ޚަބަރު

ދިއްދޫގެ ފެނުގެ ޚިދުމަތްހޯދުމަތް ހޯދަން އިތުރު ފުރުސަތު ދީފި


ހއ.ދިއްދޫގައި ސަރުކާރުން ހިންގާ ސާފުބޯފެނުގެ ނިޒާމް ނުގުޅައި ހުރި ގޭގޭގެ ތެރެއިން ހިލޭ ފެން ގުޅަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ. 

ދިއްދޫކައުންސިލުން ނެރެފައިވާ އިޢުލާނެއްގައި ބުނެފައިވަނީ މިހާރުވެސް ދިއްދޫގެ ގިނަ ފަރާތްތަކަކަށް ވާނީ ފެނުގެ ކަނެކްޝަން ގުޅައިދެވިފައިކަމަށާ، އެހެންނަމަވެސް، އަދިވެސް އެ ޚިދުމަތަށް ބޭނުންވާ ފަރާތްތައް ރަށުގައި ތިބުމަކީ އެކަށީގެންވާ ކަމަކަށްވާތީ، އެ ފަރާތްތަކުން ފެނުގެ ކަނެކްޝަނަށް އެދި ހުށަހެޅުމުގެ އެންމެ ފަހު ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.

ފެނުގެ ކަނެކްޝަން ގުޅައިދިނުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީން އެ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ކަނޑައަޅާވާފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތްތަކަށްކަމަށްވެސް އެކައުންސިލުން ބުނެއެވެ. 

މި ޝަރުޠުތަކުގެ ތެރޭގައި ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ހަދައިދީފައިވާ ތަންތަނާއި، ޢާންމު ޚިދުމަތްދޭ ތަންތަނުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ތަންތަނާއި، ވަކިން ދިރިއުޅޭ ގޭބިސީތަކެއް ކަމުގައިވާނަމަ އެފަދަ ތަނެއްކަމުގައި ކައުންސިލުން ރަސްމީކޮށް ކަނޑައަޅާފައިވާ ތަންތަނާއި، ވަކި ކަރަންޓް މީޓަރެއް ރަޖިސްޓްރީކުރެވިފައިވާ ތަންތަނާއި ޢާންމު ވިޔަފާރިއާއި ޞިނާޢީ މަސައްކަތްކުރާ ތަންތަނާއި، އެ ޢިމާރާތުގެ ފާރުތައް ރާނާ ހިޔާކޮށްފައިވާ ތަންތަން ކަމުގައި ވާންޖެހެއެވެ. 

ދިއްދޫ ކައުންސިލުން ބުނީ މި ޝަރުޠުތައް ފުރިހަމަވާ އަދި ފެނުގެ ކަނެކްޝަން ލިބިފައި ނުވާ ފަރާތްތަކުން 22 ޖެނުއަރީ 2018 ވާ ހޯމަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، ކައުންސިލްގައި ނަން ނޯޓްކުރަންޖެހޭކަމަށެވެ. 

ދިއްދޫގައި ފެނުގެ ނިޒާމްގެ މަސައްކަތްކޮށްފައިވަނީ ސިއެރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުންނެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފެން ކުރިއަށްގެންދިޔަ މި މަޝްރޫއަށް ޖުމްލަ 53 މިލިއަން ރުފިޔާ ހަރަދުކޮށްފައެވެ.