ކުޅިވަރު

ކޭވައި އެކަޑަމީގެ އެތްލީޓުން ސިންގަޕޫރު މުބާރާތެއްގައި ވާދަކުރަނީ


ސިންގަޕޫރުގެ ސުކޫލްތަކުގެ މެދުގައި އޮންނަ އެތުލެޓިކްސް މުބާރާތެއްގައި ވާދަކުރުމުގެ ފުރުޞަތު ރާއްޖޭގެ ކޭވައި އެކަޑަމީގެ ފަސް އެތުލީޓަކަށް ލިބިއްޖެއެވެ.

 ސިންގަޕޫރުގެ އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމްކުރާ ސުކޫލް ކޮލެޖް އެތުލެޓިކްސް މުބާރާތުން ރާއްޖޭގެ ކޭވައި އެކަޑަމީއަށް ފުރުސަތު ލިބުނީ އެ އެސޯސިއޭޝަންގެ ހާއްސަ ދައުވަތަކަށެވެ. މިމުބާރާތުގައި ރާއްޖޭގެ ކޭވައި އެކަޑީމީގެ ފަސް އެތުލީޓުން ވާދަކުރާނެއެވެ. ފުރަތަމަ ފަހަރަށް ރާއްޖޭގެ އެކަޑަމީއަކަށް ލިބުނު ފުރުސަތާ ގުޅޭގޮތުން ކުރީގެ އެއްވަނަ ދުވުންތެރިޔާ ޔަޒްނީ ނަޝީދު ( ޔަޒޫ ) ބުނީ މުބާރާތެއްގައި ބައިވެރިވާ ފުރަތަމަ ފަހަރު ކާމިޔާބު ނުލިބިދާނެ ކަމަށާއި، އެހެންނަމަވެސް ރާއްޖޭގެ އެތުލީޓުން ރަނގަޅު ފައިޓެއް ދޭނެކަމަށެވެ. 

ޔަޒޫ ބުނީ އަލަށް ލިބުނު ފުރަސަތަކީ ވާދުކުރާ އެތުލީޓުންނަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ. ސިންގަޕޫރުގެ ދިހަ ސުކޫލްގެ އިތުރުން މެލޭޝިޔާގެ ތިން ސުކޫލަކުން ވާދަކުރާ މުބާރާތާ ގުޅޭގޮތުން ޔަޒޫ ބުނީ މިކަހަލަ މުބާރާތަކުން ލިބޭ ތަޖުރިބާ އެއީ މުހިންމު އެއްޗެއްކަމަށާއި، ކޭވައި އެކަޑަމީ އުފުދުނީއްސުރެ މިކަހަލަ ފުރުސަތަކަށް އުންމީދު ކުރެވުނު ކަމަށެވެ.

" އަސްލު ބޮޑަށް ބޭނުންވަނީ މޮޅުވުމަށް ވުރެން އެކުދިންނަށް ލިބޭ ތަޖުރިބާ. ކުޅިވަރުގައި ވާދަކުރާ ފުރަތަމަ ފަހަރު ކާމިޔާބެއް ނުލިބިދާނެ. މިއީ ވާދަކުރާ އެތުލީޓުންނަށް ލިބުނު ރަނގަޅު ފުރުސަތެއް."

މުބާރާތުގައި ރާއްޖެއިން ވާދަކުރާ އެތުލީޓުން ފަންސާސް މީޓަރ، ސަތޭކަ މީޓަރ، ދުއިސައްތަ މީޓަރ، ތިންސަތޭކަ މީޓަރ އަދި ހަސަތޭކަ މީޓަރ ދުވުމުގައި ބައިވެރިވާނެއެވެ. 

ތޭރަ އަހަރުން ދަށުގެ އެތުލީޓުންނަށް ހާއްޞަކޮށްގެން  ދެ ދުވަހަށް ބާއްވާ މުބާރާތް ސިންގަޕޫރުގައި އޮންނާނީ މިމަހުގެ ސައްބީހުން ހަތާވީހަށެވެ. މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމް ސިންގަޕޫރަށް ފުރާނީ މާދަމޭރެއެވެ.