ވިޔަފާރި

ފްލައި ދުބާއީ ހުއްޓާލިނަމަވެސް އެމިރޭޓްސްގެ ދަތުރުތައް އިތުރުވާނެ


ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެއްވެސްވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނޭކަމަށް އިނަ މޯލްޑިވްސްއިން ބުނެފިއެވެ. 

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވީ، އަންނަމަހުގެ ފަހުކޮޅު ފްލައި ދުބާއީގެ ދަތުރުތައް ހުއްޓާލި ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ދަށްވެގެން ނުދާނޭ ކަމަށެވެ.

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލުމާއިއެކު، އޭގެ ބަދަލުގައި ރާއްޖެއަށް އުދުހުންތައް ބާއްވާނީ، އެ އެއަރލައިނާ ކޯޑު ޝެއަރ ކުރަމުން އަންނަ އެމިރޭޓްސް އެއަރލައިނުންނެވެ. 

އެމިރޭޓްސް އެއަރލައިނުން މިހާރުވެސް ގެންދަނީ ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ކުރަމުންނެވެ. 

ފިރާގް ވިދާޅުވީ، ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސް އެއަރލައިންގެ އުދުހުންތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވާނެކަމަށެވެ. 

ފްލައި ދުބާއީން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ، މީގެ 5 އަހަރު ކުރިންނެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ނިންމީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއްގެ ދަށުންނެވެ.

ފްލައި ދުބާއީ އާއި އެމިރޭޓްސް އެއަރލައިން ތަފާތު ދެ ކުންފުންޏެއްގެ ދަށުން ހިންގިނަމަވެސް، މި ދެ އެއަރލައިނުގެވެސް ބަލަދުވެރި ފަރާތަކީ ޔޫއޭއީގެ ސަރުކާރެވެ.