ޚަބަރު

"ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީ"އަށް ޢަމަލުކުރަން ފަށަނީ


އަލައް އެކުލަވާލި "ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީ" އަންނަ މަހުން ފެށިގެން ހުރިހާ ސްކޫލެއްގައި ތަންފީޒްކުރަން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ. 

ބިހޭވިއަރ މެނޭޖްމަންޓް ޕޮލިސީއަކީ ދަރިވަރުންގެ ސުލޫކާއި އަޚްލާޤު ސްކޫލް މާހައުލުގައި ބަލަހައްޓާނެގޮތުގެ އުސޫލެވެ. ޕީއެސްއެމް ނިއުސްއަށްދެއްވި އިންޓަރވިއުއެއްގައި ޕަރސަނަލް އެސިސްޓެންޓް އޮފް މިނިސްޓަރ ފާތިމަތު ޞާފިޔާ ރަޝީދު ވިދާޅުވީ އަލަށް އެކުލަވާލާ ޕޮލިސީގެ ސަބަބުން  ދަރިވަރުންނާއި މުދައްރިސުން ނުވަތަ ސްކޫލާ ގުޅިގެން އެކުދިންގެ އަޚްލާޤީ މައްސަލަތައް ޙައްލުކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.

މިދިޔަ އަހަރުންފެށިގެން މިއުސޫލް ތައްޔާރުކުރުމުގެ މަސައްކަތް ފަށާފައިވާއިރު މިހާރު ކުރިއަށްދަނީ މި ޕޮލިސީގެ އުސޫލްގައި ހިމަނާފައިވާ ކަންތައްތަކާ އެއްގޮތަށް މަސައްކަތް  ކުރުމަށްޓަކައި، މުދައްރިސުންނަށާއި ޕްރިންސްޕަލުންނަށް ފަސޭހަވާނެ ގޮތަށް ވީޑިއޯތައް ތައްޔާރުކުރުމުގެ މަސައްކަތްކަމަށް އޭނާ ވިދާޅުވިއެވެ.

ފާޠިމަތު ޞާފިޔާ ރަޝީދު ވިދާޅުވީ  މި ޕޮލިސީއަކީ ކުރިން ތައްޔާރުކޮށްފަ ހުރި ދަރިވަރުންގެ އަޚްލާޤީ މިންގަނޑުތަކާއި، ސްކޫލުން މީގެ ކުރިން ތައްޔާރުކޮށްފައި ހުރި ޕޭޕަރުތަކާއި، ބޭރު ޤައުމުތަކުގައިވެސް ބިހޭވިއާ މެނޭޖްކުރުމަށްޓަކައި ސްކޫލްތަކުގައި ކުރަމުންދާ ކަންކަން ދިރާސާކޮށްގެން ތައްޔާރު ކުރާ ޕޮލިސީއެއްކަމަށެވެ. މި ޕޮލިސީގެ ސަބަބުން ހުރިހާ ސްކޫލްތަކަކި ރައްކާތެރި މާހައުލަކަށް ވެގްނދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ބޭރު ޤައުމުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކުދިންނަށް އަދަބު ދިނުމުގެ ބޭނުމުގައި އަޅާ ބައެއް ފިޔަވަޅުތަކަކީ އަޅުގަނޑުމެން ބޭނުންވާ ނަތީޖާ ފެންނަ ފިޔަވަޅުތަކަކަށް ނުވޭ. ކުދިން ސަސްޕެންޑް ކުރުމާއި، ގެއަށް ފޮނުވާލުމުގެ ފިޔަވަޅުތައް އެޅީމަ ކުއްޖާއަށް އެއްވެސް ފައިދާތަކެއް ނުވާކަމަށް ދިރާސާތަކުން ދައްކާ. މިހަރު ތައްޔާރުކުރާ އުސޫލަކީ ކުއްޖާއާއެކު މަސައްކަތްކުރުމަށް އެކުލަވާލެވޭ އުސޫލެއް."  ޕްރިސަނަލް އެސިސްޓެންޓް އޮފް މިނިސްޓަރ ފާޠިމަތު ޞާފިޔާ ރަޝީދު ވިދާޅުވިއެވެ.

މި ޕޮލިސީގެ ސަބަބުން ކުދިންނާއި ގުޅިގެން މަސައްކަތްކުރުމަށް ފުރުޞަތު ލިބިގެންދާނެކަމަށާއި ކުދިންނަށް ހުނަރުތައް ދަސްކޮށްދިނުމަށް ފުރުޞަތު ލިބިގެންދާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. މި އުސޫލާއެކު  ކުދިންނާމެދު ފިޔަވަޅު އެޅުމާއި، އަދަބުދިނުމުގެ އިތުރުން ބުލީ ކުރުމުގެ މައްސަލަތައް ހުއްޓުމަކަށް އަންނާނެކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ޕޮލިސީގެ ސަބަބުބް ސްކޫލްތަކުގައި ހަދާފައިވާ ޤަވާއިދުތަކަށް އިޙްތިރާމްކުރުމާއި އެކު ދަރިވަރުންގެ ގުޅުން ބަދަހިވެގެންދާނެކަމަށެވެ.