ސިޔާސީ

ޕީ.ޖީއަކު ނެތި ދައުލަތުގެ ނަމުގައި ކޯޓުތަކުގައި ވަކާލަތު ނުކުރެވޭނެ–ވަކީލން






ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ބޭފުޅަކު ނެތި، ދައުލަތުގެ ނަމުގައި ކޯޓުތަކުގައި ވަކާލަތު ކުރެވިދާނެކަމަށް ޤަބޫލްނުކުރައްވާކަމަށް ވިދާޅުވެ ޕީޖީގެ ގިނަ ވަކީލުން ސޮއިކުރައްވާ ރައީސުލްޖުމްހޫރިއްޔާއަށާއި، އެހެނިހެން މުއައްސަސާތަކަށް ސިޓީއެއް ފޮނުވައިފިއެވެ.


 
 
ޕީޖީގެ ވަކީލުން ކޯޓްތަކަށް ވަޑައިގެންނެވުމަށް ފަސްޖެހިވަޑައިގެން ކަމާއިބެހޭ މުއައްސަސާތަކަށާއި ސަރުކާރަށް ސިޓީ މިލިޔުނީ ޕްރޮސެކިއުޓަރޖެނެރަލަކު ނެތްނަމަވެސް މިހާރު އޮތް ހާލަތުގައި އެސިސްޓެންޓް ޕްރޮސެކިއުޓަރޖެނެރަކު ހުންނެވުމުން މައްސަލަތަކަށް ވަކީލުންނަށް ވަޑައިގެންނެވިދާނެކަމަށް ބަންޑާރަ ނާއިބު ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވައި އެލަފާ ރައީސް އޮފީހުން ޕީޖީގެ އޮފީހާއި ހިއްސާކޮށް އަދި ވަކީލުން މަސައްކަތަށް ނުކުންނެވުމަށް އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލް ލިޔުމަކުން ހުރިހާ ވަކީލުންނަށް އަންގަވާފައިވަނިކޮށެވެ.


 
މިއަދަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުން ކޯޓްތަކަށްވަޑައިގެން އޮފީހުގައި މަޑުކުރައްވައިގެން ތިއްބެވި ހަތަރުވަނަ ދުވަހެވެ. މިދިޔަ ހަފްތާގެ ހޯމަދުވަހު ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމުން އަހުމަދު ޝަމީމް އިސްތިއުފާ ދެއްވުމުން ޕްރޮސެކިއުޓަރޖެނެރަލް އޮފީހުގެ ވަކީލުން ގެންދަވަނީ ސުވާލެއް ކުރިމަތިކުރައްވަމުންނެވެ. އެއީ ޕްރޮސެކިއުޓަރ ޖެނެރަލަކު ނެތި އަދި ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލަކު ނެތި ދައުލަތް ތަމްސީލު ކުރުމަށް ކޯޓްތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަޑައިގެންނެވިދާނެކަމާއިމެދު ވަކީލުން އުފައްދާ ސުވާލެވެ. މިސުވާލުގެ ޖަވާބު ގާނޫނީ މައްސަލަތަކުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ދައުލަތުގެ ބަންޑާރަނާއިބު ގާނޫނީ ލަފައެއް ދެއްވާފައި އޮތްނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ ވަކީލުންނަށް އެލަފާ ބަލައިގަންނަވަން އެހާ ފަސޭހަފުޅެއްނޫނެވެ.


 
ބަންޑާރަނާއިބުގެ ލަފާ ރައީސް އޮފީހުން ހިއްސާކުރުމުން އެލަފަޔާއި އެއްގޮތަށް އަމަލުކުރައްވަން ގާނޫނީވަކީލުން ބޭނުންފުޅުވާކަން ފާޅުކުރިއެވެ.


 
އެހެންނަމަވެސް މިއަދު އަޅުގަނޑުމެންނަށް އަޑުއިވިގެންދަނީ ޕީޖީގެ ވަކީލުންގެ ފަރާތުން ދައުލަތުގެ ތިން ބާރުގެ އިސްވެރިންނަށް ސިޓީއެއް ފޮނުވާފައިވާކަމަށެވެ. އެސިޓީގައި ބުނެފައިވަނީ، ޖިނާއީ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރެވޭނީ ޕްރޮސެކިއުޓަރ ޖެނެރަލް ނުވަތަ އެފަރާތުން ކަނޑައަޅާ ފަރާތަކަށްކަމަށާއި، ޕްރޮސެކިއުޓަ ޖެނެރަލާއި ޑެޕިއުޓީ ޕޮރޮސެކިއުޓަރ ޖެނެރަލްކުއަކު  ނެތި، ގާނޫނީ ގޮތުން ކޯޓުތަކުގައި ޕްރޮސެކިއުޓަ ޖެނެރަލް ތަމްސީލު ކުރެވިދާނެ ކަމަށް ޤަބޫލް ނުކުރާކަމަށެވެ.


