ވިޔަފާރި

2017 ނިމުނުއިރު ދައުލަތުގެ ރިޒާވް 586.2 މިލިއަން ޑޮލަރުގައި


މިދިޔަ ޑިސެމްބަރުމަސް ނިމުނުއިރު ދައުލަތުގެ ރިޒާވް ރެކޯޑް މިންވަރަކަށް މައްޗަށް ހިނގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާއްމުކޮށްފައިވާ އިޤްތިޞާދީ މުރާޖައާ ރިޕޯޓްގައިވާގޮތުން ޑިސެމްބަރުމަސް ނިމުނުއިރު، ރާއްޖޭގެ ރަސްމީ ރިޒާވް ހުރީ، 586.2 މިލިއަން ޑޮލަރުގައެވެ. އެމްއެމްއޭއިން މީގެކުރިން ބުނެފައިވަނީ، މިދިޔަ އަހަރު ދައުލަތުގެ ރިޒާވް 480.1 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

މިއީ އަހަރުން އަހަރަށް ބަލާއިރު، %26 އިތުރުވުމެކެވެ. އަދި މިއީ މަހުން މަހަށް ބަލާއިރު، %11 އިތުރުވުމެކެވެ.

އެމްއެމްއޭގެ މި ރިޕޯޓަށް ބަލާއިރު، މިދިޔަ ޑިސެމްބަރުމަސް ނިމުނުއިރު، ރަސްމީ ރިޒާވްގެ ތެރެއިން ޔޫސަބަލް ރިޒާވް، ނުވަތަ ބޭރުފައިސާގެ އެކިއެކި މުއާމަލާތްތަކަށް ވަގުތުން ވަގުތަށް އެމްއެމްއޭއިން ބޭނުންކުރުމަށް ބަހައްޓާފައިހުންނަ ރިޒާވް ހުރީ 206.4 މިލިއަން ޑޮލަރުގައެވެ.

މިއީ އަހަރުން އަހަރަށް ބަލާއިރު، %3 އިތުރުވުމެކެވެ، އަދި މިއީ އަހަރުން އަހަރަށް ބަލާއިރު، %20 އިތުރުވުމެކެވެ.

އެމްއެމްއޭއިން ބުނީ، މަހުން މަހަށް ބަލާއިރު ޔޫސަބަލް ރިޒާވް އިތުރުވެފައިވަނީ، އެބޭންކަށް މާރުކުރެވުނު ބޭރުފައިސާގެ އަދަދު އިތުރުވުމުން ކަމަށެވެ. އަދި މި އަހަރު ނިމޭއިރު، ދައުލަތުގެ ރިޒާވް 593.6 މިލިއަން ޑޮލަރަށް އިތުރުވާނެކަމަށްވެސް އެއޮތޯރިޓީން ވަނީ ލަފާކޮށްފައެވެ.