ވިޔަފާރި

ކުޅުދުއްފުށީ ޕޯޓުގައި ވެއަރ ހައުސްތަކެއް ތަރައްޤީކުރަނީ


ކުޅުދުއްފުށީ ޕޯޓް ލިމިޑެޓަށް މުދާ ގެންނަ ފަރާތްތަކަށް މުދާ ރައްކާކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް، ވެއަރ ހައުސްތައް ތަރައްޤީކުރުމަށް ނިންމާފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން އިބްރާހީމް އަބްދުއްރައްޒާޤު ވިދާޅުވީ އެކުންފުނިން މަސައްކަތް ކުރަމުންދަނީ އިތުރު އިންވެސްޓްމަންޓްތައް ހދ. އަތޮޅަށް ގެނައުމަށްކަމަށެވެ.

އެގޮތުން ކުޅުދުއްފުށީ ޕޯޓް ލިމިޑެޓްގެ މިއަހަރުގެ ޕްލޭންގައި އެތަނުގައި ވެއަރހައުސް ފެސިލިޓީތައް ޤާއިމްކުރުމަށް ނިންމާފައިވާ ކަމަށާއި މީގެ ސަބަބުން ވަޒީފާގެ ފުުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ރައްޒާޤް ވިދާޅުވިއެވެ.

"ކުޅުދުއްފުށީ އެއަރޕޯޓުވެސް މިއަހަރުތެރޭ ނިމުމުން މުދާ އުފުލާ ހަބަކަށް ވެފަ އޮތް ތަނެ މިހާރުވެސް މި ރަށަކީމީ، މި ސަރަހައްދުގެ ރަށްރަށުންނާއި އަދި މާލެއިން ކުޅުދުފުއްޓަށް މުދާ ގެނެއް ދެން އެހެން ރަށްރަށަށް އެމުދާތައް ގެންދޭ އެހެންވީމަ މިފަދަ ވެއަަރހައުސްތަށް މިރަށް މުޙިއްމު" ރައްޒާޤް ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ ކުޅުދުއްފުށީގައި ތަރައްޤީކުރާނީ ކިތަށް ވެއަރހައުސް ކަން އަދި ކަނޑަނާޅާ ކަމަށާއި އެކަމާއި ގުޅޭ ދިރާސާތައް ކުރަމުންދާ ކަމަށެވެ.