ޚަބަރު

ގެވެށިއަނިއާއި ގުޅޭގޮތުން ހޭލުންތެރިކުރުމަށް ކޮންފަރެންސެއް!


ގެވެށިއަނިޔާއާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުމަށް ޤައުމީ ފެންވަރުގައި ކޮންފަރެންސެއް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފް.ޕީ.އޭއިން ބުނެފިއެވެ. 

"ނޭޝެނަލް ކޮންފަރެންސް އޮން ރިސަރޗް އިން ޑޮމެސްޓިކް ވަޔަލެންސް"ގެ ނަމުގައި ބާއްވާ މި ކޮންފަރެންސް އޮންނަނީ މިމަހުގެ 28 ވަނަދުވަހާއި 29 ވަނަ ދުވަހުކަމަށް އެއޮތޯރިޓީން އެ އޮތޯރިޓީން ބުނެއެވެ. 

"ނޭޝެނަލް ކޮންފަރެންސް އޮން ރިސަރޗް އިން ޑޮމެސްޓިކް ވަޔަލެންސް"ގެ ނަމުގައި ގެވެށިއަނިޔާއާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުމަށް ބާއްވާ ކޮންފަރެންސްގެ ޝިއާރެއްގެގޮތުގައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ކަނޑައަޅާފައިވަނީ "ރައްކާތެރިކަން" އެވެ. މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ ގެވެށިއަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހަމަހަމަ ގޮތެއްގައި ޙިމާޔަތާއި، ރައްކާތެރިކަމާއި، ނަފްސާނީ އަދި އިޖުތިމާޢީ އެހީތެރިކަން ލިބިގަތުމަށް މަގުފަހިކޮށްދިނުންކަމަށް އެ އޮތޯރިޓީން ބުނެއެވެ.

މި ކޮންފަރެންސާ ގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ފެމެލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޕްރޮގްރާމްސް ރިސަރޗް އެންޑް އެޑްވޮކަސީ ޑިޕާރޓްމަންޓްގެ ޑިރެކްޓަރ، ޒީނަތު ޝާކިރު ވިދާޅުވީ، ގެވެށިއަނިޔާ ހިނގަން މެދުވެރިވާ ސަބަބާއި، ގެވެށިއަނިޔާގެ ހާލަތު ދެނެގަތުމަށް ރާއްޖޭގައި ދިރާސާތައް ކުރެވޭ މިންވަރު ނިސްބަތުން މަދުކަމަށެވެ. އަދި އެކަމުގެ ސަބަބުން ގެވެށިއަނިޔާ ހުއްޓުވުމާގުޅޭ ސިޔާސަތުތަކާއި، ޕްރޮގްރާމްތައް އެކުލަވާލައި ހިންގުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާކަމަށެވެ. ޒީނަތު ވިދާޅުވީ، ދެ ދުވަހުގެ މި ކޮންފަރެންސްގެ ތެރެއިން ގެވެށިއަނިޔާއާއި ގުޅޭގޮތުން ތަފާތު ދިރާސާތައް ތައްޔާރުކުރުމަށް މުއައްސަސާތަކާއި، ޖަމްޢިއްޔާތަކާއި، ވަކިވަކި ފަރުދުންނަށް ހިތްވަރުދީ، އެފަދަ ދިރާސާތައް ހުށަހަޅައި، ދިރާސާތަކުގެ ހޯދުންތަކާގުޅޭގޮތުން ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެކަމަށެވެ.

"މިފަދަ ކޮންފަރެންސެއްގެ އެންމެ ބޮޑު މަޤްޞަދަކީ ގެވެށިއަނިޔާގެ ޙާލަތު ދިވެހިރާއްޖޭގައި އޮތް މިންވަރު ދެނެގަތުން. އަދި އެފަދަ އަނިޔާގެ މައްސަލަތައް ހިނގަން މެދުވެރިވާ ސަބަބުތަކަކީ ކޮބާކަމާއި، ގެވެށިއަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތަކުން، އެ ހިދުމަތް ފޯރުކޮށްދިނުމުގައި ދިމާވަނީ ކޮންކަހަލަ ގޮންޖެހުންތަކެއްކަން އަލި އަޅުވާލައިގެން، ހެދޭ ދިރާސާ ކަރުދާސްތަކެއް ހުށައަޅާ މަޝްވަރާކުރުން. ދެން މި ކަރުދާސްތައް ހުށައެޅުމަށް ހުޅުވާލި ފުރުޞަތުގައި އަމިއްލަ ފަރާތްތަކުންނާއި، އެހެނިހެން މުއައްސަސާތައް ކަރުދާސް ހުށައަޅާފައިވޭ. އަދި އެފް.ޕީ.އޭއިންވެސް ކަރުދާސްތަކެއް ތައްޔާރުކުރަމުން މިދަނީ." ޒީނަތު ވިދާޅުވިއެވެ. 

ޒީނަތު ވިދާޅުވީ، އެކި މުއައްސަސާތަކުން ހުށަހަޅާ ތަފާތު ކަރުދާސްތަކާގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، މި ކޮންފަރެންސްގެ ތެރެއިން ވަރަށް ޚާއްސަ 2 ޕެނަލް ޑިސްކަޝަންވެސް ކުރިއަށްގެންދިއުމަށް ރާވާފައިވާކަމަށެވެ. އެގޮތުން ފުރަތަމަ ޕެނަލް ޑިސްކަޝަންގައި އިސްލާމީ ނަޒަރަކުން ގެވެށިއަނިޔާއާ ގުޅޭގޮތުން ވާހަކަދެއްކުމަށް ޚާއްސަކޮށްފައިވާއިރު، ދެވަނަ ޕެނަލް ޑިސްކަޝަންގައި ގެވެށިއަނިޔާގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމަށް ޤާނޫނު ތަންފީޒުކުރާ މުއައްސަސާތަކުން ފޯރުކޮށްދޭ ރައްކާތެރިކަމާގުޅޭގޮތުން ވާހަކަދެއްކުމަށް ހަމަޖެހިފައިވާކަމަށްވެސް ޒީނަތު ވިދާޅުވިއެވެ.

"މި ޕެނަލް ޑިސްކަޝަންގެ އެންމެ ބޮޑު މަޤްޞަދަކީ ގެވެށިއަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެންމެ ލުއިފަސޭހަގޮތަކަށް ކިހިނެއްކަން އިންސާފު ހޯދޭނީ އަނިޔާގެ މައްސަލަތަކުގައި. ހަމައެއާއެކު އިންސާފު ލިބިގަތުމަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބާކަމާއި، މުއައްސަސާތައް ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެ ގޮތްތަކެއް ހޯދުން" ޒީނަތު ވިދާޅުވިއެވެ. 

މިފަދަ ކޮންފަރެންސެއްގެ ސަބަބުން، ރާއްޖޭގައި ގެވެށިއަނިޔާގެ ޙާލަތު ދެނެގަނެ، ގެވެށިއަނިޔާ ހުއްޓުވުމާގުޅޭ ތަފާތު ސިޔާސަތުތައް އެކުލަވާލުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެވި، ކަމާގުޅުންހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތަކަކީ ކޮބައިކަން ދެނެގަނެވިގެންދާނެކަމަށް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ބުނެއެވެ. އަދި އެކި ބާވަތުގެ އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ލިބެންޖެހޭ ރައްކާތެރިކަމާއި، އިޖްތިމާއި ޚިދުމަތް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތަކަކީ ކޮބައިކަން ދެނެގަނެވިގެންދާނެކަމަށްވެސް އެ އޮތޯރިޓީން ހާމަކުރެއެވެ.