ހައްޤު އަދާނުކުރުމަކީ މިސަރުކާރުން އޭގެ ޒިންމާ އުފުލަންޖެހޭ ކަމެއްނޫންކަމަށެވެ. 

އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒިޔާދު ވިދާޅުވީ،  ޒަކާތު ފަންޑު ފައިސާ ހޭދަކުރަނީ ޢިލްމުވެރިންއެކުލެވޭ ޚާއްޞަ ކޮމިޓީއަކަށް ހުށަހަޅައި އެކޮމިޓިން ފާސްކޮށްގެންކަމަށެވެ. ޒަކާތު ފައިސާއިން ހޭދަކުރާ ބައެއް ދާއިރާތަކުގެ ތެރޭގައި، މަތީ ތަޢުލީމް ސްކޯލާޝިޕްގެ ފުރުސަތުފަހިކޮށްދިނުމާއި، ތެލަސީމިއާ ކުދިންގެ ބޯންމެރީ ޓްރާންސްޕްލާންޓް ހެދުމާއި، ރާއްޖެއިންބޭރުގައި ޙާލުގައިޖެހޭ ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި، ކީރިތިޤުރްއާނުގެ ޢިލްމު އުނގެނުމާއި އުނގަންނައިދިނުމާއި، މިސްކިތްތަކަށް ޚަރަދުކުރުމާއި، ޤުރުއާނަށް ލޯބިޖެއްސުން ފަދަ ދާއިރާތައް މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރވިދާޅުވީ، ޒަކާތު ފައިސާއިން ލިބޭ ޢާމްދަނީން އެ މިނިސްޓްރީން ކުރާމަސައްކަތްތައް ރައްޔިތުން ބަލައިގަންނަކަމަށެވެ. 

"މިއަދު ޒަކާތުފައިސާއިން ދިވެހި ދަރިންނަށް ކިޔަވައިދެމުންދާތީ އެއީ މައްސަލައަކަށްވަންޏާ  ކީކޭތޯ ދަންނަވާނީ. އެއީ އިސްލާމީ ހުރިހާޤައުމެއްގައިވެސް ކުރަމުންދާކަމެއް." މިނިސްޓަރ ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓަރ ވިދާޅުވީ ކުރީގެ ސަރުކާރުން އިސްލާމްދީނާ އިސްލާމީ އުސޫލްތަކާއި ޚިލާފަށް ކަންތައްތަކެއް ކުރަމުންދިޔަތަން ރައްޔިތުންނަށް ފެނިފައިވާކަމަށެވެ. އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލައި ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ދައްކާވާހަކަތަކެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރ ސިފަކުރެއްވިއެވެ.