ކަލާފާނު ސްކޫލްގައި ގްރޭޑު އެކަކުންފެށިގެން ދިހައަކާއި ހަމައަށް ތަޢުލީމު ޙާސިލުކޮށްފައިވާ މުޙައްމަދު ރައިޝަން އަޙްމަދުވަނީ، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލުމަށްފަހު ނިމިގެންދިޔަ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައަކުން ޖާގަ ހޯދާފައެވެ. އޯލެވެލް އިމްތިހާނުގައި ރައިޝަން ބައިވެރިވި މާއްދާތަކުން އިގިރޭސި މާއްދާއިން އޭސްޓަރ ހޯދާފައިވާއިރު، ބަޔޮލޮޖީ، ކެމިސްޓްރީ ،ކޮމްޕިއުޓާރ ސްޓަޑީސް އަދި ފިޒިކްސް އިން ވަނީ އޭ ހޯދާފައެވެ. މީގެ އެއިތުރުުން އެސްއެސްއީ އިމްތިހާނުގައި ބައިވެރިވެ، ދިވެހި މާއްދާއިން ބީ އަދި އިސްލާމް މާއްދާއިން ވަނީ ސީ ފާސް ހޯދާފައެވެ. މިއީ ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖަކު ޘާނަވީ އިމްތިޙާނެއްގައި މިހާ މަތީ ފާހެއް ހޯދި ފުރަތަމަ ފަހަރެވެ.
ރައިޝަންގެ ހިތްވަރުން ހޯދި ކާމިޔާބީ ފާހަގަކުރައްވާ އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢައިޝަތު ޝިހާމް ވަނީ ކަލާފާނު ސްކޫލަށް ވަޑައިގެން ރައިޝަންއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ ރައިޝަންއަށް މަރްޙަބާ ދަންނަވާ، ރައިޝަންގެ ކުރިމަގާމެދު ވިސްނާފައިވާ އޮތްގޮތާއި މިހިސާބަށް އައުމަށް ދިމާވި ގޮންޖެހުންތަކާ ބެހޭގޮތުން އޮޅުންފިލުއްވާފައެވެ. އަދި ރައިޝަންގެ ބެލެނިވެރިންނާއި ޢާއިލާގެ ކިބައިން ދެއްވި ހިތްވަރަށް މިނިސްޓަރ ވަނީ ޝުކުރުއަދާކުރައްވާފައެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައިވަނީ މިފަދަ ކުދިންނަށް ތަޢުލީމުދިނުމަށް ސްކޫލްތަކުންނާއި ޓީޗަރުންކުރައްވަމުންގެންދަވާ މަސައްކަތް ފާހަގަކުރައްވާ އެފަދަ ބުރަމަސައްކަތެއް ކުރައްވަމުންގެންދަވާކަމަށްޓަކާއި ކަލާފާނު ސްކޫލްގެ މެނޭޖްމެންޓަށާއި ޓީޗަރުންނަށް ޝުކުރުއަދާކުރައްވާފައެވެ. ރައިޝަންއާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތް ޝިހާމް ވިދާޅުވީ ހުރިހާ އެންމެން ގުޅިގެން މަސައްކަތްކުރާ ނަމަ ކާމިޔާބީ ލިބޭނެކަން މިއަދު ކަށަވަރުވެފައިވާކަމަށެވެ.
img:http://s3.psmnews.mv/images/660x400/15165445996751.jpg|
ރައިޝަން ބުނީ އޯލެވެލްގައި ލިބުނު ކާމިޔާބީއާ މެދު ހިތްހަމަޖެހޭކަމަށާއި، މަތީ ޘާނަވީއަށް ކިޔެވުމަށް ސީ.އެޗް.އެސް.އީއަށް ދާން ބޭނުންވާކަމަށެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރައިޝަން ގަދަ ދިހައެއްގައި ހިމެނުނު އިރު ޅ. ހިންނަވަރުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުން އޯލެވެލް ހެދި ފެނުމުން މަޙްރޫމްވެފައިވާ މަރިޔަމް އާމާލް ޢަބްދުﷲ ވަނީ ހަތަރު މާއްދާއިން "ސީ" ފާސް ހޯދާފައެވެ. އެޑިއުކޭޝަން މިނިސްޓަރ ވަނީ އާމާލް އާ ފޯނުން ގުޅުއްވާ މަރުޙަފަބާ ދަންނަވާފައެވެ. ސަރުކާރުގެ އެއްވެސް ކުއްޖަކު ބާކީ ނުކުރާ ސިޔާސަތުގެ ދަށުން ތަޢުލީމީ ނިޒާމުގެ ތެރެއިންދަނީ ހުރިހާ ކުދިންނަށް އެކަށީގެންވާ ތަޢުލީމު ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.