 
										
			އިންޑިއަން ކައުންސިލް ފޯރ ކަލްޗަރަލް ރިލޭޝަންސް، އައި.ސީ.ސީ.އާރ ސްކޮލަރޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ދަރިވަރުންނަށް ހުޅުވާލައިފިއެވެ.
 
މި އަހަރާއި އަންނަ އަހަރުގެ އައި.ސީ.ސީ.އާރ ސްކޮލަރޝިޕްގެ ތެރެއިން ދިވެހި ދަރިވަރުންނަށް ބައިވެރިވެވޭނީ ދެ ސްކީމެއްގައެވެ.  މި 2 ސްކީމަކީ، ޖެނެރަލް ސްކޮލަރޝިޕް ސްކީމްއާއި އެއިޑް ޓު މޯލްޑިވްސް ސްކޮލަރޝިޕް ސްކީމެވެ. 
 
ޖެނެރަލް ސްކޮލަރޝިޕް ސްކީމްގެ ދަށުން ޖުމްލަ 19 ފުރުޞަތު ހުޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ބެޗްލަރސް ޑިގްރީގެ 9 ފުރުޞަތަކާއި، މާސްޓަރސް ޑިގްރީގެ 10 ފުރުޞަތު ހިމެނެއެވެ. އަދި އެއިޑް ޓު މޯލްޑިވްސް ސްކޮލަރޝިޕް ސްކީމްގެ ދަށުން ޖުމްލަ 20 ފުރުޞަތު ހުޅުވާލާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބެޗްލަރސް ޑިގްރީގެ ކޯސްތައް އެކަންޏެވެ.
 
ޑިޕާރޓްމަންޓް އޮފް ހަޔަރ އެޑިއުކޭޝަންގެ ވެބްސައިޓުގައި ޝާޢިއުކޮށްފައިވާ ސްކިލްސް ޝޯޓޭޖް ލިސްޓްގައިވާ ސިއްހީ ދާއިރާ ފިޔަވައި އެހެން ކޮންމެ ދާއިރާއަކަށްވެސް މި 2 ސްކީމްގެ ދަށުން ކުރިމަތިލެވޭނެކަމަށް އެ ޑިޕާރޓްމަންޓުން ބުނެއެވެ. އައި.ސީ.ސީ.އާރު ސްކޮލަރޝިޕަށް ކުރިމަތިލުމަށް 2 ސްކީމެއް ހުޅުވާލާފައި ވީނަމަވެސް އެޕްލިކޭޝަން ހުށަހެޅޭނީ މީގެތެރެއިން ކޮންމެވެސް 1 ސްކީމެއްގެ 1 ކޯހަކަށެވެ. އަދި 2 ސްކީމަށް، ނުވަތަ 1 ކޯހަށްވުރެ ގިނަ ކޯހަށް އެޕްލިކޭޝަން ހުށަހަޅައިފިނަމަ ހުރިހާ އެޕްލިކޭޝަނެއް ބާތިލުވާނެކަމަށްވެސް އެ ޑިޕާރޓްމަންޓުން ބުނެއެވެ. 
 
މި ސްކޮލަރޝިޕްގެ ދަށުން ދަރިވަރުންގެ ހުރިހާ ޚަރަދެއްވެސް ދިނުމަށް ހަމަޖެހިފައިވަނީ އަ.އިސީ.ސީ.އާރުގެ ފަރާތުންނެވެ. އަދި ކޯހަށް ހޮވޭ ދަރިވަރުން ކޯސް ފުރިހަމަނުކޮށް ދޫކޮށްލައިފިނަމަ، އެކޯހަކަށް ހިނގި ޚަރަދު އިންޑިއާ ސަރުކާރަށް ދައްކަންޖެހޭނެއެވެ. 
 
އަ.އިސީ.ސީ.އާރު ސްކޮލަރޝިޕްގެ މި 2 ސްކީމަށްވެސް ކުރިމަތިލުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލާފައިވަނީ މިމަހުގެ 22 ވާ ހޯމަދުވަހުގެ މެންދުރު 13:30 ގެ ނިޔަލަށެވެ.