ވިޔަފާރި

ޓެކްސްއިން ރެކުމުގެ ފުރުސަތު އެއްވެސް ވިޔަފާރިއަކަށް ނެތް- އާސިފް


ދައުލަތައް ޓެކްސް ނުދައްކާ ވިަޔަފާރިތަކާއި، ވިޔަފާރީގެ ޤާނޫނުތަކާ ޚިލާފްވާ ފަރާތްތަކާއިމެދު ދައުލަތުގެ ކަމާއިބެހޭ އިދާރާތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ހުރަސްނޭޅުމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން ގޮވާލައިފިއެވެ. 

ވިލާ ޝިޕިންގގެ ރިސޯޓްތަކާއިމެދު ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން އަޅާފައިވާ ފިޔަވަޅުތަކަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ކިޔަމުންގެންދާ ފާޑުކިޔުންތަކާބެހޭގޮތުން ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ނާއިބުރައީސް އިސްމާޢީލް އާސިފް ވިދާޅުވީ، ޤާނޫނުގެ ކުރިމަތީގައި ހުރިހާ ވިޔަފާރިތަކެއް ހަމަހަމަވާނޭކަން ސިޔާސީ ފަރާތްތަކުން ގަބޫލުކުރަން ޖެހޭނޭކަމަށެވެ.

ޓެކްސް ނުދައްކައިގެން މަޖީދީމަގުގައި ހުންނަ ވިޔަފާރިތަކަށް ފިޔަވަޅު އަޅާފަދައިން ބޮޑެތި ވިޔަފާރިތަކަށްވެސް ފިޔަވަޅު އެޅެން ޖެހޭނޭކަމަށާއި، ދައުލަތައް ދައްކަންޖެހޭ ޓެކްސްއިން ބަރީއްޔަވުމަށް ސިޔާސީފަރާތްތަކާގުޅިގެން މަސައްކަތްކުރުމަކީ، ވިޔަފާރިވެރިން ހަދާ އެންމެބޮޑު ގޯސްކަމަށް އާސިފް ވިދާޅުވިއެވެ.

އާސިފް ވިދާޅުވީ، ދައުލަތައް ޓެކްސް ނުދައްކައިގެންނާއި ވިޔަފާރީގެ ޤާނޫނާ ޚިލާފްވާ ފަރާތްތަކައިމެދު ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކުން އަޅަމުންގެންދާ ފިޔަވަޅުތަކަށް ދިވެހި ވިޔަފާރިވެރިންގެ ފަރާތުން ފުރިހަމައަށް ތާއީދު ކުރާކަމަށެވެ. 

" ރާއްޖޭގައިތިބި ބޮޑެތި ވިޔަފާރިވެރިން ޓެކްސް ނުދައްކަން ވެގެން ކޮންމެވެސް ސިޔާސީ ޕާޓީއަކާ ގުޅިގެން ކަންތައްތަކެއް ހިންގާ ޓެކްސްއިން ސަލާމަތްވާން މަސައްކަތްކުރަން ވެއްޖެއްޔާ މިހާރުއޮތް ޤާނޫނުގެ ދަށުން އަޅުގަނޑުމެންގެ މުޖުތަމަޢާއި، އިޤްތިޞާދު މިހާރު ބައްޓަންވާގޮތަށް ބަލާއިރު، ކުރިއަށްއޮތްތަނުގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ." އާސިފް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ވަނީ، ވިޔަފާރިކުރާ ފަރާތްތަކަށް ވިޔަފާރިކުރަން އަދި ސިޔާސީ ދާއިރާގައި އުޅޭ ފަރާތްތަކަށް ސިޔާސީ ދާއިރާގައި އުޅުމަށް ގޮވާލާފައެވެ. 

ވިލާ ގްރޫޕުން ހިންގާ ބައެއް ރިސޯޓްތަކުގެ މައްސަލާއި ސަރުކާރުގެ އިދާރާތަކުން ނިންމާ ނިންމުންތަކަށް އިޙްތިރާމްކުރުމަށް ދިވެހި ވިޔަފާރިވެރިންގެ ޤައުމީ ޖަމިއްޔާއިން ގޮވާލާފައިވާއިރު، ވިޔަފާރީގެ ޤަވާއިދުތަކާއި ޚިލާފްވުމުގެ ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ވަނީ ވިލާ ގްރޫޕްގެ ބައެއް ރިސޯޓްތަކަށް ފިޔަވަޅު އަޅާފައެވެ.