ޚަބަރު

ދައުރުވަނީ މާކުރީގެ ފޮޓޯއެއް - ސަލަފް


އިސްލާމީ ޝަރިޢަތުގެ އުސޫލުތަކާއި ހަމަތަކުގެ މައްޗަށް ޢާއްމުން ހޭލުންތެރިކުރުވައި، ދީނީ މަޢުލޫމާތު ފަތުރާ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ ޖަމްޢިއްޔަތުއްސަލަފަށް ނިސްބަތްވާ ބައެއް ދީނީ ޢިލްމުވެރިންނާބެހޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވާހަކަ ތަކަކީ ޙަޤީޤަތެއްނޫންކަމަށް ޖަމްޢިއްޔަތުއްޞަލަފުން ހާމަކޮށްފިއެވެ. 

އެ ޖަމްޢިޔާއިން ބުނީ ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަކާބެހޭގޮތުން، މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި އެހެންބައެއް މެމްބަރުންނާއެކު ބޭއްވި ބައްދަލުވުމެއްގެ ފޮޓޯތައް ކަމަށެވެ. އެއީ ރާއްޖޭގެ ބިންތައް  ބޭރުގެ ފަރާތްތަކަށް މިލްކުކުރެވޭގޮތަށް 2015  ވަނަ އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލާމެދު އެ ޖަމްޢިއްޔާގެ ކަންބޮޑުވުންތައް ޙިއްސާ ކުރުމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ އޮފީހުގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި ބައްދަލުވުމެއްކަމަށް ޖަމްޢިއްޔަތުއްސަލަފުންބުނެއެވެ. 

އެ ބިލުގެ ބަހުސް މަޖިލީހުގައި ހިނގަމުންދިޔަ ވަގުތު  ރައްޔިތުންގެ މަޖިލީހަށް  ޙާޟިރުވެ ރައްޔިތުން މަޖިލީހުގެ މެޖޯރަޓީ ލީޑަރާއި އެ ޖަމިއްޔާގެ ކަންބޮޑުވުން ޙިއްސާ ކޮށްފައިވާނެކަމަށާ ސޯޝަލް މިޑިއާގައި ދައުރުވަމުންދަނީ އޭރުގެ ފޮޓޯއެއްކަމަށްވެސް އެޖަމްޢިއްޔާއިން ބުނެއެވެ. 

ޕިއެސްއެމެ ނިއުސްއަށް މަޢުލޫމާތުދެއްވަމުން ޖަމްޢިއްޔަތުއްސަލަފުގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާޙިމް ވިދާޅުވީ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ އެ ޖަމްޢިއްޔާގެ އަގުވައްޓާލުމަށް ކުރަމުންދާ މަސައްކަތެއްކަމަށާ، މިއީ އެ ޖަމްޢިއްޔާއާއި ރައްޔިތުންނާ ދެމެދު އޮންނަ އިތުބާރު ގެއްލުވާލުމަށް ބަޔަކު ރާވައިގެން ކުރަމުންދާ މަސައްކަތެއްކަމަށް ދެކޭކަމަށެވެ. 

ޖަމްޢިއްޔަތުއްސަލަފުގެ އަމަޒަކީ  އެންމެހާފަރާތްތަކާއެކު ގުޅިގެން މަސައްކަތްކުރުންކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ ދިނީ ނަސޭޙަތާއި ޢިލްމު އަބަދުވެސް ފޯރުކޮށްދެމުންދާނެކަމަށެވެ. 

އަދި އެޖަމްޢިއްޔާގެ އަގުވައްޓާލަން ބަޔަކު ހިންގާ މިޢަމަލަކީ ރާއްޖޭގެ އިނދިކޮޅު ސިޔާސީ ފަރާތްތަކުން ބޭނުންވާގޮތަށް އެ ޖަމިއްޔާއިން ކަންކަން ކޮށްނުދިނުމުގެ ސަބަބުން ކުރާ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ދީނީ ޢިލްމުވެރިންގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަށް އިޝާރާތްކޮށް އޭނާ ވިދާޅުވީ ޙަޤީޤަތް ނުބަލާ ދީނީ ޢިލްމުވެރިނގެ ވާހަކަތައް ނުފެތުރުމަށް އިލްތިމާސްކުރާކަމަށެވެ. އަދި ޢިލްމުވެރިންނާމެދު ޙަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ ދީނަށް ނަފްރަތު ކުރުންކަމަށާއި އެއީ ދީނުގެ ހައިބަތު ގެއްލުވާލުމަށް ކުރާކެމެއްގެގޮތުގައި އޭނާ ސިފަކުރެއްވިއެވެ.