ވިޔަފާރި

މިއަހަރުގެ "ގޯލްޑް 100" ހޮވުން ފެބްރުއަރީ 22 ގައި


މިއަހަރުގެ "ގޯލްޑް 100" ގައި އެންމެ ތަފާތުކަމެއްގެ ގޮތުގައި ފެންނާނީ ވަކިވަކި ދާއިރާތަކުން ވަކިވަކި ބޭފުޅުންނަށް ދޭ އެވޯޑުކަމަށް މޯލްޑިވްސް ގެޓަވޭސްއިންބުނެފިއެވެ. މޯލްޑިވްސް ގެޓަވޭސްއިން މިހެން ބުނީ "ގޯލްޑް 100" ގެ ޕާޓްނަރުންނާއިއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މިއަހަރުގެ "ގޯލްޑް 100" ޕާޓްނަރުންނާއިއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްވަކަމުން މޯލްޑިވްސް ގެޓަވޭސްގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޑރ. ހުސައިން ސަނީ ޢުމަރު ވިދާޅުވީ އިންޑިވިޖުއަލް އެވޯޑްދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކަކީ އެޗްއާރު އެވޯޑާއި މާކެޓިންގ އެވޯޑާއި ފައިނޭންސް އެވޯޑްގެ އިތުރުން ސީއެސްއާރު އަދި އޮޕަރޭޝަނަލް އެކްސެލެންސް އެވޯޑްކަމަށެވެ. މި އެވޯޑްތައް ދިނުމުގެ ބޭނުމަކީ ވަކިވަކި ފަރުދުން ކުރާ މަސައްކަތްތައް ބަލައިގަނެ ވިޔަފާރީގެ ދާއިރާ ކުރިއެރުވުން ކަމަށް މޯލްޑިވްސް ގެޓަވޭސްއިން މަޢުލޫމާތު ދެއެވެ. 

img:http://s4.psmnews.mv/images/660x400/15167311804667.jpg|"ގޯލްޑް 100" ގެ ޕާޓްނަރުންނާއިއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ ޕީއެސްއެމް

މޯލްޑިވްސް ގެޓަވޭސްއާއި ކޯޕަރޭޓް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި އިވެންޓް އޮންނާނީ އަންނަ ފެބްރުއަރީމަހުގެ 22 ވަނަ ދުވަހު ބަނޑޮސް މޯލްޑިވްސްގައެވެ. މިއަހަރުގެ ގޯލްޑް 100 ގެ ޕްލެޓިނަމް ޕާޓްނަރަކީ ބެންކް އޮފް މޯލްޑިވްސްއެވެ. ގޯލްޑް100ގެ ސްޕޮންސަރަކަށް މިފަހަރު ހަމަޖައްސާފައިވަނީ އެސްޓީއޯއާއި ދިރާގާއި އެމްޓީސީސީއާއި އަސަރީ މެރިން މޯލްޑިވްސްއާއި ފިއުލް ސަޕްލައި މޯލްޑިވްސްއާއި އެމްސެވެން ޕްރިންޓްއެވެ. މީޑިޔާ ޕާޓްނަރުންނަށް ހަމަޖައްސާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާއާއި ސަން މީޑިއާއާއި އަވަސްގެ އިތުރުން މޯލްޑިވްސް އިންސައިޑަރ އަދި ކޯޕަރޭޓް މޯލްޑިވްސްއެވެ.

މިއަހަރުގެގާލާ ނައިޓްގައިވެސް ވިޔަފާރީގެ ދާއިރާގައި ގިނަދުވަހު މަސައްކަތްކޮށްފައިވާ 2 ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދޭނެއެވެ. ރާއްޖޭގެ ވިޔަފާރިކުރާ ފަރާތްތައް ކްރައިޓީރިއާކޮށް މާކެޓްގައި އެންމެ ފުޅާދާއިރާއެއްގައި ވިޔަފާރިކުރާ 100 ކުންފުނި ހޮވުމަށް އެންމެ ފުރަތަމަ "ގޯލްޑް 100" ގެ ނަމުގައި އެވޯޑެއް ދޭންފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައެވެ. މިއަހަރުގެ ގޯލްޑް 100 އަށް 150 ހަށްވުރެ ގިނަވިޔަފާރިތައް ނޮމިނޭޓް ކޮށްފައިވާކަމަށް މޯލްޑިވްސް ގެޓަވޭސްއިން ބުނެއެވެ. ރާއްޖޭގައި މިހާތަނަށް ޖުމްލަ 13،000 ވިޔަފާރި ރަޖިސްޓްރީކޮށްފަ ވެއެވެ.