ޚަބަރު

ސައުދީ ސަރުކާރުން ދީނީ ފޮތްތަކެއް ހަދިޔާކޮށްފި


ސައުދީ ޢަރަބިއްޔާގެ ސަރުކާރުގެ ދީލާތި އެހީގެ ދަށުން ގިނަ އަދަދެއްގެ ދީނީ ފޮތްތައް އިސްލާމިކް ލައިބްރަރީއަށް ހަދިޔާކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ފޮތްތަކުގެ ތެރެއިން އެއްބައި ބެހެއްޓުމަށް ހަމަޖެހިފައި ވަނީ އިސްލާމިކް ލައިބްރަރީގައި ކަމަށެވެ. އަދި ދެން ހުރި ފޮތްތައް ގެންދާނީ ގދ. ތިނަދޫގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރަށާއި ރ. އުނގޫފާރުގައި އިމާރާތްކުރާ އިސްލާމިކް ސެންޓަރގެ ލައިބްރަރީއަށް ކަމަށެވެ. 

ދިވެހި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން މި ފޮތްތަކާ ހަވާލުވެލެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދާއި ޕަރމަނަންޓް ސެކްރެޓަރީ މުޞްޢަބު ޢަބްދުﷲއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕަރމަނަންޓް ސެކްރެޓަރީ އަމުޞްޢަބު ޢަބްދުﷲ ވިދާޅުވީ މި ފޮތްތަކަކީ މުޖުތަމައަށް ވަރަށް ފައިދާ ހުރި ފޮތްތަކެއްކަމަށެވެ. އަދި މި ކަމުން ދައްކުވައިދެނީ ދެ ގައުމު ދެމެދު އޮތް ބަދަހި ގުޅުން ކަމަށްކަށްވެސް މުޞްޢަބު ވިދާޅުވިއެވެ.

މީގެ ކުރިންވެސް ސައުދީ ސަރުކާރުން ވަނީ  މިފަދަ ފޮތްތައް ރާއްޖެއަށް ހަދިޔާކޮށްފައެވެ.