ޚަބަރު

ކުޅުދުއްފުށީގައި ސްކޫލް ބަހުގެ ޙިދުމަތް ދެނީ


ހދ. ކުޅުދުއްފުށީގައި ސްކޫލްބަހުގެ ޙިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މޯލްޑިވްސް ޕޯޓް ލިމިޑެޓް އެމްޕީއެލުން ބުނެފިއެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްޕީއެލްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ އަންނަ ޖުލައިމަހުގެ ކުރިން ކުޅުދުއްފުށީގައި ސްކޫލްބަހުގެ ޙިދުމަތް ދޭން ފެށޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ކުޅުދުފުއްޓަށް ގެނައުމަށް ހަމަޖެހިފައިވަނީ ފަންސަވީސް ގޮޑީގެ ބަސްތަކެއްކަމަށް ހަލީމް ވިދާޅުވިއެވެ.

" ކުޅުދުއްފުށީގައި ހަތަރުބަސް ބޭނުންކުރާނެ، ޕްލައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ސްކޫލް ކުދިންނަށް ބަހުގެ ޙިދުމަތްދޭނީ، އާއްމު ރައްޔިތުންގެ ޑިމާންޑަށް ބަލާ އާއްމުންނަށްވެސް މި ޙިދުމަތް ފުޅާ ކުރާނަން " ހަލީމް ވިދާޅުވިއެވެ.  

މާލެ ހުޅުލޭ ބުރިޖުގެ ދަތުރުފަތުރުގެ ޙިދުމަތް ދިނުމަށްވެސް ހަވާލުކޮށްފައިވަނީ އެމްޕީއެލްއާއެވެ. އެ ޙިދުމަތް ދިނުމަށް ބޭނުންކުރާ ބަސްތަކާއި، ކުޅުދުއްފުށީގައި ބޭނުންކުރާ ބަސްތައް ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވަނީ އެއްކޮށް ކަމަށް ހަލީމް ވިދާޅުވިއެވެ.

މާލޭ ސިޓީ އާއި ހދ. ކުޅުދުއްފުށި އަދި ލ. އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބަހުގެ ޚިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޕީއެލްއާއެވެ. އެގޮތުން މިހާރު އެކުންފުނިން އަންނަނީ ލާމު އަތޮޅުގައި ބަހުގެ ޚިދުމަތް ދެމުންނެވެ. ލާމު ލިންކް ރޯޑްގައި ބަހުގެ ޚިދުމަތް ފަށާފައިވަނީ ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.