ޚަބަރު

އެމްއެންޔޫގެ މެޑިކަލް ސްކޫލުގެ ޚިދުމަތް ޖުލައިގައި


މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެޑިކަލް ސްކޫލުގައި މިއަހަރުގެ ޖުލައިގައި ކިޔަވައި ދިނުމުގެ ޚިދުމަތް ފަށަން އަމާޒުކޮށްފައިވާކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

މެޑިކަލް ސްކޫލުގެ ޚިދުމަތް ފެށުމަށްޓަކާ ކުރަންޖެހޭ ކަންތައްތަކުގެތެރެއިން މިހާރު ކުރިއަށްދަނީ މެޑިކަލް ކަރިކިޔުލަމް، ރިވިއު ކުރުމުގެ މަސައްކަތްކަމަސް އެ ޔުނިވަސިޓީން ބުނެއެވެ. 

މިގޮތުން ރާއްޖެއަށް ޚާއްސަ ދާއިރާތަކަކީ ކޮބައިތޯ ބަލައި އައިޖީއެމްގެ ޑޮކްޓަރުންގެ ޓީމަކާއި ޙަވާލުކޮށްގެން އެ މަސައްކަތް ކުރަމުންދާކަމަށް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އަލީ ފަވާޒް ވިދާޅުވިއެވެ. 

މެޑިކަލް ސްކޫލަށް ބޭނުންވާ ތަކެތި ގަތުމާއި، މެޑިކަލް ސްކޫލަށް ބޭނުންވާ ލެބުތައް ތައްޔާރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށާއި އަދި އެއާއި އެކީ ޔުނިވަރސިޓީގައި ޤާއިމްކުރަންޖެހޭ އިންފްރާސްޓްރަކްޗަރގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

އަދި މިހާރު މެޑިކަލް ސްކޫލަށް ބޭނުންވާ ސްޓާފުން ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެކަމަށް ބޭނުންވާ އުސޫލުތަކާއި ޤަވާއިދުތައް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ޑރ.ފަވާޒް ވިދާޅުވީ އެ ޔުނިވަރސިޓީގެ އަމާޒަކީ ޖުލައިމަހު މެޑިކަލް ސްކޫލުގައި ދަރިވަރުންނަށް ކިޔަވަން ފުރުސަތު ލިބުންކަމަށާއި، މިކަމަށް އެ ޔުނިވަރސިޓީން ވަރަށް ބޮޑަށް ތައްޔާރުވަމުންދާކަމަށެވެ. 

މި މެޑިކަލް ސްކޫލު ކުރިއަށްދާނީ ދުނިޔޭގެ ފެންވަރުގެ ރަގަޅު ޕްރޮފެސަރުން ތިއްބަވައިގެންކަމަށްވެސް ޑރ.އަލީ ފަވާޒް ވިދާޅުވިއެވެ. 

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ މެޑިކަލް ސްކޫލު ކުރިއަށްގެންދެވެނީ،  މިނިސްޓްރީ އޮފް ހެލްތްއާއި ޕާކިސްތާން ސަރުކާރުގެ ދީލަތި އެހީއަކާއި އެކުކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.