ޚަބަރު

ކުޅުދުއްފުށީ މޫސާ ޢަލީ އަވަހާރަވެއްޖެ


ދިގު މުއްދަތަކަށް ހދ. ކުޅުދުއްފުށީ ކަތީބުކަމާއި ކުޑަ ކަތީބުކަން ކުރެއްވި އެރަށު އެލްޕާސޯ މޫސާ ޢަލީ އަވަހާރަވެއްޖެއެވެ.

މޫސާ ޢަލީ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވުމަށްފަހު އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ފަރުވާ ހޯއްދަވަމުންދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 79 އަހަރެވެ. މޫސާ ޢަލީ ވަނީ 40 އަހަރަށް ވުރެ ގިނަ މުދައްތަކަށް ސަރުކާރަށް ޚިދުމަތްކުރައްވާފައެވެ. އަދި ރިޓަޔަރ ކުރެއްވިއިރު އަދާކުރައްވަމުން ގެންދެވީ ކުޅުދުއްފުށީ ކަތީބުކަމުގެ މަޤާމެވެ. 

މޫސާ ޢަލީ ފާހަގަ ކުރެވިފައިވަނީ ކުޅުދުއްފުއްޓަށް ޒަމާނީ ތަރައްޤީ ގެނެސްދެއްވުމުގައި މުހިއްމު ދަޢުރެއް އަދާކުރެއްވި އަދި އިޖްތިމާޢީ އެތައް ޚީދުމަތްތަކެއް ހިލޭސާބަހަށް ކޮށްދެއްވާފައިވާ ވަރަށް ހިންގުންތެރި ބޭފުޅެއްގެގޮތުގައެވެ. ވަކިން ޙާއްޞަ ގޮތެއްގައި ރާއްޖެއަށް އަސާސީ ތަޢުލީމު ތަޢާރަފުވެގެންދިޔަ ދުވަސްވަރު، ކުޅުދުއްފުއްޓާއި އުތުރުގެ ރަށްތަކަށް ލިޔަންކިޔަން ދަސްކޮށްދިނުމާއި ޢަރަބި ތަޢުލީމާއި ހިސާބު ޢިލްމު ފެތުރުއްވުމުގައި މުހިއްމު މަސައްކަތްތަކެއް މޫސާ ޢަލީ ވަނީ ކުރައްވާފައެވެ. އެގޮތުން މޫސާ ޢަލީ ވަނީ މަދަރުސާއިން ބޭރުން ދަރިވަރުންނަށް ހިސާބު އަކުރާއި، ޢަރަބި އަކުރު ދަސްކޮށްދެއްވުމަށް އަމިއްލަ ގޭގައި ހިލޭސާބަހަށް ޓިއުޝަން ދެއްވާފައެވެ. ހަމައެހެންމެ ދިވެހި އަދަބިއްޔާތަށް ހިދުމަތްކުރެއްވުމުގައިވެސް މޫސާ ޢަލީއަކީ ކުޅުދުއްފުށީގައި ފާހަގަކޮށްލެވޭ ބޭފުޅެކެވެ. އެގޮތުން މޫސާ ޢަލީގެ ޢަރަބި އަދި ތާނަ ލިޔުުންތަކަކީ މުޅި އެރަށަށްވެސް މަޝްހޫރު އަދި އަތްތެރިކަމުގެ މައުރަޒުތަކުން ތަފާތު ވަނަތައް ހޯދާފައިވާ ލިޔުންތަކެކެވެ.

މީގެއިތުރުން މޫސާ ޢަލީ ފާހަގަކުރެވިފައިވަނީ ދީނީ ކަންތައްތަކަށްވެސް ނުހަނު ބޮޑު އިސްކަމެއްދެއްވާ ހިތްހެޔޮ ބޭފުޅެއްގެގޮތުގަ. އެގޮތުން އެންމެފަހު ދުވަހާއި ޖެހެންދެންވެސް ކަށުކަމާކެމީގެ ކަންތައްތަކާއި، އިމާމްވެ ނަމާދުކުރުން ފަދަ ކަންތައްތަށް ހިލޭ ސާބަހަށް ކުރެއްވިއެވެ.

މުސާ ޢަލީގެ މައްޗަށް ކުރެވޭ ކަށުނަމަދު އޮންނާނީ މިއަދު އަސުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.