ޚަބަރު

ވިލާގެ 4 ރިސޯޓަކުން ޓެކްސް ނުދައްކާތާ 10 މަސް


2017 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ވިލާޝިޕިން ކުންފުނިން ހިންގާ 4 ރިސޯޓަކުން، ޓީޖީއެސްޓީއާ ގްރީންޓެކްސް ދައްކަމުން ނުދާކަމަށް ދައުލަތުގެ ޓެކްސް އިދާރާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފިއެވެ.

ވިލާ ޝިޕިންގ ގެ ކުންފުނިތަކުގެ ވިޔަފާރިއަށް ގެއްލުންދިނުމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މަސައްކަތްތަކެއް ކުރަމުންގެންދާކަމަށް ބުނެ، ބައެއް މީޑިއާތަކުން މައުލޫމާތު ފަތުރަމުންދާތީ، ކަމުގެ ހަޤީގަތް ބަޔާންކޮށް މީރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ވިލާ ޝިޕިންގ ކުންފުނިން ހިންގާ 4 ރިސޯޓެއްގައި، މިމަހުގެ 17 ވަނަ ދުވަހުން ފެށިގެން ކަސްޓަމްސްއިން ހިންގަމުންދާ އޮޕަރޭޝަނެއްގައި މީރާއިން ބައިވެރިނުވާކަމަށެވެ.

ވިލާ ޝިޕިންގ ކުންފުންޏަކީ ރިސޯޓް ކުލީގެ ގޮތުގައި ދައުލަތައް ދައްކަންޖެހޭ 18.9 މިލިއަން ޑޮލަރު ދައްކާފައިނުވާތީ، އެއޮތޯރިޓީގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ފިޔަވަޅު އަޅާފައިވާ ކުންފުންޏެއްކަމަށްވެސް މީރާއިން ބުނެއެވެ. 

ޖިއެސްޓީއާއި ގްރީން ޓެކްސްއަކީ ރާއްޖެ އަންނަ ފަތުރުވެރިން ދިވެހި ދައުލަތައް ދެއްކުމަށް ޓެކްސްދައްކާ ފަރާތާ ހަވާލުކުރާ ފައިސާއަކަށް ވީނަމަވެސް ވިލާ ޝިޕިންގ ކުންފުނިން ހިންގާ 4 ރިސޯޓުން 2017 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން މިހާތަނަށް ގްރީން ޓެކްސް އާއި ޓީޖީއެސްޓީ އެއްގޮތަކަށްވެސް ދައްކަމުން ގޮސްފައިނުވާކަމަށް މީރާއިން ބުނެއެވެ.

މިގޮތުން އެ މުއްދަތުގެ ތެރޭގައި ޓީޖީއެސްޓީއާއި ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ދައްކަންޖެހޭ 5.1 މިލިއަން ޑޮލަރު ދައްކާފައިނުވާތީވެ، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެހެން ޓެކްސްދައްކާ ފަރާތްތަކާ މެދުވެސް ޢަމަލުކުރެވޭ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ތަފާތުކުރުމެއްނެތި ވިލާ ޝިޕިންގ ކުންފުނިން ހިންގާ ރިސޯޓްތަކާމެދުވެސް ފިޔަވަޅު އަޅާފައިވާކަމަށް މީރާއިން ބުނެއެވެ.

މީރާއިންބުނީ، ރާއްޖެއަށް އެތެރެކުރާ މުދާ އެތެރެކުރުމުގެ ހުއްދަ ދިނުމާއި އެތަކެތި ބޭނުންކުރުމާބެހޭ ޤަވާޢިދުތައް ތަންފީޒުކުރުމަކީ އެއޮތޯރިޓީގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެއް ނޫންކަމަށެވެ. އަދި ވިލާ ޝިޕިންގ ކުންފުނިން ހިންގާ ރިސޯޓްތަކެއްގައި ކަސްޓްމްސްއިން ހިންގާ އޮޕަރޭޝަންތަކަކީ މީރާގެ ޤާނޫނުގެ ދަށުން ކުރަމުންދާ ކަމެއްނޫންކަމަށްވެސް އެއޮތޯރިޓީން ބުނެއެވެ.

މީރާއިން ބުނީ ޓެކްސްދެއްކުމުގައި ފިޔަވަޅު އަޅަނީ "މީރާގެ އެންފޯސްމަންޓް ޕޮލިސީ"ގެ ދަށުން ކަނޑައެޅިފައިވާ އިޖުރާޢަތުތައް ފުރިހަމަކޮށް ޓެކްސްދައްކާ އެންމެހާ ފަރާތްތަކުގެ މެދުގައި ހަމަހަމަ އުސޫލަކުންކަމަށެވެ.

އަދި އެއްވެސް ވިޔަފާރިއަކަށް ޤާނޫނީ ތަރަހައިންބޭރުން އަދި އެއްވެސް ވިޔަފާރިއަކަށް ގެއްލުންދިނުމުގެ މަޤްސަދުގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނޭކަމުގެ ޔަގީންކަން އެއޮތޯރިޓީން ދެއެވެ. މީރާއިން ވަނީ، އެއޮތޯރިޓީގެ މަސައްކަތްތަކާއި ތަސައްވުރަށް އުނިކަން ގެނައުމުގެ ގޮތުން އެއޮތޯރިޓީއާ ގުޅޭ ޙަޤީގަތެއްނެތް ދޮގުވާހަކަ ނުފެތުރުމަށްވެސް އިލްތިމާސްކޮށްފައެވެ.