 
އެހެންކަމުން ދައުލަތުގެ ނަމުގައި ކޯޓުތަކުގައި ވަކާލާތު ކުރެވިދާނެކަމަށް ޤަބޫލް ނުކުރާކަމަށް ޕީޖީގެ ވަކީލުން ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވެއެވެ. އަދި ސުޕްރީމް ކޯޓުން ވަކިގޮތެއް ނާންގާހިނދަކު އަދި މަޖިލީހުން ޕީޖީއެއް އައްޔަން ނުކޮށްދެއްވާހިނދަކު ކޯޓްތަކަށް ވަޑައިނުގަންނަވާނެކަމަށް ޕީޖީގެ ވަކީލުން ސޮއިކޮށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވެއެވެ.


 
 
ޕީޖީގެ މަގާމަކީ މުސްތަގިއްލު، ޖަވާބުދާރީ ކުރެވޭނެ ނިޒާމެއްގެ ތެރެއިން އައްޔަން ކުރެވިފައިވާ މަގާމަކަށާއި، ޤާނޫނީ އިމުގެ ތެރެއިންނޫން ގޮތަކަށް ޕީޖީއާއި ގާނޫނު އަސާސީން މަތިކޮށްފައިވާ އެއްވެސް މަސްއޫލިއްޔަތެއް އަދާ ނުކުރެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.


 
ޕީޖީ އޮފީހުގެވަކީލުން ސޮއިކުރައްވާ އެސިޓީވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ސުޕްރީމް ކޯޓަށާއި، ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުއްވާފައިކަމަށް ޕީޖީ އޮފީހުން މަޢުލޫމާތުދެއެވެ.



ޕީޖީގެ ގާނޫނުގައިވާ ގޮތުން ޕީޖީގެ މަގާމު ހުސްވެއްޖެނަމަ، އެމަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ހަމައެކަނި ފަރާތަކީ ޑެޕިއުޓީ ޕީޖީ.އަދި ޕީޖީގެ މަޤާމް ހުސްވެއްޖެނަމަ ތިރީސް ދުވަހުގެ ތެރޭގައި ޕީޖީއަކު އައްޔަން ކުރަންޖެހޭނެކަމަށްވެސް ޤާނޫނުގައި ބުނެފައިވެއެވެ.


 
ޕީޖީގެ މަގާމުގައި ހުންނެވި އަހުމަދު މުއިއްޒު މިދިޔަ ނޮވެމްބަރު މަހު އިސްތިއުފާ ދެއްވުމާ ގުޅިގެން ޕީޖީގެ މަސްއޫލިއްޔަތުތައް އަދާކުރައްވަމުން އައިސްފައިވަނީ ޑެޕިއުޓީ ޕީޖީގެ މަޤާމުގައި ހުންނެވި ހުސެއިން ޝަމީމެވެ. ނަމަވެސް އޭނާވެސް ވަނީ މިމަހުގެ ފަސަވަނަދުވަހު އެމަޤާމުން އިސްތުފާދެއްވާފައެވެ.


 
ޕްރޮސިކިއުޓަރ ޖެނެރަލް އާއި ޑެޕިއުޓީ ޕްރޮސިކިއުޓަރޖެނެރަލް ނެތް ހާލަތެއް ކުރިމަތިވެއްޖެނަމަ، އެއޮފީހުގައި ހުންނެވިޤާނޫނީ އެންމެ އިސްބޭފުޅަކު ޕީޖީގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނެކަމަށް ވިދާޅުވެ ބަންޑާރަ ނައިބު ރައީސުލްޖުމްހޫރިއްޔާއަށް ވަނީ ލަފާދެއްވާފައެވެ. އެހެންކަމުން ޖިނާއީ މައްސަލަތަކުގައި ޕީޖީ އޮފީސް ތަމްސީލްކުރެއްވުމަށް ކޯޓުތަކަށް ވަޑައިގަތުމަށް އެސިސްޓެންޓް ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި އަޙްމަދު ހަމީދު ފަހުމީ ވަނީ ޕީޖީ އޮފީހުގެ ވަކީލުންނަށް މެމޯއެއްވެސް ފޮނުއްވަފައެވެ. ނަމަވެސް ޕީޖީ އޮފީހުގެ ވަކީލުން ހާޒިރު ނުވުމުގެ ސަބަބުން މިއަދުވެސް ކޯޓުތަކުގައި ތާވަލްކޮށްފައިވާ ޖިނާއީ މައްސަލަތައްވަނީ ކުރިއަށް ގެންދެގޮތް ނުވެގެން ކެންސަލްކޮށްފައެވެ.