ދުނިޔެ

ޢިފްރީން ސަރަޙައްދު ގަޑުބަޑުކުރީ އެމެރިކާ- ރަޝިޔާ


ސޫރިޔާގެ ހުޅަނގު އުތުރުގެ ޢިފްރީން ސަރަހައްދަށް ތުރުކީ ސިފައިން ޙަމަލާ ދޭންފެށީ އެމެރިކާގެ ސަބަބުންކަމަށް ރަޝިޔާއިން ބުނެފިއެވެ. ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ، ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތައް ގަޑުބަޑުކުރީ އެމެރިކާ ކަމަށާއި، އެކަމުގެ ޒިންމާ އުފުލަންޖެހޭނީވެސް އެމެރިކާއިން ކަމަށެވެ.

މި ގޮތުން ތުރުކީވިލާތުގެ އިންޒާރުތަކަށް ބެލުމެއްނެތި ސޫރިޔާގެ ކުރުދީ ޖަމާއަތްތަކަށް އެމެރިކާއިން ހަތިޔާރާއި ތަމްރީންދީ، ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތައް އަތްދަށުލުމުގެ ފުރުޞަތު ކުރުދީންނަށް ފަހިކޮށްދިނީ އެމެރިކާކަމަށް ރަޝިޔާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނެއް ބުނެއެވެ.

ތުރުކީވިލާތުން ވަނީ އެމެރިކާގެ މަދަދު ލިބޭ ސޫރިޔާގެ ކުރުދީ ޖަމާއަތްތަކީ ތުރުކީވިލާތް ބައިބައިކޮށްލުމަށް މަސައްކަތްކުރާ ޕީ.ކޭ.ކޭ. ޖަމާޢަތުގެ ގޮތްޕެއް ކަމަށްބުނެ ޢިފްރީންގައިވާ ކުރުދީ ބާރުތަކާ ދެކޮޅަށް ވައިގެ ޙަމަލާތައް ދޭން ފަށާފައެވެ.