ކުޅިވަރު

ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ ހޯދައިފި


ޤައުމީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މަހިބަދޫ ސްޕޯރޓްސް ކްލަބް ހޯދައިފިއެވެ. 

މަހިބަދޫ ޗެމްޕިއަންކަން ހޯދީ ކުޅުނު ފައިނަލްގައި ވާދަވެރި ކުޅުމަކަށްފަހު ރެޑްލައިން ކްލަބްގެ މައްޗަށް ކުރި ހޯދައިގެންނެވެ. ފައިނަލް މެޗް މަހިބަދޫ ކާމިޔާބުކުރީ 44 ޕޮއިންޓް 39 ޕޮއިންޓުންނެވެ. މެޗުގައި މަހިބަދޫން ލީޑް ހޯދައިގެން މެޗު ނިންމީ ފަހު ކްއާޓަރގައެވެ. ތިންވަނަ ކްއާޓަރ ނިމުނުއިރުވެސް ދެ ޕޮއިންޓްގެ ލީޑަކާއެކު ކުރީގައި އޮތީ ރެޑްލައިންއެވެ.

 ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ މަހިބަދޫ ސްޕޯޓްސް ކްލަބްގެ އީމާ އަބްދުލް ސައްތާރު. މުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ މަހިބަދޫ ސްޕޯރޓްސް ކްލަބްގެ އީމާ އަބްދުލް ސައްތާރު، ހަމްނާ އަބްދުލް ރަހްމާން އަދި އައިމިނަތު ރަބާބުގެ އިތުރުން މުބާރާތުގެ ރަނަރ އަޕް ރެޑްލައިން ސްޕޯޓްސް ކްލަބްގެ ލަޔާން އަލީ ރަޝީދު، އައިޝަތު ނައުރާ، ކުމަރިނީ ސިލްވާ އަދި އައިޝަތު އަނާން އަނިލްއެވެ. ޗެމްޕިއަންކަން ހޯދި މަހިބަދޫ ޓީމްގައި އެރަށުން ބޭރުގެ ތިބީ ތިން ކުޅުންތެރިންނެވެ.

މެޗަށްފަހު މަހިބަދޫ ޓީމްގެ އީމާ އަބުދުއްސައްތާރު ބުނީ ރެޑްލައިން ސިޓީ ފަދަ ވަރުގަދަ ޓީމަކާ ދެކޮޅަށްކުޅެ ޗެންޕިއަންކަން ހޯދުން، މިއީ ކްލަބަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ. ޤައުމީ ނެޓްބޯޅަ މުބާރާތުގެ ފައިނަލް މެޗަށް ފަހު ޕީއެސްއެސް ސްޕޯޓްސް އާއި ވާހަކަ ދައްކަމުން އީމާ ބުނީ، މި މުބާރާތުގައި ކުޅުނު ގިނަ ކުޅުންތެރިންނަކީ މިފަހަރު އަލަށް ކުޅުނު ކުޅުންތެރިންކަމަށާއި، އެ ކުދިން ފައިނަލް މެޗުގައި ދެއްކި ކުޅުން ފާހަގަކުރާކަމަށެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމްވެސް ހޯދި އީމާ ބުނީ މެޗުގެ ފުރަތަމަ 3 ކުއާޓާރ ގައި ނަތީޖާ އެހާ ކައިރި ކައިރިގައި ދަމުން ގޮސް ހަތަރު ވަނަ ކުއާޓާރގައި ހަތަރު ޕޮއިންޓެއްގެ ލީޑަކުން މޮޅުވެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހޭކަމަށެވެ.

ވަރުގަދަ ސްކޮޑަކާއެކު މުބާރާތަށް ނިކުތް ރެޑްލައިން ކްލަބުގެ ކޯޗް އައިޝަތު ރީމާ ބުނީ، ފައިނަލް މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެއް ކަމަށާއި، ނަމަވެސް މަހިބަދޫ ސްޕޯރޓްސް ކްލަބުގެ ފަރާތުން ދެއްކި ކުޅުން ފާހަގަކުރާކަމަށެވެ.

ރީމާ ބުނީ މެޗުގެ ނަތީޖާގެ ފަރަޤު އެހާ ބޮޑުވެގެން ދިޔައީ އޭނާގެ ޓީމަށް ހެދުނު ބައެއް މިސްޓޭކްތަކުގެ ސަބަބުން ކަމަށެވެ. ފައިނަލުގައި ބަލިވިޔަސް ޖުމްލަކޮށް މުޅި މުބާރާތުގައި ރެޑްލައިން ކްލަބުގެ ފަރާތުން ދެއްކީ ވަރަށް ރަނގަޅު ކުޅުމެއް ކަމަށް ރީމާ ބުންޏެވެ.