ޚަބަރު

ޔަމަނުން ސަޢޫދީއަށް ދެމުންދާ ޙަމަލާތައް ދިވެހިރާއްޖެއިން ކުއްވެރި


ޔަމަނުގެ ހޫޘީން ސަޢޫދީ އަރަބިއްޔާއަށް އަމާޒުކޮށް ދީފައިވާ ބެލިސްޓިކް މިސައިލް ހަމަލާ ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުއްވެރިކުރައްވައިފިއެވެ.

ރާއްޖެއިން މިކަންކުއްވެރިކޮށްފައިވަނީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީއިން އާދީއްތަދުވަހު ޖިއްދާގައި ބޭއްވި ކުއްލި ބައްދަލްވުމުގައެވެ.

މިބައްދަލްވުމުގައި ވާހަކަފުޅުދައްކަވަމުން ފޮރިން މިނިސްޓަރ ޑރ މުޙައްމަދު އާސިމް ވަނީ، ޓެރަރިޒަމާ ދެކޮޅަށް ސަޢޫދީން ކުރަމުންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި ޔަމަނުން ދޭ ހަމަލާތަކުގެ ސަބަބުން ސަޢޫދީގެ ރައްކާތެރިކަމާއި އިސްތިޤްލާލަށް ބުރުއަރާކަން ފާހަގަކުރައްވާ މިނިސްޓަރ އާސިމް ވިދާޅުވީ ޔަމަނުގެ މިފަދަ އަމަލުތަކުގެ ސަބަބުން މެދުއިރުމަތީގައި ސުލްހަވެރިވެއްޓެއް ޤާއިމްކުރުމަށް ކުރާ މަސައްކަތައް ބުރޫއަރަމުންދާކަމަށެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ އދގެ ސެކިއުރިޓީ ކައުންސިލުން ޔަމަނަށް ކަޑައަޅާފައި ހުންނަ ސަފީރު އިސްމާއިލް އުލްދް ޝޭހް އަހުމަދު، ޔަމަނުގައި ސުލްހަ ޤާއިމްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ފާހަގަކުރައްވާފައެވެ. އަދި މެދުއިރުމަތީގައި ސުލްހަ ޤާއިމް ކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިނިސްޓަރ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

އާދީއްތަދުވަހު ޖިއްދާގައި ބޭއްވި އޯ.އައި.ސީގެ ކުއްލި ބައްދަލުވުމަކީ ޔަމަނުގެ ހޫޘީން މިދިޔަ ޑިސެމްބަރު މަހު ރިޔާޟަށް ދޭން މަސައްކަތްކުރި މިސައިލް ހަމަލާއާއި ސަޢޫދީއަށް ހޫޘީން ތަކުރާރުކޮށް ދެމުންދާ މިފަދަ ހަމަލާތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ބޭއްވުނު ބައްދަލްވުމެކެވެ.

އޯ.އައި.ސީގެ ފޮރިން މިނިސްޓަރުންގެ މި ބައްދަލްވުމަކީ ސައުދީ ސަރުކާރުގެ އެދިލެއްވުމުގެ މަތިން ކުރިޔަށް ގެންދިޔަ ބައްދަލްވުމެކެވެ. މިބައްދަލުވުމުގައި ފޮރިން މިނިސްޓަރގެ އިތުރުން ރާއްޖެއިން ސަޢޫދީއަށް ކަޑައަޅުއްވާފައި ހުންނަވާ ސަފީރު އަބްދުﷲ ހަމީދާއި ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޖާވިދް ފައިސަލްވެސް ބައިވެރިވެ ވަޑައިގެންފައިވެއެވެ.