ޚަބަރު

ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާގުޅޭ ޚާއްޞަ އެކްސްޕޯއެއް


ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ޙާއްޞަ އެކްސްޕޯއެއް ބޭއްވުމަށް ޔޫތް މިނިސްޓްރީން ނިންމައިފިއެވެ. 

"ވަޒީފާ ޔަޤީން" މި ނަމުގައި ކުރިއަށްގެންދާ މި އެކްސްޕޯ އޮންނާނީ މިމަހުގެ 26 ވާ ހުކުރު ދުވަހުގެ ހަވީރު 4 އިން 6 އަކަށް އަދި ރޭގަނޑު 8 އިން 10 އަކަށް ބްރިޖް ވިއުއިންގ ޕްލެޓްފޯމް ސަރަޙައްދުގައެވެ. މިއީ އާއްމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެއްކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

މި އެކްސްޕޯގެ ތެރެއިން އެކިއެކި ދާއިރާތަކުން ދިވެހި ޒުވާނުންނަށް ހުރި ވަޒީފާގެ ފުރުޞަތުތަކާއި ގުޅޭ މަޢުލޫމާތު ވަރަށް ފުޅާ ދާއިރާއެއްގައި ލިިބިގެންދާނެއެވެ. ހަމައެހެންމެ މިނިސްޓްރީން އެކުލަވާލާފައިވާ ވަޒީފާގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ސްޓެޕް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ލިބިގެންދާނެ ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން އެކި ފަރާތްތަކުން ހުޅުވާލާފައިވާ އިންޓަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މި އެކްސްޕޯގެ ތެރެއިން އެ ފުރުޞަތުވެސް ލިބިގެންދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ. 

"ވަޒީފާ ޔާޤީން"ގެ ނަމުގައި އަންނަ ހުކުރު ދުވަހު ޒުވާނުންނަށް ޙާއްޞަ އެކްސްޕޯއެއް ބޭއްވުމަށް ޔޫތް މިނިސްޓްރީން ނިންމާފައިވާއިރު، އެ މިނިސްޓްރީން އިންތިޒާމްކޮށްގެން ބާއްވާ "ޔޫތް ޗެލެންޖް 2018" އަންނަ ފެބްރުއަރީ މަހު ބޭއްވުމަށްޓަކާ ވާންޖެހޭ ތައްޔާރީތައްވެސް އެ މިނިސްޓްރީން މިހާރު އަންނަނީ ކުރަމުންނެވެ. މިއަހަރުގެ ޔޫތް ޗެލެންޖް ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުގެ 8 އިން 10 އަކަށް ދަރުބާރުގޭގައެވެ. 

ޔޫތް ޗެލެންޖަކީ ޒުވާނުންގެ ފަންނުވެރިކަމާއި ހުނަރު ދައްކާލުމާއި މަތީ ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތަކާއި ބެހޭ ގޮތުން މައުލޫމާތު ދިނުމަށް 1999 އިން ފެށިގެން ޔޫތް މިނިސްޓްރީން ބާއްވަމުން އަންނަ ހަރަކާތެކެވެ.