ޚަބަރު

ރާއްޖޭގެ އާސާރީ ތަންތަނާ ގުޅޭ ޚާއްޞަ ސަރވޭއެއް ކުރަނީ


އިނގިރޭސިވިލާތުގެ އޮކްސްފޯޑް ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒްއާއި ޑިޕާރޓްމަންޓް އޮފް ހެރިޓޭޖް ގުޅިގެން ރާއްޖޭގެ އާސާރީ ތަންތަނާގުޅޭ މަޢުލޫމާތު ހިމެނޭ ފުރިހަމަ ސަރވޭއެއް ކުރުމަށް ނިންމައިފިއެވެ.

މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް އެންމެ ފުޅާ ދާއިރާގައި ކުރިއަށްގެންދާ ސަރވޭއެވެ. 2 އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ސަރވޭގައި ރާއްޖޭގެ މަދުވެގެން 5 އަތޮޅެއްގައި ހުރި ހެރިޓޭޖް ސައިޓްތަކާއިގުޅޭ މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސަރވޭކުރުމުގައި އޮކްސްފޯޑް ސެންޓަރ ފޯރ އިސްލާމިކް ސްޓަޑީޒްގެ ފަންނީ އިރުޝާދާއި ލަފާ ލިބިގެންދާނެކަމަށާއި، އެ ސެންޓަރުގެ ތަޖުރިބާކާރުން ރާއްޖޭގައި ޢަމަލީގޮތުން ޙަރަކާތްރެރިވާނެކަމަށް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބުނެއެވެ. އަދި މިކަން ކުރުމުގައި ރާއްޖޭގައި މިދާއިރާއިން މިވަގުތު ލިބެންނެތް އައު ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމަށް ހަމަޖެހިފައިވާކަމަށްވެސް އެ ޑިޕާޓްމަންޓުން ބުނެއެވެ. 

މި ސަރވޭ ކުރުމުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް މިމަހުގެ 22 ގެ ނިޔަލަށް އެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން މި ސަރވޭގައި ބައިވެރިވާ ފަރާތްތަކަށް އަސާސީ މުސާރައެއްގެ ގޮތުގައި 10،000 ރުފިޔާގެ އިތުރުން، ދަތުރު އެލަވެންސާއި، ކެއުމާއި، ފޯން އެލަވެންސްވެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަސައްކަތް ކުރުމަށް ބޭނުންވާ މީހުން ހޮވުމުގައި ލިންގުއިސްޓިކްގެ ދާއިރާ، އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ، ލޮޖިސްޓިކް އަދި މެނޭޖްމަންޓްގެ ދާއިރާ ނުވަތަ ފޮޓޯގްރަފީ އަދި 3D މޮޑެލިންގެ ދާއިރާއިން ބެޗެލަރޒް ޑިގްރީއެއް ޙާސިލްކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެކަމަށްވެސް ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މަޢުލޫމާތުދެއެވެ. 

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން ބުނީ އެ ޑިޕާޓްމަންޓްގެ އަމާޒަކީ މިއަހަރުގެ މާރޗްމަހުގެ ތެރޭގައި މި ސަރވޭގެ އަމަލީ މަސައްކަތް ފެށުންކަމަށެވެ.