ތަޢުލީމު

ދިގުމުއްދަތުގެ ކޯސްތަކާއި، މާސްޓަރސްއަށް ތަރުޙީބު ބޮޑު!


މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ(އެމްއެންޔޫ)ން  މިއަހަރު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރެއިން ސެޓްފިކެޓް ލެވެލްގެ މަދު ކޯސްތަކެއް  މިފަހަރު ނުފެށުނުކަމުގައިވީނަމަވެސް، ދިގު މުއްދަތުގެ ކޯސްތަކާއި، މާސްޓާރސް ޑިގްރީލެވެލްގެ ކޯސްތަކުގެ ތަރުޙީބް ވަރަށް ރަގަޅުކަމަށް އެ ޔުނިވަރސިޓީން ބުނެފިއެވެ.

އެ ޔުނިވަރސިޓީން މިއަހަރުގެ ފުރަތަމަ ޓާރމުގައި، ސަތޭކަ އެގާރަ ކޯހެއް ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ.

މީގެ ތެރެއިން ބައެއް ކޯސްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އަނެއްބައި ކޯސްތަކަކީ ދެ ސެމިސްޓަރއަށް ވަކިން ފަށާ ކޯސްތަކެއްކަމަށް އެ ޔުނިވަރސިޓިން ބުނެއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒް ވިދާޅުވީ މި އަހަރުގެ ފުރަތަމަ ޓާރމުގައި އާ ކޯސްތަކެއް ނުފަށާނެކަމަށެވެ. ނަމަވެސް  ދެވަނަ ޓާރމުގައި ޕީއެޗްޑީގެ އާ ދެ ކޯހެއް ފެށުމަށް ހަމަޖެހިފައިވާކަމަށް ޑރ އަލީ ފަވާޒް ވިދާޅުވިއެވެ.

ފުރަތަމަ ޓާރމުގައި ކުރިއަށް ނުގެންދާ،  ސެޓްފިކެޓްލެވެލްގެ ކޯސްތަކަކީ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒްގެ ކޯސްތަކާއި ފެކަލްޓީ އޮފް އާރޓްސްގެ ކޯސްތަކެކެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒް ވިދާޅުވީ އާންމު ގޮތެއްގައި ފެކަލްޓީ އޮފް އާރޓްސްގެ ކޯސްތަކަކީ ޔުނިވަރސިޓީއާއި އަދި މުޅި ޤައުމުވެސް އެކަމާ މެދު ވިސްނަންޖެހޭ ކޯސްތަކެއްކަމަށެވެ.

އާރޓްސްގެ ދާއިރާއަކީ ސްކޫލް ސިސްޓަމުންވެސް ވަރަށް މަދުން ގްރެޖުއޭޓްވާ ދާއިރާއެއްގެ ގޮތުގައި ފާހަގަކުރައްވާ ފަވާޒް ވިދާޅުވީ، މިއީ މަސައްކަތުގެ ދާއިރާއިންވެސް ޢާމްދަނީ ހޯދުމުގައިވެސް ކޮންމެވެސް ވަރެއްގެ އުނދަގޫކަމެއް ހުރި ދާއިރާއެއްކަން ޑރ.ފަވާޒް ފާހަގަކުރެއްވިއެވެ.

އެހެންކަމުން ޔުނިވަރސިޓީން ފެކަލްޓީ އޮފް އާރޓްސްއަށް ކުދިން އިތުރުކުރެވޭނެ ގޮތްތަކެއް ބަލަން ޖެހޭކަމަށް ޤަބޫލުކުރައްވާކަމަށްވެސް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ އަލީ ފަވާޒް ވިދާޅުވިއެވެ.