ދުނިޔެ

ސޫރިޔާގައި ރިޔާސީ އިންތިޚާބުގެ ކެމްޕޭން ރަސްމީކޮށް މިއަދު ފަށާނެ





 


ސޫރިޔާގައި ކުރިޔަށް ގެންދިއުމަށް ތަޢާވަލުކޮށްފައިވާ އެޤައުމުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ރަސްމީ ސިފައެއްގައި މިއަދު ފަށާނެކަމަށް، ސޫރިޔާގެ ޤާނޫނީ އެންމެ މަތީ ކޯޓުން ހާމަކޮށްފިއެވެ.


 
ޖޫން މަހުގެ ތިންވަނަ ދުވަހު ސޫރިޔާގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިޔަށް ގެންދާއިރު، މިއަދުން ފެށިގެން ޖޫން ދެވަނަ ދުވަހުގެ ނިޔަލަށް ކެމްޕޭން ހަރަކާތްތައް ކުރިޔަށް ގެންދިއުމުގެ ފުރުޞަތު، އިންތިޚާބުގައި ވާދަކުރާކަން ކަށަވަރުވެފައިވާ ތިން ފަރާތަށް އޮތްކަން ސޫރިޔާގެ ސުޕްރީމް ކޯޓުން ވަނީ ހާމަކޮށްފައެވެ.


 
ޝަރުތު ހަމަނުވާކަމަށް ނިންމާ، އިންތިޚާބުގައި ވާދަނުކުރެވޭކަން އަންގާފައިވާ ބައެއް ފަރާތްތަކުން ޕެޓިޝަން ހުށަހަޅާފައިވާއިރު، ކޯޓުގެ ނިންމުމަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާކަން، ސޫރިޔާގެ ސުޕްރީމް ކޯޓުގެ ތަރުޖަމާނު – މަޖީދު ޚަދްރާ ވަނީ ހާމަކުރައްވާފައެވެ.   އިންތިޚާބުގައި ވާދަކުރުމަށް ސައުވީސް ފަރާތަކުން ނަން ހުށަހެޅިނަމަވެސް، ފައިނަލް ކޮށްފައިވަނީ ތިން ކެނޑިޑޭޓުންނެވެ. އެއީ ސޫރިޔާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރ – މެހްރު އަބްދުލް ހާފިޒު ހައްޖާރާ، ސޫރިޔާގެ ތަރައްޤީއާއި ބެހޭ ވަޒީރެއްގެ ގޮތުގައި ޚިދުމަތް ކޮށްދެއްވި ހަސަން އަބްދުލް ނޫރީގެ އިތުރުން، މިހާރުވެސް ރައީސް – ބައްޝާރުލް އަސަދު ކަމަށް މަޢުލުމާތު ލިބެއެވެ.


 
 


މިދަނޑިވަޅަކީ ތިން އަހަރުވީ ސޫރިޔާގެ ދާޚިލީ ހަނގުރާމަޔަށް އަދިވެސް ޙައްލެއް ހޯދިފައި ނުވާ ދަނޑިވަޅަކަށްވީ ހިނދު، ސޫރިޔާގެ ރިޔާސީ އިންތިޚާބާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.